ކުވެއިތު ދެ އަޚުންގެ ގެއްލުނު ދަބަސް ދުބާއީ ޕޮލިހުން ހޯދައިދީފިއެވެ.

ދުބާއީ ޕޮލިހުގެ އެއަރޕޯޓް ސެކިއުރިޓީ ޑިޕާޓްމަންޓުން އެ ދަބަސް ދެ އަޚުންގެ އާއިލާއާ ހަވާލުކޮށްދީފައިވަނީ މި މައްސަލަ ރިޕޯޓުކުރިތާ 30 މިނެޓުގެ ތެރޭގައެވެ. މި ދަބަހުގައި 102،000 ދިރުހަމް (ގާތްގަނޑަކަށް 28،000 ޑޮލަރު) އާއި ޕާސްޕޯޓުތަކާއި އަދި ޕާސަނަލް ތަކެތި ހުއްޓެވެ.

Ad
rt

ދުބާއީ ޕޮލިހުގެ އެއަރޕޯޓް ސެކިއުރިޓީ ޑިޕާޓްމަންޓުގެ ޑިރެކްޓަރ ބްރިގޭޑިއަރ ހަމޫދާ ބެލްސުވައިދާ އަލް އާމިރީ ވިދާޅުވި ގޮތުގައި، ކުވެއިތުގެ ދެ އަޚުންނަށް އާއިލާގެ މެންބަރަކު ނިޔާވި ޚަބަރު ލިބުމާ ގުޅިގެން، އަވަސް އަވަހަށް އެނބުރި ދިއުމަށް ޓިކެޓް ނަގައި، މަތިންދާބޯޓަށް އަރަން އަވަސްވެގަތުމުގެ ތެރޭގައި ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 1 ގައި އެ މީހުންގެ ދަބަސް ހަނދާންނެތި ދޫކޮށްލާފައިވާކަން ފަހުން އެނގުނެވެ. މަތިންދާބޯޓުން ފައިބައިގެން ނުދެވޭތީ، އެ މީހުން އެއަރޕޯޓަށް ގެންދިޔަ އުޚުތު މެދުވެރިކޮށް ޕޮލިސް އޮފީހަށް މި މައްސަލަ ރިޕޯޓުކުރިއެވެ.

އަލް އާމިރީ ވިދާޅުވި ގޮތުގައި، ޚާއްޞަ ޓީމުތަކުން އަވަހަށް ޢަމަލުކޮށް ދަބަސް ހޯދައި، ރަސްމީ އިޖުރާއާތުތަކާ އެއްގޮތަށް 30 މިނެޓުގެ ތެރޭގައި އެ މީހުންގެ އުޚުތާ ހަވާލުކޮށްދެވުނެވެ. އޭނާ ވިދާޅުވި ގޮތުގައި، ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދަތުރުވެރިންގެ އަދަދު ގިނަކަމުން މިފަދަ ހާދިސާތައް އާންމުކޮށް ހިނގައެވެ. މިފަދަ ރިޕޯޓުތަކުގައި ގިނައިން ހިމެނެނީ ގެއްލޭ ފައިސާ، އަގުބޮޑު ތަކެތި ނުވަތަ ޕާސްޕޯޓު ފަދަ މުހިންމު ލިޔެކިޔުންތަކެވެ.

އަލް އާމިރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލޮސްޓް އެންޑް ފައުންޑް ޓީމުގެ ތަޖުރިބާކާރުން މިފަދަ މައްސަލަތައް ވަރަށް ހަލުވިކަމާއި ފުރިހަމަކަމާއެކު ބަލަހައްޓައެވެ. ކުރީގެ ބައެއް ހާދިސާތަކުގައި، ތަކެތި ގެއްލުނުކަން ވެރިފަރާތަށް އެނގުމުގެ ކުރިން ވެސް ދުބާއީ ޕޮލިހުން އެ ތަކެތި ދެނެގަނެ ރައްކާތެރިކަމާއެކު ބަލަހައްޓާފައިވެއެވެ.

އަލް އާމިރީ އަދި ވިދާޅުވީ، ދުބާއީ ޕޮލިހުން އަބަދުވެސް މަސައްކަތްކުރަނީ އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.