ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން 2024 ވަނަ އަހަރު ނެރެފައިވާ ޑިޖިޓަލް ކަލަންޑަރު ސޮފްޓްވެއާ އަޕްޑޭޓަކާއެކު މިއަހަރުވެސް ބޭނުންކުރެވޭ ގޮތް ހަދަން ނިންމައިފިއެވެ.
އެސްޓީއޯ އިން މަޢުލޫމާތު ދިން ގޮތުގައި، މިއީ ކުންފުނީގެ ސަސްޓެއިނަބިލިޓީ، އިނޮވޭޝަން އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަން ވިސްނުމުގެ ދަށުން އެޅުނު މުހިންމު ބިންގަލެކެވެ. 2024 ވަނަ އަހަރު ތަޢާރަފުކުރެވުނު މި ޑިޖިޓަލް ކަލަންޑަރަކީ އޮފީސް މޭޒުތަކާއި ގޭތެރޭގައި ބެހެއްޓުމަށްވެސް މަޤުބޫލުވެގެން ދިޔަ ކަލަންޑަރެކެވެ.
އެސްޓީއޯ އިން ބުނީ މި ނިންމުމަކީ ކުންފުނީގެ ދެމެހެއްޓެނިވި ވިސްނުންތަކާއި އުސޫލުތަކާއެކު، ޕޭޕަލެސް ޕޮލިސީގެ ދަށުން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިނ ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ސޮފްޓްވެއާ އަޕްޑޭޓާއެކު މިފަހަރުވެސް އެސްޓީއޯ ޑިޖިޓަލް ކަލަންޑަރު ވެގެންދާނީ އިތުރު ފަސޭހަތަކެއް ލިއްބައިދޭ، މަޤުބޫލު ވަސީލަތަކަށް ކަމުގައި ކުންފުނިން ޔަޤީންކުރާ ކަމަށްވެސް ބުނެފައިވެއެވެ.
އެސްޓީއޯ އިން އިތުރަށް ހާމަކުރި ގޮތުގައި، މީގެ ކުރިން އަހަރަކު އަށް ހާހަށްވުރެ ގިނަ ކަލަންޑަރު ޕްރިންޓުކުރަމުން އައި ނަމަވެސް، ޑިޖިޓަލް ކަލަންޑަރުގެ ސަބަބުން އަލުން ޕްރިންޓުކުރަން ނުޖެހި، ކުނި އުފެދުމާއި ތިމާވެއްޓަށް ދެވޭ ގެއްލުން ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ. މީގެ ސަބަބުން ގަސްތައް ސަލާމަތްވުމާއި، ކުނިގޮނޑުތަކަށް އުކާލެވޭ ކުނި މަދުވުމާއި، އަދި ކާބަން ފުޓްޕްރިންޓް ކުޑަވުން ފަދަ ފައިދާތައް ލިބޭނެއެވެ.
އަޕްޑޭޓް ކުރެވިފައިވާ ޑިޖިޓަލް ކަލަންޑަރުގައި 2025 ވަނަ އަހަރުގެ ރަސްމީ ބަންދު ދުވަސްތަކާއި އެސްޓީއޯއަށް ޚާއްޞަ އިވެންޓްތަކުގެ މުހިންމު ތާރީޚުތަކާއި ހަރަކާތްތަކުގެ މަޢުލޫމާތު ހިމެނޭނެއެވެ. މީގެ އިތުރުން އާ ތީމްތަކާއި ވިޝުއަލްސްގެ އިތުރުން ކަސްޓަމް ރިމައިންޑާސް އަދި އެސްޓީއޯގެ ބައެއް ބްރޭންޑްތަކުގެ މަޢުލޫމާތުވެސް ހިމެނޭނެއެވެ.
އެސްޓީއޯ އިން ބުނީ މި އިސްނެގުމަކީ ކޯޕަރޭޓް ޑިޖިޓަލައިޒޭޝަންގައި އެސްޓީއޯގެ ލީޑަޝިޕުން ދައްކުވައިދޭ ލާމަސީލު މިސާލެއް ކަމަށާއި، މިއީ ކޮންމެ އަހަރަކު އާ ކަލަންޑަރެއް އުފެއްދުމަށް ބޮޑެތި ވަސީލަތްތައް ހޭދަކުރުމުގެ ބަދަލުގައި އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ އޯލްޓަނޭޓިވްތައް އިޚްތިޔާރުކުރުމަށް އެހެން ފަރާތްތަކަށްވެސް ހިތްވަރުދީ ގޮވާލާ ގޮވާލުމެއް ކަމަށެވެ.
2025 ވަނަ އަހަރުގެ ސޮފްޓްވެއާ އަޕްޑޭޓްކުރުމާ ގުޅޭ މަޢުލޫމާތު އެސްޓީއޯގެ ވެބްސައިޓާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރާނެ ކަމަށް ކުންފުނިން ބުނެފައިވެއެވެ. އާ ސޮފްޓްވެއާގައި އިނޮވޭޝަނާއި ޔޫޒަރ އެކްސްޕީރިއަންސަށް އަހައްމިއްޔަތުކަން ދެވިފައިވާނެ ކަމަށާއި، ފަސޭހައިން ސޮފްޓްވެއާ އަޕްޑޭޓް ކުރެވުމުގެ އިތުރުން، ޑިޖިޓަލް ޓޫލްތަކާ ގުޅުވުމާއި، ބޭނުންހިފޭ އިތުރު ކަންކަން ހިމެނިގެންދާނެ ކަމަށްވެސް އެސްޓީއޯ އިން މަޢުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!