އއ. އަތޮޅުގައި ޕާސްޕޯޓް ޚިދުމަތާއި އައީޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތްތައް ރަސްމީކޮށް ފަށްޓަވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ރަސްދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ރައީސް މުޢިއްޒު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މި ޚިދުމަތްތައް ރަސްމީކޮށްފަށާފައިވާއިރު، މި ޚިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބުނެފައިވާގޮތުގައި، އައިޑީ ކާޑުގެ ޚިދުމަތް އއ. އަތޮޅު ކައުންސިލުގައި ފެށުމާއެކު، މިހާރު ރާއްޖޭގެ 28 ރަށެއްގައި މިޚިދުމަތް ދެމުންދެއެވެ. އަދި އެ އިދާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުންކަމަށް ބުނެފަވެއެވެ.
ރަސްދޫގައި އައިޑީކާޑުގެ ޚިދުމަތާއެކު ޕާސްޕޯޓުގެ ޚިދުމަތްވެސް މިހާރު ލިބެމުން އަންނައިރު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 13 އަތޮޅެއްގައި މި ޚިދުމަތް ދޭން ފަށާފައިވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ފުޅާވަމުން އަންނައިރު، މެލޭޝިއާގައިވެސް ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހެދުމުގެ ޚިދުމަތް ފަށާފައިވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!