މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައި ކިޔެވުމަށް 22 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީގެ ތެރޭގައި ހިމެނެނީ ޝަރީޢާ ދާއިރާއިން 5 ސްކޮލަރޝިޕާއި ސައިންޓިފިކް އަދި ތިއަރެޓިކަލް ދާއިރާއިން 17 ސްކޮލަރޝިޕެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނީ ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވާ ފަރާތްތަކަށެވެ. އަދި ޔުނިވަރސިޓީގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތުތަކެއް ބަޔާންކޮށްފައިވާނަމަ، އެ ޝަރުތުތައްވެސް ފުރިހަމަވާންޖެހޭނެއެވެ.
މި ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތަކުގެ ތެރޭގައި، މިނިސްޓްރީން ނުވަތަ ކުރީގެ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނަގާފައިވާ ލޯނެއް ވާނަމަ އެ ލޯނު ގަވާއިދުން ދައްކަމުންދިޔުމާއި، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން ހިމެނެއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ޖޫން 4 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި ހަމަ އެ ސުންގަޑީގެ ކުރިން އެޕްލިކޭޝަންގެ ހާޑް ކޮޕީ މިނިސްޓްރީގެ ކައުންޓަރަށް ހުށަހަޅަންވާނެއެވެ.
އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.
އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް ޒިޔާރަތްކުރުމަށް ނުވަތަ 1474 ނަންބަރު ފޯނަށް ގުޅުމަށް މިނިސްޓްރީން އެދިފަވެއެވެ. އަދި އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް schol@mohe.gov.mv އަށް އީމެއިލް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!