އެކުވެރި ދައުލަތްތައް (އ.ދ) ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ދަށުން އުފައްދާފައި އޮންނަ، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިޔޫ) އަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.
އދ. ގައި ހުންނަ ރާއްޖޭގެ މިޝަން އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ އިންތިހާބުވެފައިވަނީ ކޮމިޝަންގެ 2026 އިން ފެށިގެން 2030 އަށް ކުރިއަށް ދާނެ ދައުރަށެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަންހެނުންގެ ބާރުވެރިކޮށް ޖިންސުގެ ހަމަހަމަކަން ގާއިމްކުރުމަށް މި ސަރުކާރުން ގެންގުޅޭ ވަރުގަދަ ސިޔާސަތުގެ ދަށުން ކަމަށެވެ. އަދި މިއީ އަންހެނުންގެ ހައްގުތައް ކުރިއެރުވުމަށާއި ބާރުވެރިކުރުމުގެ އަޒުމުގައި އެޅި ވަރުގަދަ ފިޔަވަޅެއް ކަމަށާއި މި ކޮމިޝަނަށް އިންތިހާބުވުމާއެކު މި ދާއިރާއިން ރާއްޖޭގެ އަޑު އިތުރަށް ގަދަ ވެގެން ދާނެ ކަމަށް ބުނެފައިވެ އެވެ.
ސީއެސްޑަބްލިޔުއަށް ރާއްޖެއިން ކުރިމަތިލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.، އިންތިހާބު ބޭއްވީ މިއަދު އިކޮސޮކްގައެވެ.
މިއީ އަންހެނުންގެ ކޮމިޝަނުގައި ރާއްޖެ ތަމްސީލްކުރާނެ ފުރަތަމަ ފަހަރެވެ.
ކޮމިޝަން އޮން ދި ސްޓޭޓަސް އޮފް ވިމެންގެ މެންބަރުކަމަށް ދިވެހިރާއްޖެ އިންތިޚާބުވުމަކީ ލިބުނު ފަޚުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!