ސްކޫލްތަކުގެ އިދާރީ ކަންކަން ބަލަހައްޓަން ފުރަތަމަ ފަހަރަށް އުފެއްދި މަގާމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަމަޖެއްސި ސުޕްރިންޓެންޑެންޓްގެ ދަށުން މަސައްކަތްކުރާނެ ފަސް ޑެޕިއުޓީ ސުޕްރިންޓެންޑެންޓުން ތަޢުލީމާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ.
މިދިޔަ މަހު ސްކޫލުތަކުގެ އިދާރީ ކަންކަން ބަލަހައްޓާނެ އެންމެ އިސްވެރިއެއްގެ ގޮތުގައި، ސުޕްރިންޓެންޑެންޓްގެ މަގާމަށް ހަމަޖެއްސެވީ އިސްމާޢީލް ސަޢުދުﷲއެވެ. ސަޢުދުﷲގެ ދަށުން މަސައްކަތް ކުރައްވާނެ ޑެޕިއުޓީންގެ ގޮތުގައި ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ހަމަޖެއްސެވި ފަސް ބޭފުޅުންނަކީ، ފަޒްނާ ޔޫސުފު ފާރިގް، އަހުމަދު ފައިސަލް، މުހައްމަދު ނަތީމް، އާމިނަތު ޒީނިޔާ އަދި އަލީ މުފީދެވެ.
މި ސުޕްރިންޓެންޑެންޓުންގެ މަސްއޫލިޔަތުތަކުގެ ތެރޭގައި ސްކޫލްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަން ބަލައި އެ ކަންކަމުގައި ބައިވެރިވުމާއި ގައުމީ މަންހަޖަށް ލަފާ ދިނުން ހިމެނެއެވެ.
މީގެ އިތުރުން އަހަރީ ބަޖެޓް ތައްޔާރު ކުރުމާއި ޒޯނު އޮފީސް އަދި ޒޯނުގައި ހިމެނޭ ސްކޫލްތަކުގެ މާލީ ހިސާބު ބަލަހައްޓާކަން ކަށަވަރުކުރުން ވެސް ހިމެނެއެވެ.
ސްކޫލުތަކާ ގުޅުން އޮންނަ އެންމެންނާއެކު ރަނގަޅަށް މުއާމަލާތު ކުރެވޭނެ ހަރުދަނާ ނިޒާމެއް އޮތްކަން ޔަގީން ކުރުމާއި މުދައްރިިސުންނާއި ސްކޫލަށް ބޭނުންވާ ހުރިހާ އެއްޗެއް ހަމަތޯ ޔަގީން ކުރުމަކީ ވެސް ސުޕްރިންޓެންޑެންޓުންގެ ޒިންމާއެކެވެ.
ސުޕްރިންޓެންޑެންޓުންނާއި ޑެޕިއުޓީން ހަމަޖައްސާފައިވާއިރު، ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ މަހު ވިދާޅުވީ، ނަތީޖާ ރަނގަޅުކުރަން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!