ކުރިއަށް އޮތް ރަމަޟާންމަހު މާލެ ސަރަހައްދުގައި އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަރަންޓްގެ ޑިމާންޑަށް ޚިދުމަތް ދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޚާއްސަ ތައްޔާރީތަކެއް ވަމުންދާ ކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަސް ދިމާވަނީ ހޫނު މޫސުމާއި ސްކޫލް ބަންދު ދުވަސްވަރަކާ ކަމަށްވުމުން، ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
"މިދިޔަ އަހަރުގެ މެދުތެރޭގައި އަޅުގަނޑުމެން ވާނީ ޖަނަރޭޓަރާއި ޓްރާންސްފޯމަރާއި ބޭނުންވާ ސްވިޗް ގިއަރތައް އޯޑަރކޮށްފައި. މިހާރު ބައެއް ޖަނަރޭޓަރުތައް ރާއްޖެ އައިއްސަ ވަނީ. ޖަނަރޭޓަރު ބެހެއްޓުމަށް ބިމުގެ ކަންތައްތައް ހަމަޖެހުމާއެކު، މިހާރު އެ މަސައްކަތް ފަށައިގެން ކުރިއަށް މިދަނީ," ނާޝިދު ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ، ހުޅުމާލޭގައި 24 ގަޑިއިރުގެ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށާއި، އެއީ އިތުރު ޖަނަރޭޓަރުތައް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.
ނާޝިދު ހާމަކުރެއްވި ގޮތުގައި، ރަމަޟާންމަހު ކަރަންޓް ބޭނުންކުރާ މިންވަރު އާންމު ގޮތެއްގައި 15% އާއި 20% އާ ދެމެދު އިތުރުވެއެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ޕީކް ޑިމާންޑަކީ ގާތްގަނޑަކަށް 113 މެގަވޯޓް ކަމަށާއި، މިއަހަރު އޭގެ މައްޗަށް އިތުރު 15 މެގަވޯޓް އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަންދާޒާކުރަނީ މިއަހަރުގެ ޕީކް ޑިމާންޑް 130 މެގަވޯޓާ ކައިރިކުރާނެ ކަމަށް. ރޯދަމަހު މެންދުރު ފަހުން ފެށިގެން ރޭގަނޑު 12 ނުވަތަ 1 ޖަހަންދެން ޑިމާންޑް ދެމިގެންދާ ކަމަށާއި، މިއީ ވަރަށް ބޮޑު ކޮންސަމްޕްޝަނެއް," ނާޝިދު ވިދާޅުވިއެވެ.
ސްޓެލްކޯއިން ވަނީ އާންމުންނަށް ގޭބީސީތަކުގައި ކަރަންޓް ބޭނުންކުރާއިރު އިޤްތިޞާދުކުރުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް އޭސީ، ދޮންނަ މެޝިން، އަވަން އަދި އިސްތިރި ފަދަ ކަރަންޓް އާލާތްތައް ބޭނުންކުރާއިރު ސަމާލުވެ، ކަރަންޓް އިޤްތިޞާދުކުރުމަށް އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!