އުތީމު އިސްރަށްވެހީންގެ މައިޒާން، ''އޮނުހިޔާ'' ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މިތަން ހުޅުއްވައިދެއްވީ، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވުމަށް މިއަދު އުތީމަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

Ad
rt

އުތީމު އިސްރަށްވެހީންގެ މައިޒާން، އޮނުހިޔާ ހުޅުއްވައިދެއްވުމަށްފަހު ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ކުރިއަށް ގެންދާ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދަވާ، ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝަރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުމުގެ ގޮތުން ބޮޑުތަކުރުފާނު ދޮރާށީގެ (އުތީމު ގޭޓު) ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ. ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމެވެ.

އުތީމު އޮނުހިޔާ ހުޅުއްވައިދެއްވުމަށްފަހު ރައީސް އެތަން ބައްލަވާލައްވަނީ، ފޮޓޯ: ރައީސް އޮފީސް

ބޮޑުތަކުރުފާނު ދޮރާށި ފަރުމާކޮށްފައިވަނީ، ކަޅުއޮތްފުންމީގެ ހަ ބަޠަލުންނާއި، އިސްލާމް ދީން އިޔާދަކުރެއްވުމާއި، ދިވެހިންގެ ސަގާފަތާއި މިނިވަންކަން ރަމްޒްކޮށްދޭގޮތަށެވެ. އެގޮތުން ދިވެހިންގެ އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްފައިވާ 6 ތަނބު ރަމްޒުކޮށްދެނީ ދިވެހިންގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި ހަ ބަޠަލުންނެވެ. ރޭގަނޑަށް ދިއްލޭ މި 6 ބައްތިން ރަމްޒުކޮށްދެނީ ކަޅުއޮށްފުންމީގެ 6 ބަޠަލުން ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތަކުގެ ފަނޑުވުމެއްނެތް ހަނދާންތަކެވެ.