އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގައި 75 ދުވަހަށް ޓިކްޓޮކް ބަންދުކުރުން ފަސްކުރުމުގެ އަމުރުގައި ސޮއިކުރަށްވައިފިއެވެ.

މި ނިންމުން ފަސްކޮށް އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުމަށް އިތުރު މުހުލަތެއް ދެއްވާނެކަމަށް ޓްރަމްޕް ވަނީ އާދީއްތަ ދުވަހު ވަޢުދުވެވަޑައިގެންފައެވެ. މި ވަޢުދާއި އެއްގޮތަށް ވެރިކަމާއި ހަވާލުވެޑައިގަތުމަށްފަހ ޓްރަމްޕް ވަނީ ޓިކްޓޮކް ބަންދުކުރުން 75 ދުވަހަށް ފަސްކުރުމަށް ތަންފީޒީ އަމުރެއްގައި ސޮއިކުރައްވާފައެވެ.

Ad
rt

މި އަމުރުން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް އަންގަނީ، ކޮންގްރެސްގައި ދެ ޕާޓީގެ ފުޅާ ތާއީދާއެކު ފާސްކޮށް، ކުރީގެ ރައީސް ޖޯ ބައިޑަން އޭޕްރީލް މަހު ސޮއިކުރެއްވި "ފޮރިން އެޑްވަރސަރީ ކޮންޓްރޯލްޑް އެޕްލިކޭޝަންސް އެކްޓް" ތަންފީޒު ނުކުރުމަށެވެ. މި ޤާނޫނުގެ ދަށުން ޖެނުއަރީ 19 އިން ފެށިގެން، އެމެރިކާ ނުވަތަ އެމެރިކާގެ އެކުވެރި ޤައުމެއްގެ ގަންނަ ފަރާތަކަށް ނުވިއްކާނަމަ، އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރަން ޖެހެއެވެ.

މި ޤާނޫނުން ރައީސަށް ބަންދުކުރުން ތަންފީޒުކުރާނެ ގޮތުގެ މައްޗަށް ފުޅާ އިޚްތިޔާރެއް ދެއެވެ. ޓްރަމްޕް ވަނީ ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި، ހޯމަ ދުވަހު މި ޤާނޫނު ތަންފީޒު ނުކުރުމަށް ތަންފީޒީ އަމުރެއްގައި ސޮއިކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. މި ވަޢުދަކީ، ހޮނިހިރު ރޭ 12 ގަޑިއިރަށްވުރެ ގިނަ ވަގުތު އޮފްލައިންކޮށްފައިވާ ޓިކްޓޮކް، އާދީއްތަ ދުވަހުގެ މެންދުރުފަހު އަލުން އޮންލައިންވުމަށް އެކަށީގެންވާ ވަރުގެ ޔަޤީންކަމެއް ލިބިދިން ކަމެކެވެ.

ނަމަވެސް އެމެރިކާގައި ޓިކްޓޮކްގެ ނިހާއީ ކަންތައް އޮންނާނެ ގޮތެއް އަދިވެސް ވަނީ ޝައްކުގެ ތެރޭގައެވެ. ޓިކްޓޮކްގެ ވެރިފަރާތް ކަމުގައިވާ ޗައިނާގެ ބައިޓްޑާންސްއިން، ޓްރަމްޕް މެދުވެރިވެގެން ހަމަޖައްސާ ޑީލެއް ކަމުގައި ވިޔަސް، ގަންނަ ފަރާތަކަށް މި އެޕް ވިއްކަން ބޭނުންވާނެކަން ސާފެއް ނޫނެވެ.

"އަދި ހަނދުމަފުޅު ބަހައްޓަވާ، ޓިކްޓޮކްއަކީ ގިނައިން ކުޑަކުދިންނާއި ޅަ ކުދިންނާ ބެހޭ އެއްޗެއް. ޗައިނާއިން ޅަ ކުދިންނާ ބެހޭ މަޢުލޫމާތު އެއިން ހޯދަން އުޅޭނަމަ، ތެދުތެދަށް ބުނަންޏާ، އަހަރެމެންނަށް އެއަށްވުރެ މާ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް އަހަރެން ދެކެން،" މިކަމާއި ގުޅިގެން ޓްރަމްޕް ޓްރަމްޕް ވިދާޅުވެފަވެއެވެ.