އިސްލާމްދީނުގައި މައިންނަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވެއެވެ. ދުނިޔޭގެ އެހެން އެއްވެސް ދީނެއްގައި މައިންނަށް ދީފައިވާ މަޤާމަށްވުރެ މަތިވެރި މަޤާމެއް އިސްލާމްދީނުގައި މައިންނަށް ދެއްވާފައިވެއެވެ. މަންމައަކީ މާތްﷲގެ ޙަޟްރަތުން ލިބިފައިވާ ނިޢުމަތަކާއި ހަދިޔާއެކެވެ.
ކުޑަކުއްޖަކު އެންމެ ފުރަތަމަ ބުނާ ބަހަކީ ލޯބިން މަންމައޭ ކިޔުމެވެ. އަދި އުފާވެރި ވަގުތުގައި ވިޔަސް ނުވަތަ ހިތާމަވެރި ވަގުތުގައި ވިޔަސް އެކުއްޖާ ގޮވާލަނީ މަންމައަށެވެ. މަންމަ އޭނާގެ ދަރިފުޅަށް ލޯބިވަނީ އެއްވެސް ޝަރުޠަކާ ނުލައެވެ. ހިނިތުންވެ ހުރެ ވޭން އުފުލައެވެ. އަދި އެއްވެސް ޝަކުވާއެއް ނެތި ހުރިހާ އެއްޗެއް ޤުރުބާންކުރެއެވެ. ދަރިން ބޮޑެތިވުމުން، އެމީހުންގެ މައިންބަފައިންނާމެދު، ޚާއްޞަކޮށް މަންމައާމެދު އޯގާތެރިވުމަކީ އެމީހުންގެ ޒިންމާއެކެވެ.
މުސްލިމުންނަށް އަމުރުކުރައްވާފައިވަނީ މައިންބަފައިން ދެމީހުންނާމެދު އޯގާތެރިވެ، ކިޔަމަންތެރިވެ އަދި މަޑުމައިތިރިވުމަށެވެ. ހުރިހާ ޙާލަތެއްގައިވެސް އެދެމީހުންނާމެދު އިޙްތިރާމާއެކު މުޢާމަލާތްކުރަންވާނެއެވެ. މާތްﷲ ނަހީކުރައްވާފައިވާ ކަމެއް ނޫންނަމަ އެދެމީހުންނަށް ކިޔަމަންވާންވާނެއެވެ. އެދެމީހުން ދޮށީވުމުން އެދެމީހުން ތިބާ ކުޑައިރު ބެލެހެއްޓި ފަދައިން ތިބާވެސް އެދެމީހުން ބަލަހައްޓަންވާނެއެވެ. އަދި ހުރިހާ ޙާލަތެއްގައިވެސް އެދެމީހުންގެ އަމުރަށް އިސްކަންދޭންވާނެއެވެ. އިސްލާމްދީނުގެ އެންމެ އަޖައިބުވެގެންވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ މައިންނަށް އެންމެ މަތިވެރި މަޤާމު ދެއްވާ، އަދި ދަރިންނަށް އަމުރުކުރައްވާފައިވަނީ އެމީހުންގެ މައިންނަށް ޝުކުރުވެރިވެ، އިޙްތިރާމްކޮށް، އޯގާތެރިވެ އަދި ކިޔަމަންތެރިވުމަށެވެ.
އިސްލާމްދީނުގައި މައިންގެ ޙައްޤުތައް ބައްޕަގެ ޙައްޤުތަކަށްވުރެ މާގިނައެވެ. މުސްލިމުންގެ ދިރިއުޅުމުގައި މައިންގެ މުހިންމުކަން ދައްކުވައިދޭ އާޔަތްތައް ކީރިތި ޤުރުއާނުގައި ވަރަށް ގިނައެވެ. މާތްﷲ ކީރިތި ޤުރުއާނުގައި މައިންބަފައިންނަށް އިޙްތިރާމްކުރުމާ ބެހޭގޮތުން މިފަދައިން ވަޙީކުރައްވާފައިވެއެވެ: "އަދި ތިބާގެ ވެރިރަސްކަލާނގެ ޙުކުމް ކުރެއްވިއެވެ. އެކަލާނގެ މެނުވީ އެހެން ފަރާތަކަށް ތިޔަބައިމީހުން އަޅުކަން ނުކުރުމަށެވެ. އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެދެމީހުންކުރެ އެކަކު، ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ދޮށީވެއްޖެނަމަ، އެދެމީހުންނަށް "އުފް" އެއްވެސް ނުބުނާށެވެ! އަދި އެދެމީހުންނަށް ހަރުކަށި ބަހެއް ނުބުނާށެވެ! އަދި އެދެމީހުންނަށް މާތްވެގެންވާ ރިވެތި ބަހުން ވާހަކަދައްކާށެވެ! އަދި އޯގާތެރިކަމާއެކު، އެދެމީހުންނަށް ނިކަމެތިކަމުގެ ފިޔަފުޅަ ތިރިކުރާށެވެ! އަދި ދަންނަވާށެވެ. އޭ އަޅުގެ ވެރިރަސްކަލާކޮ! އެދެމީހުން އަޅުގަނޑު ކުޑައިރު އަޅުގަނޑަށް ތަރުބިއްޔަތު ދެއްވި ފަދައިން، އެދެމީހުންނަށް ރަޙްމަތްލައްވާނދޭވެ!" (ޤުރުއާން 17:23-24)
މަންމަގެ މަޤާމު ބައްޕަގެ މަޤާމަށްވުރެ މާ މަތިވެރިކަން އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގައި ބަޔާންކުރައްވާފައިވެއެވެ: އެއްފަހަރަކު މީހަކު ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ: "އޭ ﷲގެ ރަސޫލާއެވެ! މީސްތަކުންގެ ތެރެއިން އަހުރެންގެ އެންމެ ރަނގަޅު ރަޙްމަތްތެރިކަމަށް ޙައްޤުވެގެންވަނީ ކާކުތޯއެވެ؟" އެކަލޭގެފާނު ޖަވާބު ދެއްވިއެވެ: "ތިބާގެ މަންމައެވެ." އެމީހާ އަހާލިއެވެ: "ދެން ކާކުތޯއެވެ؟" އެކަލޭގެފާނު ޖަވާބު ދެއްވިއެވެ: "ތިބާގެ މަންމައެވެ." އެމީހާ އަނެއްކާވެސް އަހާލިއެވެ: "ދެން ކާކުތޯއެވެ؟" އެކަލޭގެފާނު އަނެއްކާވެސް ޖަވާބު ދެއްވިއެވެ: "ތިބާގެ މަންމައެވެ." އެމީހާ އަނެއްކާވެސް އަހާލިއެވެ: "ދެން ކާކުތޯއެވެ؟" އެހިނދު އެކަލޭގެފާނު ޖަވާބު ދެއްވިއެވެ: "ދެން ތިބާގެ ބައްޕައެވެ." (ބުޚާރީ)
އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހު ރިވާކުރެއްވި ގޮތުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "އެންމެ ބޮޑެތި ފާފަތަކަކީ (1) ﷲއާ ޝަރީކުކުރުން، (2) މީހަކު މެރުން، (3) މައިންބަފައިންނަށް އުރެދުން (4) އަދި ދޮގު ހެކިބަސް ދިނުމެވެ." (ބުޚާރީ)
މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ: "އަދި ތިމަން ރަސްކަލާނގެ އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރެއްވީމެވެ. ނަމަވެސް އެދެމީހުން ތިބާއަށް ނޭނގޭ އެއްޗެއް ތިމަން ރަސްކަލާނގެއާ ޝަރީކުކުރުމަށް މަސައްކަތްކުރާނަމަ، ފަހެ އެދެމީހުންނަށް ކިޔަމަން ނުވާށެވެ." (ޤުރުއާން، 29:8)
އެހެން އާޔަތެއްގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ: "އަދި ތިމަން ރަސްކަލާނގެ އިންސާނާއަށް އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) އަމުރުކުރެއްވީމެވެ. ތިމަން ރަސްކަލާނގެއަށާއި ތިބާގެ މައިންބަފައިންނަށް ޝުކުރުވެރިވާށެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތަށެވެ (ތިޔަބައިމީހުން) އެނބުރި އަންނާނީ. އެދެމީހުން ތިބާއަށް ނޭނގޭ އެއްޗެއް ތިމަން ރަސްކަލާނގެއާ ޝަރީކުކުރުމަށް މަސައްކަތްކުރާނަމަ، ފަހެ އެދެމީހުންނަށް ކިޔަމަން ނުވާށެވެ. އެހެނަސް ދުނިޔޭގައި އެދެމީހުންނާއެކު ހެޔޮކޮށް އުޅޭށެވެ. އަދި ތިމަން ރަސްކަލާނގެއަށް ރުޖޫޢަވާ މީހުންގެ މަގަށް ތަބާވާށެވެ." (ޤުރުއާން، 31:14-15)
ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "ތިބާގެ ސުވަރުގެ ވަނީ ތިބާގެ މަންމަގެ ފައިދަށުގައެވެ." (ނަސާއީ)
އަސްމާ ބިންތު އަބޫ ބަކުރު ރިވާކުރެއްވި ގޮތުގައި: "ޙުދައިބިއްޔާގެ ޞުލްޙައިގެ ދުވަސްވަރު، އޭނާގެ މަންމަ، އެއިރު މުޝްރިކުއަކަށް ހުރެ، މައްކާއިން އޭނާ ބައްދަލުކުރަން އައެވެ. އަސްމާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އޭނާގެ މަންމަ އައި ވާހަކަ އަދި އެހީތެރިކަމަށް އެދޭ ވާހަކަ ދެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ތިބާގެ މަންމައަށް ހެޔޮކޮށް ހިތާށެވެ." (މުސްލިމް)
މަންމައަށް ޚިދުމަތްކުރުމުގެ މުހިންމުކަން ޖިހާދަށްވުރެވެސް މަތިވެރިކަން ޙަދީޘްފުޅެއްގައި ބަޔާންވެގެންވެއެވެ: މީހަކު ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް ދެންނެވިއެވެ: "އޭ ﷲގެ ރަސޫލާއެވެ! އަހުރެން ޖިހާދަށް ދާން ބޭނުންވެ، ތިބާގެ ލަފާ ހޯދަން މިއައީއެވެ." އެކަލޭގެފާނު ވިދާޅުވިއެވެ: "ތިބާގެ މަންމަ ދުނިޔޭގައި އެބަހުރިތޯ؟" އޭނާ ބުންޏެވެ: "އާނއެކެވެ." ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވިއެވެ: "އެހެންވިއްްޔާ ތިބާގެ މަންމައާއެކު ހުންނާށެވެ. ހަމަކަށަވަރުން ސުވަރުގެ ވަނީ އޭނާގެ ފައިދަށުގައެވެ." (ސުނަން ނަސާއީ)
ތިބާގެ މަންމައަށް އަބަދުވެސދުވެސް ޝުކުރުވެރިވާށެވެ. ތިބާގެ މަންމައަށް އޯގާތެރިވާށެވެ. އަދި އޭނާ ކަމެއް ކުރާއިރު އުނދަގޫވާކަމުގައި ވިޔަސް، އެކަމާމެދު ނުރުހުން ފާޅުނުކުރާށެވެ. އޭނާއަށް ދުރުނުވާށެވެ. މަޑުމައިތިރިކަމާއެކު ވާހަކަދައްކާށެވެ. އަދި އޭނާއަށްޓަކައި ދުޢާކުރާާކުރާށެވެ. މާތްﷲ އަޅުގަނޑުމެންނަށް އެކަލާނގެ އަމުރުފުޅުތައް ދެނެގަނެ، އެއަށް ކިޔަމަންވުމުގެ ތައުފީޤު ދެއްވާށިއެވެ! އާމީން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!