ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް އިންޑިއާގެ ޖާސޫސީ އިދާރާގެ ރޯގެ އެހީތެރިކަމާއެކު ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން ބޮޑު ރޭވުމެއް ރޭވިކަމަށް ބުނެފައިވާ ވާހަކަ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ދޮގުކުރައްވައިފިއެވެ.

ޚާރިޖީ ވަޒީރު ޚަލީލް، މި ރިޕޯޓު ދޮގުކުރަށްވާފައި ވަނީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ވިއޯން ނޫހަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

Ad
rt

ވޮޝިންގްޓަން ޕޯސްޓުން 30 ޑިސެމްބަރު 2023 ގައި ޝާއިޢުކުރި ރިޕޯޓުގައި ބުނެފައިވަނީ "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް" ނަމުގައި ތައްޔާރުކޮށްފައިވާ ކަރުދާހެއްގައި، ރައްޔިތުންގެ މަޖިލީހުގެ 40 މެންބަރުންނަށް ރިޝްވަތު ދީގެން ރައީސް މުޢިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރާވާފައިވާ ކަމަށެވެ. އަދި މި ރޭވުމުގައި އިންޑިއާގެ ޖާސޫސީ އިދާރާ ރޯގެ އެހީތެރިކަން ހޯދާފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް، ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް މި ރިޕޯޓު ދޮގުކުރައްވައި ވިދާޅުވެފައިވަނީ މިފަދަ އެއްވެސް ރޭވުމެއް އޮތްކަމަށް ސަރުކާރަށް އެނގިފައިނުވާ ކަމަށެވެ. އަދި މިފަދަ ދޮގު މަޢުލޫމާތު ފެތުރުމަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ރަޙްމަތްތެރިކަމަށް އަސަރުކުރުވަން ކުރެވޭ މަސައްކަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވޮޝިންގްޓަން ޕޯސްޓުން ޝާއިޢުކުރި ރިޕޯޓުގައި ބުނެފައިވާގޮތުން "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް" ނަމުގައި ތައްޔާރުކޮށްފައިވާ ކަރުދާހުގައިވާ ރޭވުމެއްގެ ދަށުން މަޖިލީހުގެ 40 މެންބަރުންނަށް ރިޝްވަތު ދީގެން ރައީސް މުޢިއްޒުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމާއެކު، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ 10 އިސް އޮފިސަރުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދިނުމަށް ވެސް ވަނީ ރާވާފައެވެ. މި ޕްލޭނަށް ހަ މިލިއަން ޑޮލަރު (ގާތްގަނޑަކަށް 92.5 މިލިއަން ރުފިޔާ) ކަނޑައަޅާފައިވާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

މި ރޭވުމަށް އަމަލީ ސިފައެއް ނުގެނެވުނީ، ރައީސް މުޢިއްޒު މަޤާމުން ދުރުކުރުމަށް އެކަށީގެންވާ އަދަދަށް މެންބަރުން ނުލިބުމުން ކަމަށާއި، ފައިސާގެ މައްސަލަ ދިމާވުމާ ގުޅިގެން، އެމްޑީޕީގެ ބައެއް މެންބަރުން އިންޑިއާއިން ފައިސާ ހޯދުމަށް ހުށަހެޅި ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އިންޑިއާގެ ޖާސޫސީ އިދާރާ، ރޯގެ އެހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން ރޭވި ކަމަށް ބުނެ، ވޮޝިންގްޓަން ޕޯސްޓުގައި ޝާއިއުކުރި ރިޕޯޓު، އިންޑިއާ ސަރުކާރުން ވަނީ ނުސީދާކޮށް ދޮގުކޮށްފައެވެ. މިގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވެފައި ވަނީ ވޮޝިންގްޓަން ޕޯސްޓާއި އެ ނޫސްވެރިޔާ ވެސް އިންޑިއާއާ މެދު ގެންގުޅެނީ ޒާތީ ހަސަދަވެރި ކަމެއް ކަމަށާއި، އެ މީހުން ދައްކާ ވާހަކައިގެ އެއްވެސް އިތުބާރެއް ނެތް ކަމަށެވެ.