ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލަ ތަޙުޤީޤުކޮށް ނިންމައި، ދެ މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދީފިއެވެ.

މި މައްސަލައިގައި ދަޢުވާ ކުރުމަށް ފޮނުވާފައިވާ ދެ މީހުންނަކީ ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35އ) އާއި ހދ. ނޮޅިވަރަމް / ގްރީންހައުސް، މުޙައްމަދު ޖަމީލް (43އ) އެވެ. މި ދެ މީހުންނަކީ އެކްސިޑެންޓް ހިނގި ވަގުތު އެ ދެ ލޯންޗު ދުއްވަން ތިބި މީހުންކަމަށް ޕޮލިހުން ބުނެއެވެ.

Ad
rt

2023 އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރު "ސަސް އީ ސްޕީޑް" ލޯންޗާއި "އެމްޑަބްލިޔުއެސްސީ މެރިން 2" ލޯންޗު ޖެހި ހިނގި މި އެކްސިޑެންޓުގައި، އެއް ލޯންޗުން ދަތުރުކުރި 52 އަހަރުގެ ފިރިހެނަކަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެ ދުވަހުގެ 18:15 އެހައިކަންހާއިރު އޭނާ ނިޔާވެފައިވެއެވެ.

މި މައްސަލައިގެ ތަޙުޤީޤު ނިންމައި އެ ދެ މީހުންގެ މައްޗަށް ޖިނާއީ ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންމެ ފުރަތަމަ މައްސަލަ ފޮނުވާފައިވަނީ 2023 ޖޫން 4 ގައެވެ.

ނަމަވެސް މައްސަލަ އިޞްލާޙުކުރުމަށް އަނބުރާ ފޮނުވުމަށްފަހު ދެވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2025 ޖަނަވަރީ 15 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ދަޢުވާ ލިބޭ ދެ ފަރާތުގެ މައްޗަށް ކުރެވޭ ދަޢުވާތަކުގެ ތަފްޞީލު އަދި ހާމަކޮށްފައެއް ނުވެއެވެ.