ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ލެގަނޭސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ބާސާއިން ނަގައިފިއެވެ. ރޭ ލެގަނޭސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ.

ރޭ މެޗު ފަށައިގެން ބާސާއިން ގޭމް ކޮންޓްރޯލްކުރި ނަމަވެސް އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ އޮންޓާގެޓް އެންމެ ހަމަލާއެއް ވެސް ފޮނިވާނުލެވިއެވެ. ނަމަވެސް ޑިފެންސަށް އިސްކަންދީގެން ކުޅެމުންދިޔަ ލެގަނޭސްއިން ކައުންޓަ އެޓޭކްގައި ކުރިއަށްއަރައި ވަނީ ބާސާއަށް ނުރައްކާކޮށްފައެވެ.

Ad
rt

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ދެވަނަ ހާފުގެ ކުރީކޮޅު ލެގަނޭސްގެ ޑިފެންޑަރ ސައެންޒްގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ރަފީނިއާ ހުރސްކުރި ބޯޅަ ދިފާއުކުރަން މަސައްކަތް ކުރުމުގެ ތެރޭ ސައެންޒްގެ ފައިގައި ޖެހިފައި އެ ބޯޅަ ވަނީ ބައި ގޯލަށެވެ.

ބައިކޮޅަށް ވަތް ލަނޑަށްފަހު ލެގަނޭސްއިން ވަނީ ކުޅުން ރަނގަޅުކޮށް، ޓީމް ކުރިއަށް ޖައްސައި ބާސާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެ ޓީމްގެ އެޑްރިއާ އަލްޓިމިރާ ހުރަސްކޮށްދިން ބޯޅައެއް ޑެނީ ރަބާ ވަނީ ބޮލުން ބާސާގެ ގޯލަށް ވައްދާލާފައެވެ. ނަމަވެސް އޮފްސައިޑް ވުމުން ލަނޑުވަނީ ކެންސަލްކޮށްފައެވެ.

މި މެޗުން މޮޅުވުމާއިއެކު ބާސާއަށް ވަނީ 31 މެޗުން 70 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް ރެއާލަށް ލިބިފައިވަނީ 30 މެޗުން 63 ޕޮއިންޓެވެ. މިރޭ ރަށުން ބޭރުގައި ރެއާލް ނުކުންނާނީ ޑިޕޯޓިވޯ އަލަވޭސްއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށްގެން ބާސާއާއި އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.