ކުޅުދުއްފުށީ ސިޓީ ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްޤިކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތައް ޝައުުވެރިވާ ފަރާތްތަކުން ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުމަށާއި، މި މަސައްކަތް ތަރައްޤީކުރުމަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށް އަދި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

Ad
rt

އެގޮތުން ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖުލައި 2025 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން ކައުންސިލުން ހިއްސާކޮށްފައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެދިފައިވެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް އިއުލާނުގައި ކަނޑައަޅާފައިވާ ދުވަހަކީ 23 ޖުލައި 2025 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިންނެވެ.

މީގެ އިތުރުން މި މަސައްކަތާއި ބެހޭ ގޮތުން ސުވާލެއް އޮތްނަމަ 21 ޖުލައި ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން ސިޓީ ކައުންސިލުން އިއުލާނުކޮށްފައިވާ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށާއި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6527177، 6527113 ނުވަތަ 6527192 އަށް ގުޅުއްވުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

އަދި މި މަސައްކަތް ތަރައްޤީކުރުމަށް ޝައުުވެރިވާ ފަރާތްތަކުން 15 ޖުލައި 2025 ވާ އަންގާރަ ދުވަހު 10:30 ގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމަށް ހާޒިރުވުމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ކުޅުދުއްފުށީ ހޮނިހިރު ބާޒާރަކީ ހދ އަތޮޅާއި އަތޮޅު ކަައިރި ސަރަހައްދުތަކުން ރާއްޖޭގައި ހައްދާ މޭވާއާއި ތަރުކާރީގެ ބާވަތްތައް ވިއްކާ، އެހާ މީހުން ވިޔަފާރިކުރާ ބާޒާރެކެވެ. އެގޮތުން ހޮނިހިރު ބާޒާރު މިހާރަށް ވުރެއް ފުރިހަމަކޮށް ތަރައްޤީ ކުރެވިގެން ދިއުމަކީ ވިޔަފާރަވެރިންނަށާއި ބާޒާރުކުރާ މީހުންނަށް ފައިދާ ލިބޭނެކަމެވެ.