ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ކުރިއަށްދާ ތަޙްޤީޤަކާ ގުޅިގެން ސަސްޕެންޑްކޮށްފައި ހުރި މާލޭ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) މުހައްމަދު ފަޒީލް ރަޝީދު، މަޤާމުން ވަކިކުރުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ބުނި ގޮތުގައި، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައިވާ މުޙައްމަދު ފަޒީލް ރަޝީދު، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުން ފެށިގެން އެ މަޤާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމަވާފައެވެ.
މިއީ އެކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅި ފިޔަވަޅެއް ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.
19 ޑިސެމްބަރ 2024 ގައި ސަސްޕެންޑް ކޮށްފައިވާ މިކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު 9 ޖުލައި 2025 އިން ފެށިގެން އެ މަޤާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމަވާފައެވެ. މިއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން…
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) July 8, 2025
މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު، އިސް މަޤާމެއްގައި މުސާރައާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ދެކޭކަމަށް ވެސް ބޯޑުން ދެކޭކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.
ފަޒީލް އަކީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ކުރިއަށްދާ މައްސަލައެއްގައި ތުހުމަތުކުރެވުނު އެއް ފަރާތްތަކަމަށްވާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!