ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގު 2025 މިއަދު ވަނީ ފަށައިފި އެވެ.

މި މުބާރާތަކީ ރާއްޖޭގެ 16 އަތޮޅެއްގެ 35 ރަށަކުން 49 ޓީމް ބައިވެރިވާ، މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އީސްޕޯޓްސް މުބާރާތެވެ.

Ad
rt

50،000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މި މުބާރާތުގައި ކުޅޭނީ ޕަބްޖީ މޮބައިލް ގޭމެވެ. މުބާރާތުގެ ޗެމްޕިއަންޝިޕް ހޯދާ ޓީމަށް 25،000 ރުފިޔާ ލިބޭއިރު، ދެވަނައަށް 12،000 ރުފިޔާ އަދި ތިންވަނައަށް 6،000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ހަތަރުވަނަ ޓީމަށް 3،000 ރުފިޔާ އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް 4،000 ރުފިޔާ ލިބޭނެއެވެ.

މި މުބާރާތަކީ ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީ އެއްތަނަކަށް ގެނެސް، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ބާއްވާ މުބާރާތެކެވެ. މުޅި މުބާރާތް ކުރިއަށްދާނީ އޮންލައިންކޮށް ކަމަށްވާތީ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ކުޅުންތެރިންނަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެއެވެ.

މުބާރާތުގެ މެޗުތައް ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ. އެގޮތުން ހުރިހާ މެޗެއްވެސް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްސްޓްރީމް ކުރެވޭނެއެވެ. އަދި މުބާރާތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެއެވެ.

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރާއްޖޭގެ އެކި ރަށްރަށާއި އަތޮޅުތަކުން ފާހަގަކޮށްލެވޭ ލައިންއަޕެއް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

އއ އަތޮޅު: މާޅޮސް އެމްއެސްސީ، ތޮއްޑޫ އެޕެކްސް ލެޖެންޑްސް، އުކުޅަސް އެޗްއެންޓީއާރް

އދ އަތޮޅު: އޮމަދޫ ޑާކް ކޭމްޕަރ، އޮމަދޫ އައިސް، އޮމަދޫ ސްނޭކް

ބ. އަތޮޅު: ގޮއިދޫ ގަބުޅި، ގޮއިދޫ ކުރޯޅި، ކުޑަރިކިލު ސީއެންޑީ އެޕެކްސް، ކުޑަރިކިލު ކަމިކާޒޭ، ޓީމް ކުޑަރިކިލު، ތުޅާދޫ އެފް12

ދ. އެތޮޅު: ބަނޑިދޫ ޑީއެމްޓީ، ހުޅުދެލި ބީއެލްކޭ، ހުޅުދެލި އީކިއުޒެޑް

ފ އަތޮޅު: ފީއަލީ އޭޑީވީވައި، ފީއަލިއަންސް، ޓީމް ބިލެއްދޫ

ޏ/ގއ އަތޮޅު: އައްޑޫ ސިޓީ އެސްއޯއެލް، އެފްވީއެމް ސިޓީ އޭކޭޒެޑް، އެފްވީއެމް ސިޓީ އަންޓެއިކޫ، އެފްވީއެމް ސިޓީ ޓީއާރްއެފް ޓައިޓަންސް، ގެމަނަ ލީޖިއަންސް

ހއ އެޓޯލް: ދިއްދޫ އެލްއެފް، މާރަންދޫ، މުރައިދޫ ޓީއެމް4 ، ޓީމް އުލިގަމް

ހދ. އަތޮޅު: ނޭކުރެންދޫ ، ޓީމު ހިރި

ކ. އަތޮޅު: އެޗް އެލް އެމް އެލް ނެޗުރަލީ ލީތަލް، ހުރާ ފެނެޓިކް، މާލެ މޮރިގަން، ތުލުސްދޫ ފެލްކަންސް

ލ. އަތޮޅު: ފޮނަދޫ ޑީއެމްޒެޑް، އިސްދޫ ސީއެލްއެކްސް •

ޅ އަތޮޅު: ހިންނަވަރު ސީއެންޑީ، ނައިފަރު ބެސާކް، ނައިފަރު ޔޫރަޕް، ޓީމް ނައިފަރު

ރ އަތޮޅު: މާކުރަތު އެކްސްއެންޓީއާރްއެކްސް، މަޑުއްވަރީ ކެޒް ކްރޫ، މަޑުއްވަރީ އެކްސްއެލްއެން

މި މުބާރާތަކީ ރާއްޖޭގެ އީސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ގޭމިންގ ކޮމިއުނިޓީން ފާހަގަކުރެއެވެ. އަދި މިފަދަ މުބާރާތްތައް އިތުރުވެގެން ދިއުމަކީ ދިވެހި ކުޅުންތެރިންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއް ކަމުގައިވެސް ބެލެވެއެވެ.