މިއަހަރުގެ އޯލެވެލް އިމްތިހާނުތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މަޢުލޫމާތު އާންމުކޮށްފައިވާ ގޮތުގައި މިއަހަރުގެ އުގެ އިމްތިހާނުތައް ޖުމްލަ 260 ސެންޓަރެއްގައި ކުރިއަށްދާނެއެވެ.
މިއަދު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ އިސްލާމް އަދި ދިވެހި މާއްދާގެ އިމްތިހާނެވެ. މި އިމްތިހާނުގައި ބައިވެރިވަނީ ނިމިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ގައި ކިޔެވި ދަރިވަރުންނެވެ.
ތަޢުލީމީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި އެސްއެސްސީ އިމްތިހާނުގައި 7,519 ދަރިވަރުން ބައިވެރިވެއެވެ. އަދި ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި 7,666 ދަރިވަރުން ބައިވެރިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ބައެއް މާއްދާތަކުގެ ޕްރެކްޓިކަލް ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަހަރުގެ އޯލެވެލް އިމްތިހާނު ނިމޭނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި އަންނަ އަހަރުގެ ދިރާސީ އަހަރުން ފެށިގެން އޯލެވެލް އިމްތިހާނުތައް ބާއްވާނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު/ނޮވެމްބަރު މަހުގައެވެ. މިއީ ތަޢުލީމީ ދާއިރާއަށް ގެނެވޭ މުހިންމު ބަދަލެއް ކަމަށް ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!