ކުޅުދުއްފުށި ސިޓީގެ "ފިނިފެހި ސިޓީ" މަޝްރޫޢުގެ ދަށުން ގާއިމުކުރި "މަލަފެހި" ނާސަރީ އިއްޔެ ހުޅުވައިފިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މިތަނަކީ އެ ކައުންސިލްގެ "ފިނިފެހި ސިޓީ" މަޝްރޫޢުގެ ދަށުން ދިވެހި ރެޑްކްރެސެންޓް އާއި ގުޅިގެން ތަރައްގީކޮށްފައިވާ ތަނެކެވެ.
މި ނާސަރީ ގާއިމުކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީގެ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައެވެ.
މި ނާސަރީ ހުޅުއްވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިިފް އާއި ދިވެހި ރެޑްކްރެސެންޓްގެ ކުޅުދުއްފުށީ ގޮފީގެ މެނޭޖަރު އިބްރާހިމް މުހައްމަދެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ނާސަރީގެ މައިގަނޑު މަޤުސަދަކީ ރަށުގެ ތިމާވެށީގެ ހާލަތު ރަނގަޅުކޮށް، މަގުތަކުގެ ގްރީންޒޯންތަކާއި އާންމުތަންތަނަށް ބޭނުންވާ އެކި ބާވަތުގެ ގަސް އުފައްދައި، ރަށް ޒީނަތްތެރިކުރުމާއި، ރަށުން ނެތެމުންދާ ގަސްތައް އަލުން އިއާދަކުރުމާއި، އަމިއްލަ ވެށީގެ ގަސްގަހާގެއްސާއި މެންގްރޫވް ހިމެނޭ ގޮތަށް އެކި ބާވަތުގެ ގަސް އުފައްދައި އިންދުމެވެ.
މީގެ އިތުރުން ކުޅުދުއްފުށީގެ އަތިރިދޮށުގެ ގުދުރަތީ ގަސްގަހާގެއްސަށް އަލުން ފަރުވާ ދިނުމާއި ފިނި އަދި ފެހި ސިޓީއަކަށް ކުޅުދުއްފުށި ސިޓީ ހެދުމަށް މަސައްކަތްކުރުމަކީ ވެސް މި ނާސަރީގެ މައިގަނޑު މަޤްސަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ކުޅުދުއްފުށި ސިޓީގެ "ފިނިފެހި ސިޓީ" މަޝްރޫޢުގެ ދަށުން ތަފާތު ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!