އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގުމަށްފަހު ލަނޑުދިން މައްސަލައެއް ބައްލަވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ޝަހީމް ވިދާޅުވިގޮތުގައި އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސަމާލުކަމަށް މިރޭ އިރާކޮޅުގައިވަނީ އައިސްފައެވެ.
އެހެންވެ މި މައްސަލަ ފުލުހަށް ހުށަހަޅައި ޤަވާއިދާއެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް ޝަހީމް ވިދާޅުވެފައެވެ.
އަސްކޮއި އުމްރާ ގްރޫޕްގެ މައްސަލައެއް ސަމާލުކަމަށް އައިސްގެން ބަލަމުން އަންނަކަމަށް މި އަހަރުގެ މާރިޗް މަހު ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެ ފަހަރު އެ ވުޒާރާއިން ބެލީ އެ ގްރޫޕުން ރަމަޟާންމަހުގެ ފަހު ފަނަރައާއި ޝައްވާލްމަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް ޢުމުރާއަށް ދާން އެތައް ބަޔަކު އަތުން ފައިސާ ނެގުމަށްފަހު، އެ ދަތުރު ކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ރަމަޟާން މަހުގެ 6 ވަނަ ދުވަހުގެ ރޭ މެސެޖަކުން އެންގުމުން އެ މައްސަލައެވެ.
އަސްކޮއި ގްރޫޕް ނޫނަސް ބައެއް އެހެން ގްރޫޕްތަކުގެ މައްސަލަތައް ކުރިން ބަލާފަވެއެވެ. އަދި ބައެއް ގްރޫޕްތަކުގެ ވެރިންގެ މައްޗަށް ދައުވާކުރަން ވެސް ފޮނުވާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!