ޤާނޫނު އޮންނަގޮތުން އެވެސް ރަށެއްގެ އިޚްތިޞާޞްގައި އޮންނަ ރަށެއް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްޤީނުކުރެވޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮޅުމަޑުލު އޮމަދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

އޮމަދޫގެ އިޚްތިޞާޞްގައި ހިމެނޭ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަން ފާހަގަކުރަށްވަމުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ޤާނޫނު އޮންނަގޮތުން އެވެސް ރަށެއްގެ އިޚްތިޞާޞްގައި އޮންނަ ރަށެއް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްޤީނުކުރެވޭނެ ކަމަށެވެ. އަދި މިހާރުވެސް އެ ރަށުގައި ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓަލެއް ތަރައްޤީކުރުމުގެ ފުރުޞަތު އޮތްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވަނީ އެއްބަސްވުމެއްގެ ދަށުން އެރަށެއްގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުން، ވަކި އިންސައްތައެއްގެ ފައިދާއެއް ކައުންސިލުތަކަށް ލިބޭގޮތަށް އޮތުން ކަމަށްވާތީ، ޤާނޫނީގޮތުން އެފަދަ ފުރުޞަތެއް ހޯއްދަވައިދެއްވޭތޯ ބައްލަވަމުން ގެންދަވާކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތުގެ ދަށުން އޮމަދޫގެ އިޚްތިޞާޞްގައި އޮންނަ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ފައިދާ ލިބޭނެގޮތެއް ފެނޭތޯ ބައްލަވަމުންދާ ކަމުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އޮމަދޫގެ ތަރައްގީއާއި ގުޅުންހުރި މަޝްރޫޢުތަކުގެ ތެރެއިން ފެށިފައިހުރި މަޝްރޫޢުތަކާއި އަދި އެރަށުގައި އަލަށް ފައްޓަވަން ނިންމަވާފައިވާ މަޝްރޫޢޫތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިއަދުގެ ޖަލްސާގައި، އޮމަދޫ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ސޮއިކުރުން އޮތެވެ.