ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލުން ފުރަތަމަ ފަހަރަށް ނައިވާދޫ ޖާގަ ހޯދައިފިއެވެ.
މިއީ މި މުބާރާތުގެ ފައިނަލުން ތިލަދުންމަތީގެ ޓީމެއް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގައި ތިލަދުންމަތީގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ނައިވާދޫއެވެ.
ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ބައްދަލުކޮށްފައި ވަނީ ނައިވާދޫއާއި އެންމެ ފަހުގެ ޗެމްޕިއަން ލ.ގަމެވެ. ނައިވާދޫއިން މެޗު ކާމިޔާބުކޮށްފައި ވަނ 3-1 ގެ ނަތީޖާއިންނެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ނައިވާދޫއަށް ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝާއިން، އަހްމަދު ހަމީދުއެވެ. ޝާއިން ވަނީ ދެ ގޯލު ޖަހައިދީފައެވެ. ގަން ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ އަހްމަދު ހަލީމްއެވެ.
ގޯލްޑަން ފުޓްސަލްގައި ނައިވާދޫއިން އަތޮޅުތައްޓާއި ޒޯންތަށި ތަކުރާކުކޮށް ކާމިޔާބުކޮށްފައިވީ ނަމަވެސް ފާއިތުވި ތަނުގައި މުބާރާތުގެ ކުއާޓާ ފައިނަލަށް ވުރެ ދުރަށް ދަތުރުކުރެވިފައި ނުވެއެވެ.
އަނިޔާގެ ސަބަބުން ނައިވާދޫގެ އެންމެ މުހިންމު ކުޅުންތެރިޔާ އަބްދުﷲ ޝާފިއު (ޝާއްޕެ) އަށް ސެމީ ފައިނަލުގައި ނުކުޅެވުނު ނަމަވެސް އެ ޓީމުން މިވަނީ އާދަޔާހިލާފް ހިތްވަރެއްނެރެ ފައިނަލަށް ގޮސްފައެވެ.
މުބާރާތުގައި ފައިނަލްގައި ނައިވާދޫ ވާދަކުރަން ޖެހޭނީ، ސެމީގައި ވަރުގަދަ ވާދޫ ބަލިކޮށް މުބާރާތުގެ ފައިނަލުން މުޅިން އަލަށް ޖާގަ ހޯދި ކާށިދޫއާއެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ 20:00 ގައި، ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!