ކުރީގެ އަދަދާއި ގުޅޭ:

ހުސެން އެ ތަނުން ފެންނާނެ ނަމައޭ ހިތަށް އެރުމާއެކު އަހަރެން ލަދުގެންފިއެވެ. އިންތިހާއަށް ހުސެން ދެކޭ ހިތްވެއެވެ. ނަމަވެސް އެ ހިތްވަރު އަހަރެންގެ ކިބައިގައި ހުރިހެންނެއް ހިއެއް ނުވެއެވެ. އަހަރެން ހައިރާންވަނީ އެހެންވެއެވެ. އެކުވެރިއެކޭ ބުންޏަސް، އަހަރެންގެ ހިތުން ހުސެންއަށް މި ދެވުނީ އެކުވެރިއެއްގެ މަގާމެއް ނޫންކަންނޭނގެއޭ ބައެއް ފަހަރު އަހަރެންގެ ހިތަށް އަރައެވެ.

Ad
rt

ޖެހިގެން އައި ދުވަހެވެ. ގޭތެރޭގެ ކަންތައްތައް ހަމައަކަށް އަޅުވާލެވުނު އިރު، މެންދުރު ވެއްޖެއެވެ. ހުޅުމާލެއަށް ދާން ޖެހޭތީ އަހަރެން، އަތްމަތި ވަރަށް އަވަސް ކުރީމެވެ. އެއަށްވުރެ ބޮޑަށް އަހަރެންގެ ހިތްތެޅެމުން ދިޔައީ މިއަދު ހުސެން ފެނިދާނެކަމުގެ އުއްމީދު ބޮޑުކަމުންނެވެ. ލިލީ ގޮވައިގެން އަހަރެން ސައިކަލްގައި ނިކުތީ ހުސެންގެ މަންމައަށް ދޭން ބޯވާ ކޮތަޅު ވެސް ހިފައިގެންނެވެ. ހުސެންގެ މަންމައަށް އަހަރެން ގުޅީ، ހުސެން ކިޔައިދިން ލޮކޭޝަންއަށް ގޮހެވެ. މަންމަގެ ނަންބަރަށް ގުޅި އިރު ވެސް އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެއެވެ. ހުސެންގެ މަންމައާ ދިމާވާން އުޅޭތީވެ ވާ ގޮތްކަން އަހަންނަށް އެނގެއެވެ. އަދި ހުސެން ފެނުނީމަ އަހަންނަށް ވާނެ ގޮތް އެ ވަގުތު އަންދާޒާ ވެސް ނުކުރެވުނެވެ.

ނޭވާ ހިފަހައްޓާލައިގެން ހުއްޓާ، ހުސެންގެ މަންމަ ފޯނު ނެގިއެވެ. އެއާއެކު އަހަންނަށް ހަށިފުރާ ނޭވާ ދޫކޮށްލަން މަޖުބޫރުވީ އަޑު ބޭރު ކުރަން ވެސް އުނދަގޫ ވެގެންނެވެ.

" ހުސެން ބުނެގެން ބޯވާއެއް ހަވާލު ކުރަން ވެގެން." އަހަރެން ބުނީމެވެ. އިހްތިރާމާއެކުއެވެ.

" ހުސެންއޭ؟ ކާކު ތީ؟" އެ ސުވާލުން އަހަރެން ހުއްޓުން އެރިއެވެ. ދޭނެ ޖަވާބެއް ނޭނގުނެވެ.

" މީ... ހުސެން ފްރެންޑެއް. މި ނަންބަރު ދީފަ ބުނީ މަންމަގެއަށް ހަވާލު ކުރާށޭ. " އަހަރެން ބުނީމެވެ.

" އާދޭ ލިފްޓަށް އަރައިގެން. އަށަކަށް އަރާ." ހުސެންގެ މަންމަ ބުންޏެވެ.

ލިލީގެ އަތުގައި ހިފައިގެން އަހަރެން ހިނގައިގަތީމެވެ. ލިފްޓްގެ ދޮރު ހުޅުވުނު އިރު އެޕާޓްމަންޓްގެ ކުރިމަތީގައި ހުސެންގެ މަންމަ ހުރީ ލޯބި ހިނިތުންވުމެއްގައެވެ. އެ އުމުރުގެ މީހުންދެކެ އަހަރެން ވަރަށް ލޯބިވެސް ވެއެވެ. ވަރަށް ސަމާސާ ވެސް ކުރާ ހިތްވެއެވެ. އެހެންވެ، އަހަރެން ހުރީ ހުސެންގެ މަންމައާ އަނގަތަޅާލާ ހިތްވެފައެވެ.

" ކޮބާ ހުސެން؟" މަންމަގެ ކުރިމަތީގައި ހުއްޓުމާއެކު އަހަންނަށް ފުރަތަމަ ވެސް އަމާޒުވީ އެ ސުވާލެވެ.

ރޭ ފަތިސް ވަންދެން ހުސެން އަހަންނާ ވާހަކަ ދައްކަން އޮތެވެ. އެހެންވެ އޭނާ މިހާރު އޮންނާނީ ނިދާފައިކަން އަހަންނަށް ހަމަ ރަނގަޅަށް އެނގެއެވެ. ނަމަވެސް އަހަންނަށް ދޮގު ހަދަން މަޖުބޫރުވިއެވެ. ހުސެންގެ މަންމައާ ފުރަތަމަ ވެސް އަނގައިން ބުނަން މި ޖެހުނީ ބޮޑު ދޮގަކުންނޭ ހިތަށް އެރުމުން އަހަރެންގެ ހިތް ވެސް ނުތަނަވަސްކޮށްލިއެވެ.

" ހުސެން؟ މްމް.. ނޭނގެ. މަގުމަތިން ދިމާވެގެން ބޯވާ ހުރި ވާހަކަ ބުނީމަ ،ބުނީ މަންމައަށް ފޮނުވާށޭ." އަހަރެން ބުނީމެވެ.

" އެހެންތަ؟ ކީއްވެ އޭނަ އެ ގެއަށް ނުގެންދިޔައީ ބޯވާ؟" ދެ ވަނަ ސުވާލަށް ވެސް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގުނެވެ. އަހަންނަށް ހެވުނީއެވެ. އަހަރެން ދޭ އެއްޗެއް ހުސެންއަށް ގެއަށް ގެންދަން ނުކެރޭނެކަން އަހަންނަށް ވެސް އެނގެއެވެ. އަހަންނާ ހުސެންގެ މެދުގައި އޮތް ގުޅުމެއް މަންމައަކަށް ނޭނގޭނެތާއޭ އަހަރެންގެ ހިތަށް އެރިއެވެ.

" އޭނައަށް ވަރަށް ގުޅައިފީމޭ. ފޯނެއް ނުނަގާ." ކަންބޮޑުވެފައި ހުރެ މަންމަ ބުންޏެވެ.

މަންމަގެ ކަންބޮޑުވުން ފެނި އަހަންނަކަށް ހިމޭނަކުން ނުހުރެވުނެވެ.

" ވެދާނެއެއްނު ނިދާފަކަމަށް." އަހަރެން ބުނެލީމެވެ.

އެ ވަގުތު ހުސެންގެ މަންމަގެ ޝައުގުވެރިކަން އަހަރެންގެ ދަރިފުޅު ލިލީއަށް އަމާޒު ވެއްޖެއެވެ. އަހަރެންގެ އަތުގައި ހިފައިގެން ލިލީ ހުރުމުން މަންމަ ލިލީއަށް ބަލައިލިއެވެ.

" ހާދަ ބަސްއަހާ ކުއްޖެކޭ. ދައްތަ ހަދިޔާއެއް ދެންތަ؟" މަންމަ ބުންޏެވެ.

އެ ވަގުތު ލިލީ އަހަންނަށް ބަލައިލިއެވެ. އަހަރެން ދިއްކޮށްލި ކޮތަޅު ހިފައިގެން ހުސެންގެ މަންމަ އެޕާޓްމަންޓަށް ވަނުމަށްފަހު އެނބުރި އައީ ލިލީއަށް ހަދިޔާ ހިފައިގެންނެވެ. ހަދިޔާކޮތަޅެއް ލިލީ އަތަށް ދިނުމަށްފަހު، މޫނުގައި ކޮއްޓާލުމުން ލިލީގެ މޫނުމައްޗަށް ވެރިވި އުފާވެރިކަން ފެނި، އަހަރެން ވެސް އުފާވިއެވެ. ލިލީ ބޮޑުވަނީ އަހަރެން ގާތުގައެވެ. މާމައާއި ކާފަމެންގެ ލޯތްބަކީ ކިހާ މުހިއްމު އެއްޗެއްކަން އަހަންނަށް ވިސްނެއެވެ. އެ ލޯބި ތާ އަބަދު ލިލީއަށް ހޯދައިދޭން ވެސް އަހަރެން ބޭނުންވެއެވެ.

ހުސެންގެ މަންމަ ލިލީއާ ވާހަކަ ދެއްކުމަށްފަހު އަހަންނާ ވާހަކަ ދައްކަން ފެށިއެވެ. ވިއްސަކަށް މިނިޓް ވަންދެން އަހަރެމެން ވާހަކަ ދައްކަން ތިބީމެވެ. އެ ފަދަ ހެޔޮ މަންމައެއް ހުސެންއަށް ލިބުނީތީ އަހަރެން ވަރަށް އުފާކުރީމެވެ. ހުސެންގެ އަނތްބަކަށް އަހަރެން ވީ ނަމަ އެ މަންމައާ އަހަންނާ ހާދަ ވާހަކައެއް ދައްކާނެޔޭ ހިތަށް އެރިއެވެ. އަހަންނާ އެއްވަރަށް މަންމަ ވެސް އެހާ އަނގަ ގަދައެވެ. އެހެންވެ، ހާދަ މަޖާ ވާނެޔޭ ވެސް ހިތަށް އެރިއެވެ. އެ މަންމަ އެހާ ވެސް ލޯތްބެވެ. އަހަރެން އެނބުރި އަންނަން ދެން އަހަރެންގެ ފަހަތުން މަންމަ ވެސް އައެވެ. އަދި އެއްފަހަރު އަންނަންވާނެޔޭ ބުނީމަ އަދި އިތުރު ފުރުސަތެއް ލިބުނީތާއޭ އަަރެންގެ ހިތަށް އެރިއެވެ.

" ދައްތަގެ ފޯނުގަ ނަންބަރު ޖަހައިދީފަ ދޭބަލަ. " ހުސެންގެ މަންމަ އެހެން ބުނުމާއެކު އަހަރެންގެ ހިތް އުފަލުން ފޮޅިގަތެވެ.

ލިފްޓްގެ ދޮރު ލެއްޕުނު އިރު ވެސް މަންމަ ހުރީ އަހަރެމެންނަށް ބަލަހައްޓައިގެން ހެވިފައެވެ. ގޮވައިގެން އައިސްދާނަމޭ ވެސް އަހަރެން ހިތަށް އެރިއެވެ.

އާއިލާއަކީ ކިހާ މުހިއްމު އެއްޗެއްކަން އަހަންނަށް ވިސްނެން ފެށިއެވެ. މަންމައާއި ބައްޕަމެން ގޮވައިގެން އުޅުމުގެ ނަސީބު ލިބޭނެނަމައޭ ވެސް އަހަރެންގެ ހިތަށް އެރިއެވެ. މައިންބަފައިން އުމުރުން ދުވަސްވީމަ، އެ މީހުންނަށް ހިދުމަތްކޮށްދީ ހޭހަން ކޮށްދޭން އަހަރެން ބޭނުމެވެ. އަހަރެންގެ މައިންބަފައިން ނެތަސް، ޒިޔާދުގެ މައިންބަފައިން ދުނިޔޭގައި އެބަ ތިއްބެވެ. ރަށުގައި ދިިރިއުޅެނީ ޒިޔާދުގެ ފިރިހެން ކޮއްކޮއާ އެކުއެވެ. އެ މީހުންނާ މެދު ވެސް ޒިޔާދު މާ ބޮޑު ފަރުވާލެއް ނުބަހައްޓާތީ އަހަރެން އޭނާއަށް ވަރަށް ނަސޭހަތް ދެމެވެ. ނަމަވެސް ޒިޔާދަކީ މުޅިން ތަފާތު މީހެކެވެ. އެއީ އެކަނިވެރިކަމަށް ލޯބި ކުރާ މީހެކެވެ. އޭނާ އުޅެން ބޭނުންވަނީ ވެސް މީހުންނާ ވަކިންނެވެ. އަހަރެމެން ދިރިއުޅޭ ގެއެއްގައި އިތުރު ބަޔަކު އުޅޭކަށް ވެސް ޒިޔާދު ބޭނުމެއް ނުވެއެވެ. އަހަރެން ކިތަންމެ އެކަނިވެރި ވިޔަސް އެއީ ޒިޔާދު ބޭނުންވާ ގޮތެވެ. ޒިޔާދާއެކު އުޅެވޭނީ އޭނާ ރުހޭ ގޮތަކަށް އަހަރެން ތަބާ ވެގެންނެވެ. ޒިޔާދަކީ ގޮތްދޫނުކުރުމުގެ ލާމަސީލެވެ.

ހިތާހިތުން ޒިޔާދުއަށް އެއްޗެހި ގޮވަމުން ގޮސް، ހުޅުމާލެއަށް އާދެވުނުކަން ވެސް އަހަންނަކަށް ނޭނގުނެވެ. އެ މީހުން ބުނި ބީޗަށް އަހަރެން ކައިރިކޮއްލުމާއެކު ލިލީ ސައިކަލުން ފައިބައިފިއެވެ. އޭރު އަހަރެމެން ފެނިގެން އެއްބަޔަކު ދުވެފައި އާދެއެވެ. އޭރު ވެސް އަހަންނަށް އިނދެވުނީ ސައިކަލް މަތީގައެވެ. ބީޗްގެ އެކި ކޮޅުކޮޅަށް ނަޒަރު ހިންގާލެވުނެވެ. މުޅި ބީޗުގައި އޮތީ ބާބަކިޔު ހަދާ މީހުންނާއި ދަތުރު އައިސް އުޅޭ މީހުން ފުރިފައެވެ. އެ ތަނުން ހުސެން ހޯދާނެ ގޮތެއް ވެސް އަހަންނަކަށް ނޭނގުނެވެ.

ފެންނަ ފަށުގައި ވެސް އުޅެދާނެއެވެ. އަހަރެން ފެނުނަސް އޭނާއަކަށް ނޭނގޭނެއެވެ. ނަމަވެސް އަހަންނަށް ހުސެން ވަކި ކުރަން ގައިމު ވެސް އެނގޭނެޔޭ ހިތަށް އެރިއެވެ. އެންމެންނާއެކު މަޖާ ކުރަން އުޅުން އިރު ވެސް ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ހިތް އޮތީ ސިހިސިހިއެވެ. ހުސެންއާ އެއް ސަރަހައްދެއްގައި އުޅެވޭތީ ވެސް އަހަރެންގެ ހާލު ވަރަށް ދެރައެވެ. ނަޒަރު ހިންގެނީ މަގާ ދިމާލަށެވެ. ދުއްވަމުންދާ ކޮންމެ ސައިކަލަކަށް އަހަންނަށް ބެލެއެވެ. ފަހަރެއްގައި ވެސް އޭނާ ފެނޭތޯއެވެ. ނަމަވެސް ހުސެންގެ އެއްވެސް ހިލަމެއް ނެތެވެ. ގަދަކަމުން ހީހީފައި އުޅުނަސް އަހަރެން ހުރީ ގެއަށް ދާން ބޭނުން ވެފައެވެ. އަހަރެން އޭނާއަށް ބަރާބަރަށް ސްނެޕް ކުރީމެވެ. ނަމަވެސް އެނބުރި މާލެ އައި އިރު ވެސް އޭނާ އެންމެ ސްނެޕެއް ވެސް ނުބަލައެވެ. ދަތުރު ފޫހިކޮށްލީ އެހެންވެއެވެ.

އެ ރޭ ވަރަށް އަވަހަށް ލިލީ ނިދައިފިއެވެ. އަހަރެން ވެސް ހުރީ ވަރުބަލިވެގެން ނިދި އައިސްފައެވެ. ނަމަވެސް ހުސެންގެ ހަބަރެއް ނުވަނީސް ނިދާ ހިތެއް ނުވިއެވެ. ފޯނު ހިފައިގެން ސޯފާގައި އިށީނުމާއެކު ފޯނު ވައިބްރޭޓް ވާން ފެށިއެވެ. ޒިޔާދުގެ ނަން ފެނުމާއެކު އަހަރެންގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލު ވެއްޖެެއެވެ.

" ހޫމް." ފޯނު ނެގި ގޮތަށް އަހަރެން ބުނީމެވެ.

" ކޮބާ؟ ހުރިހާ ކަމެއް ނިންމާލީތަ؟" އޭނާ އެހިއެވެ.

" ފަތިހު ތެދުވި ގޮތަށް އެކަމާ އުޅުނީ. މިހާރު ދެން ހުރިހާ ކަމެއްހެން ނިމިއްޖެ." އަހަރެން ބުނީމެވެ.

" ގަދަ އިނގޭ. އަހަންނަށް އެނގޭ ތީ މުރާލި އަނތްބެއްކަން." ޒިޔާދު ބުންޏެވެ.

" އަހަރެން ލައްވާ ކަންކަން ކުރުވަން ވެގެން ޒިޔާދު އަބަދުވެސް ބުނާނެ ތިހެން. މުރާއްޔޭ ކިޔައިގެން ކަންތައްތައް ކުރުވަނީ." ފޫހި ގޮތަކަށް އަހަރެން ބުނީމެވެ.

" އަޖައިބެއް. ދެން ނެތެއްނު ސަލާމަތެއް. ތައުރީފު ކުރިޔަސް ނުކުރިޔަސް ނެތް ހެޔޮ އެއް ގޮތް ވެސް." ޒިޔާދު ބުންޏެވެ.

އެންމެ މިނެޓަކުން އޭނާ ރުޅި އަންނާނެކަން އެހެން ބުނި އިރު ވެސް އަހަންނަށް އެނގެއެވެ. ނަމަވެސް ކުރަން ޖެހުނު މަސައްކަތުގެ ހައިބަތު ބޮޑުކަމުން އެއްޗެއް ނުބުނެ ހުންނަން ބޭނުން ނުވީއެވެ. ބޮޑެތި ކަންތައްތައް ބޮލުން ނައްޓާލުމަކީ އަބަދުވެސް ޒިޔާދުގެ އާދައެކެވެ. ޒިޔާދު މިހާރު އެ ހުރީ އަހަންނާ ޒުވާބު ކުރާ މޫޑަށް ވެއްޓިފައިކަން އެނގުމުން އިތުރަށް ވާހަކަ ދައްކާ ހިތެއް ނުވިއެވެ. އަބަދު ޒުވާބު ކުރާ ހިތެއް ނެތެވެ. އެއްޗެއް ވިސްނައިދޭން އުޅުނަސް އޭނާއަކަށް ދުވަހަކު ވެސް ނުވިސްނޭނެކަން އަހަންނަށް އެނގެއެވެ.

" ދެން އޯކޭއޭ. މިއަދު ދިޔައިން ތި ގޭ މީހުންނާއެކު ދަތުރު. ލިލީއަށް ވަރަށް މަޖާވި." އަހަރެން ބުނީމެވެ.

" އެކަމަކު ފޮޓޯއެއް ވެސް ނުފޮނުވާ." އޭނާ ބުންޏެވެ.

" އަދި ފޮނުވާނަމޭ. ޒިޔާދުއަށް ފޮނުވަންވެގެން ލިލީގެ ފޮޓޯ ނެގީމޭ." އަވަސް އަވަހަށް އަހަރެން ބުނީމެވެ.

" ތައިބާގެ ފޮޓޯއެއް ނުނަގަންތަ؟" ޒިޔާދު އެހިއެވެ.

" އަހަރެންގެ ފޮޓޯ ބަލަން ޒިޔާދު ބޭނުންތަ؟ " އަހަރެން އެހީމެވެ.

" އާނ. ދުރުގައި ހުންނައިރު ފޮޓޯއެއް ފެނުނީމަ ވެސް ހިތްހަމަ ޖެހެޔޭ." އޭނާ ބުންޏެވެ.

އެ ވަގުތު ބޭއިހްތިޔާރުގައި އަހަންނަށް ތަންކޮޅެއް ބާރަށް ހެވުނެވެ. ހިތަށް އެރި އެއްޗެހި ގިނަކަމުން ފުރަތަމަ ބުނާނީ ކީކޭ ކަމެއް ވެސް ނޭނގުނެވެ.

" ކީއްވެ ތި ހެނީ؟ ގަބޫލު ނުކުރެވެނީތަ؟" ޒިޔާދު ބުންޏެވެ.

" ތިހެން ބުނީމަ... ހެވޭނެއެއްނު. ކައިރީގައި މެއްސެއްހެން އެނބުރޭ އިރު ވެސް ޒިޔާދަށް އަހަރެން ނުފެނޭ. ގައިގައި އުނގުޅޭ އިރު ވެސް އިހްސާސެއް ނުހުރެ. އެކަމަކު ދުރަށް ދިޔައީމަ ތި ބުނީ ފޮޓޯއަކުން ވެސް ހިތްހަމަ ޖެހެޔޭ." ސަަމާސާއަކަށް ހަދާފައި އަހަރެން ބުނީ، ނުބައި ރާގަކަށް ބުނެލިޔަސް އޭނާ ރުޅި އަތުވެދާނެތީއެވެ.

" އަހަރެން މޫޑު ހުންނައިރުގަ ތައިބާ އައްޔާ ދުލެއް ނުކުރަމެއްނު. " އޭނާ ވެސް ލާނެތް ފާޑަކަށް ހިނިގަނޑެއް ޖަހާލިއެވެ.

ހަމަ އެ ވަގުތެވެ. ހުސެންގެ ސްނެޕެއް އަތުވެއްޖެއެވެ. އެއާއެކު ފޯނު ސްކްރީނަށް ބަލައިލުމަށްފަހު އަހަރެން އަވަސް އަވަހަށް ޒިޔާދާ ވާހަކަ ދައްކަން ފެށީމެވެ.

" އޯކޭ ދެން މިއަދު މާ ބިޒީކޮށް އުޅުނީމަ ވަރަށް ވަރުބަލި. ނިދާލަން ބޭނުމީ." އަހަރެން ބުނީމެވެ.

އެއާއެކު ޒިޔާދު ވެސް އޯކޭއޭ ބުނެ ފޯނު ބޭއްވިއެވެ. ހުސެންގެ ސްނެޕް ނޮޓިފިކޭޝަން އައުމާއެކު ހިތަށް ހަމަޖެހުން ލިބުނުކަން އަހަންނަށް އިހްސާސް ކުރެވުނެވެ. އޭނާއާ ވާހަކަ ދައްކާ ހިތުން ޒިޔާދު އެއްފަރާތް ކޮއްލެވުނުކަން ވެސް އަހަންނަކަށް ނޭނގުނެވެ.

" ހީކުރީ ފެންނާނެކަމަށް." އަަހަރެން ބުނީމެވެ.

" ނުފެނުނު ދޯ. މީ ވެސް ހީކުރިން ފެންނާނެ ކަމަށް. " އޭނާ ބުންޏެވެ.

" ދެން ކޮން އިރަކުން ހަމަލޮލަށް ފެންނާނީ؟" ކެތްމަދުވެފައި އަހަރެން ސުވާލު ކުރީމެވެ.

" މްމްމް... އެއް އަަހަރު ފަހުން." ހުސެންގެ މެސެޖް ކިޔާފައި އަހަންނަށް ބާރަށް ހެވުނެވެ.

" ހާދަ ލާނެތޭ. އަބަދު އަހަރެން ލަދުގަންނަވާނީ." އަހަރެން ލިޔެލީމެވެ.

އެ ރޭ ވެސް ދެ މީހުން އެތައް އިރެއް ވަންދެން މެސެޖް ކުރީމެވެ. އަހަރެމެންގެ ތަޤްދީރު ލިޔެވިފައި އޮތީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. ދުވަހެއް ދުވަހަކަށް އަހަރެންގެ ހިތް ހުސެންއާ ގާތްވާކަން އަހަންނަށް އެނގެއެވެ. އޭނާގެ މެސެޖެއް ލިބުމުން އަހަންނަށް އެ ވާ ގޮތް، އެ ލިބޭ އުފާވެރިކަމާއި ހިތްހަމަ ޖެހުމަކީ ހުދު އަހަންނަށް ވެސް ބަޔާންކުރަން ދަތި ކަމެކެވެ. އަހަރެންގެ ހިތް ހުސެންގެ މެސެޖްތަކަށް އާދަވާން ފަށައިފިއެވެ. ހިތް މޮޔަވާން ފަށައިފިއެވެ. އަހަންނަށް އާދެވިފައި މި ހުރީ ކިހާ ހިސާބަކަށް ކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. އޭނާއާ ވާހަކަ ދައްކާތާ އަދި މިވީ އެންމެ ތިން ވަރަކަށް ދުވަހެވެ. އަހަރެންގެ ހިތް މެއިން ލުހިލައިގެން އޭނާ ގެންގޮއްސިއެވެ. ހުސެންގެ ކޮންމެ އިބާރާތަކީ ޖާދޫއެކެވެ. ގެއްލިފައިވާ އަހަރެންގެ ހިނިތުންވުން އަނބުރާ މި ލިބުނީ އެ ޖާދޫގެ ސަބަބުންނެވެ. އަހަރެންގެ ސިކުނޑީގެ ކޮންމެ ނާރެއް ހުސެންއާ ގުޅިފައިވާ ކަހަލައެވެ. ދިރިއުޅުމުގެ ހާލަތު ކިތަންމެ ފުން ވަޅުގަނޑަކަށް ވެއްޓިފައި އޮތަސް، އޭރު އެކަމާ ހިތާ ކުރިޔަސް، މިހާރު އަހަރެންގެ ހިތުގައި މާ ތައް ފޮޅި، ބަހާރު މޫސުން ފަށައިގެން އުޅޭ ކަހަލައެވެ. ނަމަވެސް ހިތުގެ ފަރިޔާދުގެ އަޑު އޭނާއަށް އިވިދާނެތީ އަހަރެން ބައެއް ފަހަރު ލަދުގަނެއެވެ. ބިރު ވެސް ގަނެއެވެ. ނަމަވެސް އަހަންނަށް އެނގޭ އެއްޗަކީ މާ ގިނަ ދުވަހަކު މި ކަން އަހަންނަށް ސިއްރެއް ނުކުރެވޭނެ ކަމެވެ.

( ނުނިމޭ )

މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ.

(ނިމުނީ)