ދިވެހި ސަރުކާރުގެ މަސް ކުންފުނި، މިފްކޯ، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިންނާއި ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އިން ބްލެކްލިސްޓުކޮށްފައިވާ ކަމަށް ބުނެ ފަތުރާފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

''ޗެނަލް-13'' ވަނީ ''ޔޫކޭ އަދި ޔޫރަޕްގައި މިފްކޯ ބްލެކްލިސްޓުކޮށް "ބޭން"ކޮށްފި'' ސުރުޚީގެ ދަށުގައި ޚަބަރެއް ގެނެސްފައެވެ. މި ޚަބަރު ދޮގުކުރައްވައި ވަޒީރު ޝިޔާމް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

Ad
rt

''މިއީ ކަނޑައެޅިގެން ދޮގެއް. އީޔޫ އިންވެސް އަދި ޔޫކޭއިންވެސް ދިވެހި މަސްކުންފުނި މިފްކޯ އަދި އެއްވެސް އެކްޓިވް ދިވެހި މަސް ކުންފުންޏެއް ބްލެކްލިސްޓުކޮށްފައި ނުވާ ވާހަކަ ދަންނަވަން." ޝިޔާމް ވިދާޅުވެފަވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މިކަމުގެ ހެއްކެއްގެ ގޮތުން، އިނގިރޭސިވިލާތުގައި މަސްގަތުމުގައި އިސްކޮށްއުޅޭ ފަރާތެއް މިފްކޯއާއެކު ވިޔަފާރި އެއްބަސްވުމެއްގެ މަޝްވަރާއަކަށް އަންނަ ހަފްތާގައި ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ އިގްތިސާދާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް މަސްވެރިކަމުގެ ސިނާއަތުގެ މުހިންމުކަން ފާހަގަކުރައްވައި ވަޒީރު ޝިޔާމް ވަނީ ހަޤީގަތާ ޚިލާފު މައުލޫމާތު ފަތުރާ ނޫސްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މަސްވެރިކަމަކީ ދިވެހީންގެ ލޭނާރު. އަދި އެތައް އާއިލާއެއް ދިރިއުޅުން ބަރޯސާ ކުރަނީ މަސްވެރިކަމަށް ކަމުގައި ވީހިނދު މިފަދަ ސިނާޢަތެއްގައި މަސައްކަތްކުރާ އާއިލާތަކަށް އަދި މުޅި ޤައުމަށް ނިކަމެތިކަން އަންނާނެފަދަ ގޮތްގޮތަށް ރެޖިސްޓަރޑް ނޫސް އެޖެންސީއަކުން ހަޤީގަތާ ޚިލާފް މިފަދަ މައުލޫމާތު ފެތުރުމަކީ ނޫސްވެރިކަމުގެ ވަރަށް ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމުގައި ދަންނަވަން،" ވަޒީރު ޝިޔާމްގެ ޕޯސްޓުގައި ވެއެވެ.

މިފަދަ ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ މައްޗަށް ވަޒީރު އަޙްމަދު ޝިޔާމް ވަނީ އީޝާރާތް ކުރައްވާފައެވެ.