އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު) ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިކަން ޢިއުލާން ކުރެއްވީ، އއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި ތިން ވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ފެރިދޫ އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމަވާފައިކަން ރައީސް މިއަދު ޢިއުލާންކުރެއްވިއިރު، އެމަނިކުފާނު މިއަދު ހަވީރު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ވަނީ މުހިންމު މަޝްރޫޢޫތަކެއްގައި ވެސް ސޮއިކުރުން ކުރިއަށް ގެންގޮސްފައެވެ.
މީގެ ތެރޭގައި ފެރިދޫގައި ދޯނި އެހެލާ ސަރަހައްދަކާއި ޕިކްނިކް އައިލެންޑެއް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނެއެވެ. މި ޕިކްނިކް އައިލެންޑް ތަރައްޤީކުރެވޭނީ މާފަރު ފަޅުގައި ކަމަށާއި، ފަތުރުވެރިކަމަށް ބަރޯސާވާ ރަށެއްގެ ގޮތުގައި ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ވަސީލަތެއްގެ ގޮތުގައި އެ ފަޅު ބޭނުންކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ފެރިދޫގައި އިތުރު ދެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އެއީ ފެރިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، އއ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި ޢުމްރާނީ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމެވެ. ސްކޫލުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ފެރިދޫގެ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތަކުގެ ތެރޭގައި މަގު ހެދުމުގެ މަޝްރޫޢާއި، ނެރުގެ މައްސަލަ ހައްލުކުރުމާއި، ފުޓުބޯޅަ ދަނޑު ނިންމުމާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތް މި އަހަރަށް ތާވަލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ދަތުރުފުޅުގައި ފެރިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތްވެސް ވަނީ އިފްތިތާޙުކުރައްވާފައެވެ. އަދި ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފެށިފައިވާއިރު، ރަށުގެ އަމަން އަމާންކަން ބެލެހެއްޓުމަށް ތިން ފުލުހުން މި ހަފުތާގެ ތެރޭގައި ފެރިދޫއަށް ފޮނުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!