މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) ގެ ޑިރެކްޓަރ ޖެނެރަލް (ޑީޖީ) މަޤާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ މަގާމަށް ހަމަޖައްސާފައި ވަނީ އަހްމަދު މައުސޫމް ކަމަށެވެ.

Ad
rt

ހެލްތް މިނިސްޓްރީން ބުނީ، އެމްބީއެސްގެ ޑީޖީއަކަށް ހަމަޖެއްސި އަހްމަދު މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުރި ބޭފުޅެއްކަމަށެވެ. އަދި އޭނާ ވަނީ މީގެ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައިވެސް މަސައްކަތް ކުރައްވާފައެވެ.

ހެލްތް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، އެމްބީއެސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށާއި ޑިރެކްޓަރެއްގެ މަޤާމަށް ވެސް ދެ ބޭފުޅުން ވަރަށް އަވަހަށް ހަމަޖައްސާނެއެވެ. އަދި އެމްބީއެސްއަށް ފިޒީޝަނެއް ވެސް ވަރަށް އަވަހަށް ހަމައްސާނެކަމަށް މިނިސްޓްރީން ބުނެފަވެއެވެ.

އެމްބީއެސްއަށް މިވަގުތު ބޭނުންވާ 5 ނަރުހުން ހޯދުމަށް މިއަދު ވަނީ އިޢުލާންކޮށްފައެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް ވެސް ހެލްތުން ބުނެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އެމްބީއެސް އަދި އެމްބީއެސްގެ މަސައްކަތް ބަދަލުކުރަން ނިންމާފައިވާ އޮރެންޖް ހިޔާއަށް ވަޑައިގެން އެތަންތަން ބެއްލެވުމަށްފަހު ކުރެވުނު މަޝްވަރާގައި، ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލެސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް، އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ވަނީ ނިންމަވާފައެވެ. އަދި ތެލެސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.