ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަހާއި ގުޅިގެން މީސްމީޑިއާ އާންމުކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
މި މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީ، މައިވަންތަކަމުގެ ލޯބި ކަމަށެވެ.
''މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީ، މައިވަންތަކަމުގެ ލޯބި. ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން.'' ރައީސް ވިދާޅުވެފައެވެ.
މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީ، މައިވަންތަކަމުގެ ލޯބި. ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން.
މި އުފާވެރި ދުވަހުގެ ތަހުނިޔާ މަންމައިންނަށް ފޮނުވަނީ ހެޔޮ ދުޢާތަކާ އެކު. pic.twitter.com/QcmLtn8opp
— Dr Mohamed Muizzu (@MMuizzu) May 11, 2025
މަންމައިންގެ ދުވަސް ބައިނަލްއަގްވާމީ ގޮތުން ކޮންމެ އަހަރަކު އެއް ފަހަރު ފާހަގަކުރަމުން އަންނައިރު، ބައެއް ޤައުމުތަކުގައި މި ދުވަސް ފާހަގަކުރާ ދުވަސް ތަފާތުވެއެވެ. ރާއްޖޭގައި މި ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ މޭމަހުގެ 11 ވަނަ ދުވަހުއެވެ.
މަންމައިންގެ ދުވަހަކީ މަންމައިންނާއި މައިވަންތަ ފަރާތްތައް ފާހަގަކޮށް، އެމީހުން ކުރާ ހުރިހާ ކަމަކަށް ޝުކުރުވެރިވުމަށް އޮންނަ ދުވަހެކެވެ. މި ދުވަހަކީ މައިވަންތަ ފަރާތްތަކުން އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމަށާއި މުޖުތަމަޢުގައި އެމީހުން ކުރާ މަސައްކަތަށް ޝުކުރުވެރިވުމަށް އެދޭ ދުވަހެއްވެސް މެއެވެ. މިދުވަސް ހުރިހާ ޤައުމެއްގައި ވެސް އަމާޒުކުރަނީ މަންމައިންނަށް ލޯބިވާކަމާއި ޝުކުރުވެރިކަން ދެއްކުމަށެވެ.
އިސްލާމްދީނުގައި މަންމައިންނަށް ވަރަށް މަތިވެރި މަޤާމެއް ދެއްވާފައިވެއެވެ. އިސްލާމްދީނުގައި މަންމައިންނަށް ދެއްވާފައިވާ މަޤާމަށްވުރެ މަތިވެރި މަޤާމެއް ދުނިޔޭގެ އެހެން އެއްވެސް ދީނެއްގައި ނުވެއެވެ. މަންމައަކީ މާތްﷲގެ ޙަޟްރަތުން ލިބޭ ނިޢުމަތަކާއި ހަދިޔާއެކެވެ. ކުއްޖަކު އެންމެ ފުރަތަމަ ބުނާ ބަހަކީ ލޯބިން މަންމައޭ ކިޔާ އަޑެވެ. އަދި އުފާވެރި ވަގުތުގައި ވިޔަސް ނުވަތަ ހިތާމަވެރި ވަގުތުގައި ވިޔަސް އަޑުގަދަކޮށް ގޮވާލަނީ މަންމައަށެވެ. މަންމައަކު އޭނާގެ ދަރިފުޅަށް ލޯބިވަނީ އެއްވެސް ޝަރުޠަކާ ނުލައެވެ. ވޭން އުފުލަނީ ހިނިތުންވެ ހުރެއެވެ. އަދި އެއްވެސް ޝަކުވާއަކާ ނުލައި ހުރިހާ އެއްޗެއް ޤުރުބާންކުރެއެވެ. ދަރިން ބޮޑުވުމުން، އެމީހުންގެ މައިންބަފައިންނާ މެދު އޯގާތެރިވުމަކީ އެމީހުންގެ ޒިންމާއެކެވެ. ޚާއްޞަކޮށް އެމީހުންގެ މަންމައާ މެދުގައެވެ. މުސްލިމުންނަށް އަމުރުކުރައްވާފައިވަނީ މައިންބަފައިން ދެމީހުންނާ މެދު އޯގާތެރިވެ، ކިޔަމަންތެރިވެ އަދި މަޑުމައިތިރިވުމަށެވެ. ހުރިހާ ޙާލަތެއްގައިވެސް އެމީހުންނާ މެދު އިޙްތިރާމާއެކު މުޢާމަލާތްކުރަންވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!