އަޔަލެންޑް ސަރުކާރުން ކުރިއަށް ގެންދާ "އަޔަލެންޑް ފެލޯސް ޕްރޮގްރާމް 2026/2027" ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.
މި ފެލޯޝިޕް ޕްރޮގްރާމަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އައިރިޝް މަތީ ތަޢުލީމީ މަރުކަޒުތަކުގައި މާސްޓަރސް ފެންވަރުގެ ފުލްޓައިމް ކޯސްތައް ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދޭ ޕްރޮގްރާމެކެވެ.
މަތީ ތައުލީމާބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ކޯހަށް ހޮވޭ ފަރާތްތަކުން، ކޯސް ފެށުމުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި ކޯހެއްތޯ ކަށަވަރުކުރަން ޖެހޭނެއެވެ.
ޕްރޮފެޝަނަލް އަދި ލައިސެންސިންގ ދާއިރާތަކުގެ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، އެ ދާއިރާއަކާ ގުޅުންހުރި ކައުންސިލްތަކުން، މިސާލަކަށް މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީން ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ ކޯހެއްތޯ ޔަގީންކުރަންޖެހެއެވެ.
ފާއިތުވި 50 އަހަރުގެ ތެރޭގައި މި ޕްރޮގްރާމްގެ ދަށުން 4,000 އަށްވުރެ ގިނަ ދަރިވަރުން ވަނީ އަޔަލެންޑްގައި ކިޔަވައި، އެ ޤައުމުގެ ތަޢުލީމީ ތަޖުރިބާ ހޯދާފައެވެ. މި ޕްރޮގްރާމްގެ އަމާޒަކީ އައިރިޝް އެއިޑްގެ ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުންހުރި ދާއިރާތަކުން ތަމްރީނު ލިބިފައިވާ ފަންނީ މީހުން އުފެއްދުމެވެ.
މި ޕްރޮގްރާމަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އައިރިސް އެއިޑް ފްލޯޝިޕް ވެބްސައިޓް މެދުވެރިކޮށެވެ. މި ޕްރޮގްރާމަށް ކެންޑިޑޭޓުން ހޮވުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ ފެލޯޝިޕް ދޭ ފަރާތުންކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުންޏެވެ. އިތުރު މަޢުލޫމާތު އައިރިސް އެއިޑް ފްލޯޝިޕް ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ވެބްސައިޓް ލިންކް: https://www.irishaidfellowships.ie
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!