ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ނިޒާމެއް ގާއިމްކުރުމަށް ދިރާގާއި އުރީދޫ އިން އެއްބަސްވެއްޖެ އެވެ.
އުރީދޫ އިން އިއްޔެ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، ދިރާގުގެ އިތުރުން، ލަންކާގެ ޑައެލޮގް އެގްޒިއާޓާ ކުންފުންޏާ ގުޅިގެން ރާއްޖެ އާއި ލަންކާއާ ދެމެދު ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމެއް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއަށް އުރީދޫ އިން ގިނަވެގެން ނުވަ މިލިއަން ޑޮލަރު ހަރަދުކުރާނެކަމަށް ބުނެފައިވާއިރު ދިރާގުން ވަކިން ނެރުނު ބަޔާނެއްގައި ބުނީ، މި މަޝްރޫއަށް އެ ކުންފުނިން 8.4 މިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށެވެ.
ދިރާގުން ބުނީ، މި މަޝްރޫއުގެ ދަށުން ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމްކުރާ ސަބްމެރިން ކޭބަލްގެ 45 އިންސައްތަ މިލްކުވެރިކަން އެ ކުންފުނިން ހިއްސާކުރާއިރު، އުރީދޫ އިން ވެސް 45 އިންސައްތަ މިލްކުވެރިކަން ހިއްސާކުރާނެ ކަމަށެވެ. އަދި ބާކީ 10 އިންސައްތަ ހިއްސާކުރާނީ ޑައެލޮގުން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގާއި އުރީދޫ އިން ވެސް ބުނީ، މިފަދަ ސަބްމެރިން ކޭބަލް ނިޒާމެއް ގާއިމްކުރުމުގެ ސަބަބުން އެ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ކަސްޓަމަރުން ކުރާ އިތުބާރު ބޮޑުވުމުގެ އިތުރަށް، ކުރިމަގުގައި އީޖާދުކުރާ ޓެކްނޮލޮޖީތަކަށް ތައްޔާރުވުމަށް އިތުރު ބާރަކަށް ވާނެ ކަމަށެވެ.
ދިރާގުން މިހާރު ވެސް ރާއްޖެ އާއި ލަންކާއާ ދެމެދު ސަބްމެރިން ކޭބަލެއް އޮޮޕަރޭޓް ކުރެ އެވެ. ސްރީ ލަންކާ ޓެލެކޮމްއާ ގުޅިގެން 2006 ވަނަ އަހަރު ގާއިމްކުރި މި ކޭބަލްގެ އިތުރުން، ދިރާގުން ވަނީ 2011 ވަނަ އަހަރު މުޅި ރާއްޖެ ހިމެނޭ ސަބްމެރިން ކޭބަލް ވިއުގައެއް ވެސް ގާއިމްކޮށްފަ އެވެ.
އުރީދޫ އިން ވަނީ އިންޑިއާގެ ރިލަޔަންސް އިންފޮކޮމްއާ ގުޅިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު 2005 ވަނަ އަހަރު ސަބްމެރިން ކޭބަލްއެއް ގާއިމްކޮށްފަ އެވެ. ރާއްޖޭގެ ފޯކަސް އިންފޮކޮމް ވެސް ބައިވެރިވެގެން ގާއިމްކުރި މި ބައިނަލްއަގުވާމީ ކޭބަލްގެ އިތުރުން، އުރީދޫ އިން ވަނީ 2017 ވަނަ މުޅި ރާއްޖެ ހިމެނޭ ސަބްމެރިން ކޭބަލް ނެޓްވޯކެއް ވެސް ގާއިމްކޮށްފަ އެވެ.
ދިރާގުން ބުނީ މި ސަބްމެރިން ކޭބަލް ގާއިމްކުރާނީ ޗައިނާގެ ވާވޭ ކުންފުންޏާ ހަވާލުކޮށްގެން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!