އިސްރާއީލުގެ ރައީސް އިސްހާޤު ހަރޒޮގް އިނގިރޭސިވިލާތަށް ކުރާ ދަތުރާއި ގުޅިގެން، އޭނާ ހައްޔަރުކުރުމަށް އެދި ލަންޑަނުގައި އެތައް ހާސް ބަޔަކު އިހުތިޖާޖުކޮށްފިއެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަމަލާތަކާ ދެކޮޅަށް ހަރުކަށި އަޑުއުފުލައި، މުޒާހަރާގެ ބައިވެރިން ވަނީ އިނގިރޭސިވިލާތުގެ ސަރުކާރަށް ފާޑުކިޔައިފައެވެ.

Ad
rt

އަނަދޫލޫ އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، އަންގާރަ ދުވަހު ލަންޑަނުގެ މެދުތެރޭގައި ހުންނަ ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައި ބޮޑު އެއްވުމެއް ބޭއްވުނެވެ. މިއީ ހަރޒޮގް އިނގިރޭސިވިލާތަށް އައުމަށް ހަމަޖެހިފައިވާ އެދުވަހުގެ ފަހު ވަގުތެއްގައި، އޭނާގެ ޒިޔާރަތާ ދެކޮޅަށް ކުއްލި ގޮތަކަށް އިންތިޒާމުކުރެވުނު އިހުތިޖާޖެކެވެ.

ފަލަސްޠީނުގެ ދިދަތައް ހިފައިގެން ތިބި މުޒާހަރާކުރި ފަރާތްތަކުން، އިސްރާއީލުގެ ރައީސްގެ ޒިޔާރަތަށް ހުއްދަ ދެއްވި ކަމަށްޓަކައި ބޮޑުވަޒީރު ކީރ ސްޓާމަރ ފާޑުކިޔައި، ޣައްޒާގައި މަދަނީ ރައްޔިތުން މަރާލުމުގައި އެހީތެރިވެދެއްވާ ބައިވެރިވެވަޑައިގަތުމުގެ ތުހުމަތު ހަރޒޮގްގެ މައްޗަށް ކުރިއެވެ. އަދި އިސްރާއީލުގެ ރައީސް ހައްޔަރުކުރުމުގެ އަމުރެއް ނެރުމަށް ބްރިޓިޝް ސަރުކާރަށް އެމީހުން ގޮވާލިއެވެ.

އިސްރާއީލުގެ ރައީސް ލަންޑަނަށް ކުރާ ތިން ދުވަހުގެ ދަތުރުގައި ބޮޑުވަޒީރު ސްޓާމަރާއި، އިނގިރޭސިވިލާތުގެ ޕާލިމަންޓުގެ މެންބަރުންނާއި، އާންމު ފަރާތްތަކުގެ ބައެއް މަންދޫބުންނާއި، މީޑިއާގެ އިސް ފަރާތްތަކާ ބައްދަލުކުރާނެ ކަމަށް ވެއެވެ. ނަމަވެސް، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަމަލާތަކާ ގުޅިގެން ދިމާވެފައިވާ ހާލަތަށް ރިޢާޔަތްކޮށް، ބައެއް އިނގިރޭސިވިލާތުގެ ސިޔާސީ ފަރާތްތަކުން ވަނީ ހަރޒޮގްއާ ބައްދަލުނުކުރެއްވުމަށް ބޮޑުވަޒީރު ސްޓާމަރަށް ގޮވާލާފައެވެ. މީގެ އިތުރުން، ބްރިޓިޝް ޕާލިމަންޓުގެ އެތައް މެންބަރުންނެއް ވަނީ ބޮޑުވަޒީރަށް ސިޓީ ފޮނުއްވައި، ހަރޒޮގްގެ ޒިޔާރަތަށް ހުއްދަ ދެއްވުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ފަލަސްޠީނަށް ތާއީދުކޮށް އަޑުއުފުލާފައިވާއިރު، އިނގިރޭސި ސަރުކާރަށް ފާޑުކިޔައި، "ކީރ ސްޓާމަރ، ތިޔަ ވަންހަނާވެވަޑައިނުގަނެވޭނެ. އަޅުގަނޑުމެން ތިބާގެ މައްޗަށް ނަސްލު ހަލާކުކުރުމުގެ ދަޢުވާ އުފުލަމޭ" މިފަދައިން ގޮވަމުން ދިޔައެވެ. މުޒާހަރާކުރި ފަރާތްތަކުން ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ދެކޮޅަށް އެކި ބާވަތުގެ ބޯޑުތައް ވެސް ހިފައިގެން ތިއްބެވެ.