ދުވުމަކީ ކޮންމެވެސް ވަރެއްގެ ޝައުގުވެރިކަމެއް އޮންނަ ކަމެއް ނަމަވެސް، 42.2 ކިލޯ މީޓަރު ދުވެ، މެރަތަން އެއް ފުރިހަމަ ކުރުމަކީ، ދުވަހަކު ވެސް ކުރަން ވިސްނާފައި އޮތްކަމެއް ނޫނެވެ.
އެކުވެރިންގެ ތެރޭގައި ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާއިރު ތަފާތު މިޒާޖުގެ މީހުން ތިބިއިރު، އެކުވެރިންނާއިއެކު ކޮފީތަކަށްގޮސް ހިއްސާކުރެވޭ ވާހަކަތަކުގެ ތެރޭގައި، އެއް އެކުވެރިއަކު ވަރަށް ގިނައިންބުނާ ވާހަކައެއް އޮވެއެވެ. "އިންޓަނޭޝަނަލް މެރަތަން އެއްގައި ދުވުމަކީ ވަރަށް ބޮޑު ޑްރީމެއް" ކަމަށެވެ.
އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވިއޮތީ، ހުސް ދުވުމަކީ އެއްވެސް ވަރަކަށް ކޮށްއުޅޭ ކަމަކަށް ނުވާތީއެވެ. އެކުވެރިޔާގެ ހިޔާލަށް އާބަސްބުނެ އޭނާގެ އުންމީދު ހަގީގަތަކަށް ހެދުމަށް އަހަރެން ނިންމީމެވެ. އޭގެ ފަހަތުގައި ވަރަށް މުހިންމު ސަބަބުތަކެއް އޮތުމާއިވެސް އެކުގައެވެ.
އަހަރެންނަކީ ފުޓްބޯޅަ ކުޅުމަށް ވަރަށް ލޯބިކުރި މީހެއް ނަމަވެސް އުމުރުން ސާޅީހާއި ގާތްވެފައިވުމާއިއެކު ފުޓްބޯޅަ ކުޅުން އެއްކޮށް ހުއްޓާލައިގެން ހުރުމުން ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި، ފިޒިކަލީ މީހާ ފިޓްކޮށް ހުރުމަށް ދިމާވެދާނެ ހުރަސްތަކުން އަރައިގަތުމަށް ދުވުން އެއީ ވަރަށް ރަނގަޅު އޮޕްޝަނެއްގެ ގޮތުގައި އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދީ، އެއީ ރަނގަޅު ފުރުސަތެއްކަމުގައި ގަބޫލުކުރީމެވެ.
އެކުވެރިޔާގެ އުންމީދު ހާސިލް ކޮށްދިނުމަށް، މަސައްކަތް ފެށުމަށް ނިންމި ނިންމުމަށް އެއްބާރުލުންދީ ކުރިއަށްދާން އިތުރު ދެ އެކުވެރިން ވެސް އެއްބަސްވެ، ހަތަރު މީހުންގެ ޓީމަކުން މި މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ޓީމަށް އިތުރު ބައިވެރިޔަކު ގުޅި ޓީމްގެ އަދަދު ފަހަކަށް އިތުރުވިއެވެ.
ފަށައިގަތްއިރު ދުވުމުގެ ޕްރޮފެޝަންއާއި ގުޅޭ އެއްވެސް މައުލޫމާތެއް ނެތެވެ. އަމިއްލަ މީހާގެ ގާބިލްކަން ދެނެގަނެވޭނެ ގޮތެއް ވެސް ނެތުމާއިއެކު ފުރަތަމަ އަމާޒެއްގެ ގޮތުގައި ކަނޑައެޅީ ހާފް މެރަތަން (21.2 ކިލޯމީޓަރު) ދުވުމަށެވެ. ނަމަވެސް ރެގިއުލާކޮށް ދުވަންފަށައި ހަފްތާއަކުން ހަފްތާއަކުން ދުވެވޭ މިންވަރު އިތުރު ކުރަމުން ގޮސް ދެމަހެއްހާ ދުވަހުން މާބޮޑު އުނދަގުލަކާއި ނުލައި ހާފް މެރަތަން ފުރިހަމަކުރެވުނެވެ. އެހިސާބުން ޓާގެޓް ބަދަލުކޮށް ފުލް މެރަތަންއަކަށް އަމާޒު ހިފީއެވެ.
ހަނިމާދޫއަށް ނިސްބަތްވާ މި ޓީމްގައި ހިމެނޭ ފަސް މެމްބަރުން އިންޓަނޭޝަނަލް މެރަތަން ފުރިހަމަކުރުމަށްފަހު
ހަނިމާދޫއަށް ނިސްބަތްވާ މި ޓީމްގައި ހިމެނޭ ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ އަބޫބަކުރު މުހައްމަދު (އަބޫ) އާއި މުހައްމަދު އަޒްލީފް އަކީ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރަމުން އަންނަ ދެ ފަރާތެވެ. އަހްމަދު ގާސިމް މަސައްކަތް ކުރަމުން އަންނަނީ ކުޅުދުއްފުށީ ޕީޖީ އޮފީހުގައެވެ. އަދި އާދަމް އިބްރާހީމަކީ އަމިއްލަ ކުންފުންޏެއް ހިންގަމުން އަންނަ ފަރާތެކެވެ. އަހަރެން (އިބްރާހީމް ހަލީލް) ވަޒީފާ އަދާކުރަމުން އަންނަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައެވެ.
ވަޒީފާއަށާއި އާއިލާއަށް އަދި ދިރިއުޅުމުގެ އެންމެހާ ކަންކަމަށް ވަގުތު ދިނުމަށް ފަހު ކޮންމެ ދުވަހެއްގެ ވެސް ކޮންމެވެސް ވަގުތެއް ދުވުމަށް ހުސް ކުރުންވީ ބޮޑު ޗެލެންޖަކަށެވެ. ނަމަވެސް ގްރޫޕްގެ ތެރޭ މަޝްވަރާ ކުރުމަށް ފަހު އެންމެންނަށް އެއް ވަގުތެއްގައި ދުވަން ނުކުމެވޭނެ ވަގުތެއްގެ ގޮތުގައި އެއްބަސްވެވުނީ އިޝާނަމާދު ވަގުތައްފަހު ދުވަން ނުކުތުމެވެ. ރޭގަނޑު ދޮޅުގަޑިއެއްހާއިރު ދުވުމަށް ހުސްކުރުންވީ ވަރަށް ގިނަ ކަންކަން ގުރުބާން ކުރަންޖެހުނު ކަމަކަށެވެ. ގޮންޖެހުންތަކާއިއެކު ގާތްގަނޑަކަށް އަހަރެއްހާ ދުވަހު އެގޮތުގައި ދެމިތިބެވުގެ އެންމެ ބޮޑު ސިއްރަކީ ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލްވުމަށް އޮތް އަޒުމެވެ.
ކާމިޔާބުގެ އަސްލު ލީޑަރު / އަބޫބަކުރު މުހައްމަދު (އަބޫ)
އިންޓަނޭޝަނަލް މެރަތަންއެއްގައި ދުވުމަކީ ވަރަށް ބޮޑު ހުވަފެނެއްކަމަށް ބުނެ މިކަން ފެށުމަށް އެންމެ ބޮޑު ހިތްވަރެއް ދިން ފަރާތަކީ އަބޫއެވެ. ދުވަން ނުކުތް ފުރަތަމަ ދުވަހުން ފެށިގެން، ދުވުމާއިގުޅޭ ތަފާތު ގިނަ މައުލޫމާތު ހޯދައި އަދި އެ މައުލޫމާތު ފޯރުކޮށްދިނެވެ. "ޑެއިލީ ރަން" އަށް ބޭނުންވާނީ ކޮންކަހަލަ ބޫޓެއްކަމާއި، އަދި "ލޯންގް ރަން" އަށް ބޭނުންވާނީ ކޮންކަހަލަ ބޫޓެއްކަމާއި، އާންމުކޮށްދުވާނަމަ ރަނގަޅު ބޫޓަކަށް އެރުމުގެ މުހިންމުކަމާއި އަދި ދުވުމުގައި ހާޓްރޭޓް ބެލުމަށްޓަކައި އެކަން މޮނީޓަރ ކުރެވޭނޭ ގަޑިއެއް ފަދަ އާލާތެއް އޮތުމުގެ މުހިންމުކަންފަދަ ކަންކަން އެނގިގެންދިޔައީ އޭނާގެ ފަރާތުންނެވެ.
މީގެއިތުރުން ދުވަން ނުކުންނަ އެންމެންގެ މެދުގައި ވައިބާ ގްރޫޕް ހެދުމާއި، ދުވަހުން ދުވަހަށް ދުވުންތައް އޮންނާނެ ވަގުތުތައް އަޕްޑޭޓް ކުރުމާއި، ގްރޫޕްގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ޓީމެއްގެ ގޮތުގައި ކުރިއަށް ދިޔުމަށް އަމިއްލަ ގޭގައި ކެއުންތައް ބާއްވައި އެކަތިގަނޑެއްގެ ގޮތުގައި ޓީމް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ.
އަބޫ "ޕަތާޔާ މެރަތަން 2025"ގެ މެޑަލްއާއެކު
ދުވުމަށް މީހުން ތަމްރީން ކުރަމުން އަންނަ އައި ރަނާސްއާއި ގުޅި، ކޯޗް ސުޖާގެ އިރުޝާދުގެ ދަށުން، އަބޫ ފަރިތަކުރުންތައް ކުރިއަށް ގެންދަންފެށީ މި އަހަރުގެ ޖަނަވަރީ މަހުއެވެ. ކޯޗް ސުޖާގެ ފަރާތުން ލިބުނު އިތުރު މައުލޫމާތާއިއެކު މި ޓީމްގެ ފަރިތަކުރުންތައްކަށް ވެސް ބަދަލުގެނައުމުގައި އެންމެ އިސްރޯލެއް އަދާކުރީ އޭނާއެވެ. މީގެއިތުރުން ކޯޗްގެ ފަރާތުން ލިބެމުންދިޔަ އިރުޝާދުތައް ދުވަހުން ދުވަހަށް ގްރޫޕާއި ހިއްސާކޮށް މިކަމަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން ގެންދިޔައީއެވެ.
ތައިލެންޑްގެ ޕަތާޔާ ސިޓީގައި އޮންނަ "ޕަތާޔާ މެރަތަން 2025" ގައި ރަޖިސްޓަރީވުމަށް ފަހު، ފަރިތަކުރުންތަކަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސް، ކޮންމެ ހަފްތާ ބަންދެއްގައި އޮންނަ ދިގު ދުވުމުގައި، ދިގުދުވުން ދުވާއިރު ބޭނުންކުރާ ޖެލްޕެކްޓް (ގޫ) ބޭނުން ކުރަންފެށީ އެއަށް ވެސް ހޭނުމުގެ ގޮތުންނެވެ. އިވެންޓްގައި އަލަށް އެފަދަ އެއްޗެއް ބޭނުންކޮށްގެން ބަނޑު ސަކަރާތްވުން ފަދަ ކަމެއް ދިމާވެ، ދުވުން ފުރިހަމަ ކުރުމަށް ހުރަސްއެޅިދާނެތީ ވީހާވެސް ރިސްކް ކުޑަކޮށް، އެއަށް ހޭނުމުގެ ބޭނުމުގައެވެ. މިފަދަ ހުރިހާ ތަކެއްޗެއް ހޯދައި އެ އިންތިޒާމް ހަމަޖެއްސުމުގެ ޒިންމާ ވަރަށް ފުރިހަމައަށް އަބޫ ވަނީ ނަގާފައެވެ.
އަބޫވަނީ ދަތުރަށް ފެށުމުގެ ކުރިން، ދަތުރަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ކުރިޔާލައި ހަމަޖައްސައި ކަންކަން ވަރަށް ފުރިހަމައަށް ތަރުތީބުކޮށް، ދަތުރަށް ކޮންމެހެން ބޭންވާ ސާމާނު ހަމަކޮށް ނިންމާފައެވެ. މީގެއިތުރުން އޭނާ ވަނީ ފުރުމުގެ އެއް ދުވަސްކުރިން ކޯޗް ސުޖާއާއި ބައްދަލުކޮށް އެކަމަށް ބޭނުންވާ އެންމެ ފަހުގެ ބްރީފިންވެސް ކުރިއަށް ގެންގޮސްފައެވެ. ދިމާވެދާނެ ހުރިހާ ހާލަތަކަށް ފިޒިކަލީ އަދި މެންޓަލީ ފުރިހަމައަށް ތައްޔާރުވެ، އަދި ޓީމަށް ވަރަށް ފުރިހަމައަށް އިރުޝާދުތައް ފޯރުކޮށްދީފައެވެ.
މެރަތަން އަށް ދިޔުމުގެ ކުރިން ޓީމުން ޓާގެޓެއް ކަނޑައެޅީމެވެ. އެއީ 5 ގަޑިއިރުގެ ކުރިން މެރަތަން ފުރިހަމަ ކުރުމަށެވެ. އެ ޓާގެޓަށް ވާސިލްވުމަށް ދުވުމުގެ "ޕޭސް" ތައް ހިފަހައްޓަން ޖެހޭނެ މިންވަރުތައް ބަލައި އެކަމަށް ވެސް ތައްޔާރުވީމެވެ.
ދުވުން އޮތް ސަރަހައްދުގައި ބައިވެރިވި ހުރިހާ ގައުމެއްގެ ދިދަޖަހާފައިވާއިރު، މި ކުޑަކުޑަ ރާއްޖެއިން އެ ދުވުމުގައި ހަމައެކަނި ފަސް މީހުން ހިމެނޭ މި ޓީމް ބައިވެރިވީ ނަމަވެސް ރާއްޖޭގެ ދިދަވެސް އެތަނުގައި ޖަހާފައިވާތަން ފެނުން، ވީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށެވެ.
މެރަތަން އަށް ފުރިހަމައަށް ތައްޔާރުވުމުގެ ނަތީޖާއެއްގެ ގޮތުން، ޓާގެޓް ކުރިވަރަށްވުރެ އަވަހަށް ދުވުން ފުރިހަމަ ކުރެވުނެވެ. އަބޫބަކުރު މުހައްމަދާއި، އަހްމަދު ގާސިމާއި އާދަމް އިބްރާހީމް އަދި އިބްރާހީމް ހަލީލް މެރަތަން ފުރިހަމަކުރީ އެއްކޮށެވެ. އެއީ 4 ގަޑިއިރާއި 27 މިނެޓުންނެވެ. މިއީ އެ މެރަތަންގެ އެވްރެޖަށް ވުރެވެސް ރަނގަޅު ނަތީޖާއެކެވެ.
ފަސްވަނަ ބައިވެރިޔާ މުހައްމަދު އަޒްލީފް، މެރަތަން ފުރިހަމަ ކުރެވުނީ 5 ގަޑިއިރާއި 23 މިނެޓުންނެވެ. އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށްވީ ހުރިހާ ބައިވެރިންނަށް ވެސް ދުވުން ފުރިހަމަ ކުރެވުމެވެ. އަދި ހަޔާތުގައި ފުރަތަމަ ފަހަރަށް މެރަތަން އެއް ފުރިހަމަ ކުރެވުމަކީ ހުރިހާ ބައިވެރިންނަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި އެހާމެ ބޮޑު ހިތްހަމަ ޖެހުމެކެވެ.
ހަނިމާދޫއަށް ނިސްބަތްވާ މި ޓީމްގައި ހިމެނޭ ފަސް މެމްބަރުން އިންޓަނޭޝަނަލް މެރަތަން ފުރިހަމަކުރުމަށްފަހު
މި ޓީމުން ހުރިހާ ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔައީ ހަނިމާދޫގައި ތާރު އަޅައިގެން ތަރައްގީ ކޮށްފައިވާ މަގުތަކުގައި ދުވެގެންނެވެ. އެއީ ފްލެޓް މަގުތަކެއް ނަމަވެސް، މެރަތަންގައި ދުވަން ޖެހުނީ ހައިހީލް ގިނަ އަދަދަކަށް ހުރި މަގުތަކަކަށް ވުމުން އެކަންވީ ވަރަށް ބޮޑު ޗެލެންޖަކަށެވެ. ނަމަވެސް އެ ޗެލެންޖާއި ފުރިހަމައަށް ކުރިމަތިލުމުގެ ގާބިލުކަން މި ޓީމުގައި ހުރީ ފަރިތަކުރުންތަކަށް ދެވުނު އިސްކަމުގެ ސަބަބުންނެވެ.
ފުރަތަމަ މެރަތަންއަށް ފަހު މި ޓީމުގެ އަމާޒަކަށް ވެފައިވަނީ އިތުރު ދުވުންތަކުގައި ބައިވެރިވުމެވެ. އިތުރު މެރަތަން އެއް ޖެހުމެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދުވަން ބޭނުންނަމަ ޝެޑިއުލަގައި އަބަދުވެސް ދުވުމުގެ އިވެންޓެއް އޮތުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. އެއީ މިކަމަށްދެވޭ ސަމާލުކަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމެކެވެ.
އަހަރެއްހާ ދުވަހު ދުވުމުގައި ހޭދަކުރެވުނުއިރު ފާހަގަކުރެވުނު އެއް ކަމަކީ ދުވަން ބޭނުންވާ މީހުން ވަރަށް ގިނަކަމެވެ. ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން ނުފެށިފައި އޮތްކަމެވެ. ސަބަބުތައް ދޫކޮށްލާފައި މާދަމާއަށް ލަސްނުކޮށް މިއަދު ފަށަމާ ހިނގާށެވެ.
މެރަތަން އެއް ދުވުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް ބޭނުންވަނީ ހިތްވަރާއި ކެރުމާއި ސާބިތުކަމެވެ. މިއީ ވެސް ހަޔާތުގައި ތަޖުރިބާކޮށްލަން ވަރަށް ރަނގަޅު ކަމެއްކަމުގައި ދެކެމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!