ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަތުމަށް ކުރިއަށްގެންދާ މުއާމަލާތްތައް ކުރިއަށް ގެންދަނީ ރަނގަޅަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި، ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާފައިވާ މުއާމަލާތާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެމްއެމްއޭގެ އާންމު އުސޫލުތަކާ އެއްގޮތަށް މި މުއާމަލާތް ހިންގުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކަށް ބީއެމްއެލްއިން އަމަލުކުރިތޯ ވަނީ ބަލާފައެވެ.

Ad
rt

އެމްއެމްއޭއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނާ ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް އެ އޮތޯރިޓީން ކަނޑައަޅާފައި ނުވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އެމްއެމްއޭ އިން މިފަދައިން ބުނެފައިވަނީ އެފަދަ ބައެއް ވާހަކަތައް ބައެއް މީޑިއާތަކާއި ބައެއް އިތިކޮޅު ފަރާތްތަކުން ފަތުރާފައިވާ ދަނޑިވަޅެއްގަ އެވެ.

"ބީއެމްއެލްއިން އެމްއެމްއޭއާ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ވިޔަފާރީގެ މުއާމަލާތުގެ ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ކަމާގުޅޭ ޤާނޫނުތަކާއި، ގަވާއިދުތަކާއި އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން"

އެމްއެމްއޭ އިން ބުނެފައިވެއެވެ.

ބީއެމްއެލް އިން ވެސް މިއަދު ބުނީ، އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއައަތްތައް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ.

"ބޭންކުން މިހާރު މި ވަނީ މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފަ އެވެ،" ބީއެމްއެލް އިން ބުނެފައިވެއެވެ.

އެސްޑީއެފްސީގެ ސަރުކާރުގެ ހިއްސާ ގަންނަން ހުށަހެޅީ ބީއެމްއެލް އިން ކަމަށް އެ ބޭންކުން މީގެ ކުރިން ބުނެފައިވެއެވެ. އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން ނިންމާފައިވަނީ މިދިޔަ އާދިއްޔަ ދުވަހު އެވެ.

އެ ހުށަހެޅުމަށް ބަލައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދޭން ބޭނުންވާތީ ކަމަށް ބުނެފައިވެއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި މިކަމާއި ގުޅޭ ގޮތުން އާންމުކޮށްފައިވާ ބައެއް މަޢުލޫމާތުތަކަށް ބަލާއިރު، އެސްޑީއެފްސީ ގަތުމަށް ފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން އަދި ފަސް އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި ބިޒްނަސް ސްޓާޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށް ވެސް ވަނީ ނިންމަވާފައިވާކަމަށް ބުނެފައިވެއެވެ.