ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭ.ޕީ.ޕީ.ޖީ)ގެ ބައްދަލުކުރެއްވުމެއްގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުކުރެއްވުމުގައި، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު، އޭ.ޕީ.ޕީ.ޖީގެ ކޯ-ޗެއަރ، ޔާސްމީން ޤުރެއިޝީ އެމް.ޕީ، ބައްދަލުވުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް އޮތް ޒިންމާގެ މައްޗަށާއި، އެފަދަ ޤައުމުތަކަށް ފޯރުކޮށްދޭންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައިވެއެވެ.
މިގޮތުން އޭނާ ވަނީ މިފަދަ ޤައުމުތަކަށް ދުނިޔޭގެ މުޖުތަމަޢުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަކީ އިޙްތިރާމާއި، އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށާއި، މިގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ދިވެވެހިރާއްޖެއިން އިސްކަންދެއްވާނޭކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާއާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި، ދިފާޢީ ދާއިރާ ހަރުދަނާކުރުމާއި، މިދާއިރާތަކުން ކެޕޭސިޓީ އިތުރުކުރުމުގައި އިނގިރޭސިވިލާތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރުއަދާކުރަށްވާފައެވެ.
ރާއްޖެ އާއި އިނގިރޭސިވިލާތް، ތަޢުލީމާއި ސަގާފީ ރޮގުން ދެޤައުމުގެ މެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށް ވެސް ރައީސް އަޅުވާލައްވާފައިވާއިރު، ރައީސްގެ ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި އޭ.ޕީ.ޕީ.ޖީ.އިން އަދާކުރަމުންދާ ދައުރަށް ފުރިހަމަ އިތުބާރުއޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ބައްދަލުވުން އިފްތިތާހު ކުރުމުގެ ވާހަކަފުޅުތަކަށްފަހު، ދެޤައުމުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!