މިދިޔަ ރޯދަ މަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރެއްވި ގޮތުގައި މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގެ ތަޙުޤީގު ނިންމާ މަޝްއަރު ޓުއާސްގެ ވެރިންނަށް ދަޢުވާ ކުރުމަށް 2 ޑިސެމްބަރ 2024 ގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދިފައިވާނެކަމަށެވެ.

Ad
rt

މިދިޔަ ރޯދަމަހު އުމްރާއަށް ދިޔަ ބަޔަކު ހާލުގައި ޖެއްސުމުގެ މައްސަލައިގައި މަޝްއަރު ޓުއާސްއާގުޅޭ ތަފާތު މައްސަލަތަކެއްގެ ތަޙުޤީގު ކުރެވިފައިވީ ނަމަވެސް އަދި ފުލުހުން ދަޢުވާކޮށްދިނުމަށް އެދިފައިވަނީ މީގެ ތެރެއިން ޗެކްތަކެއް ބައުންސްވީ މައްސަލައެވެ.

މިދިޔަ ރޯދަ މަހު މަޝްއަރު ޓްއާސް ގްރޫޕުން ޢުމުރައަށް ގެންދިޔައީ 53 މީހެކެވެ. ކޮންމެ މީހަކު އަތުން ދެކޮޅުޓިކެޓަށް 38500 ރުފިޔާގެ ރޭޓުންވަނީ ފައިސާ ނަގާފައެވެ. އެހެން ނަމަވެސް އުމުރާ ފުރިހަމަ ކުރުމަށް ފަހު އުމުރާވެރިން ރާއްޖެ ގެނައުމަށް އޭސް ޓްރެވަލްސް އަށް ދޫކުރި ޗެކް ބައުންސުވާއި ގުޅިގެން ރާއްޖެ ނާދެވި އުމުރާވެރިން މައްކާގައި ތާށިވިއެވެ. އެމައްސަލަ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ހުށަހެޅިއެވެ.

މަޝްއަރު ޓްއާސްގެ ނަމުގައި މީހުން ޢުމުރާއަށް ގެންދިޔައީ ޓްރެވަލް އޭޖެންސީއެެއް މެދުވަރިކޮށެވެ. ނަމަވެސް މިޓްރެވަލް އޭޖެންސީ އެއްވެސް ރަސްމީ އިދާރާއެއްގައި ރަޖިސްޓްރީ ކޮށްފައި ނުވާކަން އޭރުވަނީ ފާހަގަ ކުރެވިފައެވެ.