އިންޑިއާގެ ނޮއިޑާ ވީ.އައި.ޕީ ސެކިއުރިޓީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ ވީ.އައި.ޕީ ސެކިއުރިޓީ ޓްރެއިނިންގގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ 10 ފުލުހުން ބައިވެރިވެ، ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފިއެވެ.
އިންޑިޔާގެ ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސްގެ ފަރާތުން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ މި ޖުލައި މަހުގެ 8 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީނެކެވެ. މި ތަމްރީނުގައި ޕްރޮޓެކްޓިވް ސެކިއުރިޓީ ޓެކްޓިކްސް، ވެޕަންސް ޓްރެއިނިންގ، ޓެކްޓިކަލް ޓްރެއިނިންގ އަދި ފިޒިކަލް ޓްރެއިނިންގެ އިތުރުން ވީ.އައި.ޕީ ސެކިއުރިޓީއާ ގުޅުންހުރި ގިނަ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސްގެ ޑިރެކްޓަރ ޖެނެރަލް ގިޔަނެންޑްރަ ޕްރަޓަރޕް ސިންޙެ ވިދާޅުވީ، "ތަމްރީނު ފުރިހަމަކުރި 10 ފުލުހުންގެ ޑިސިޕްލިން ވަރަށް ރަނގަޅު" ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ފުރުސަތުތައް ދިވެހި ފުލުހުންނަށް ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ތަމްރީނު ނިންމުމުގެ ރަސްމިއްޔާތުގައި، ތަމްރީނުގެ ބައިވެރިންގެ ފަރާތުން ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސްއަށް ހަނދާނީ ފިލައެއް އަރުވާފައިވާއިރު، ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސްގެ ފަރާތުން ވެސް ދިވެހި ފުލުހުންނަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.
މި ތަމްރީނަކީ ދިވެހި ފުލުހުންގެ ވީ.އައި.ޕީ ސެކިއުރިޓީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ. އަދި މި ތަމްރީނުން ދަސްވި ހުނަރުތަކުގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށް ބައިވެރިންނަށް ނަސޭހަތްތެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!