ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހުޅުމާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ އެޕާޓްމަންޓު ބަލައިފާސްކުރުމަށްފަހު އެވެ.
އެގޮތުން މި ސެޕްޓެމްބަރ މަހު 23 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. ފޭދޫ / މާވަސްގެ، އަޙްމަދު ސައްފާން (26އ) އާއި، މާލެ / ހމ. މާވަހަރު، ޝާނާ (32އ) އާއި، ފާރޫކް ޗޮކީދާރު / ބަންގްލަދޭޝް (50އ) އަދި ސަފިކް / ބަންގްލަދޭޝް (40އ) އެވެ.
މި މައްސަލާގައި އެ ދެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (24.06 ގުރާމް) އާއި 363 ގުޅަ މަނާބޭސް (37.6 ގުރާމް) ފެނިފައިވާކަމަށާއި، އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4500 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާނާ (32އ) 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ދެން ތިބި ތިން މީހުން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ 15 ދުވަހުގެ މުއްދަތަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!