ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ސާފު މުދާ ނުވަތަ ޖުމުލަ މިލްކިއްޔާތު 10 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ.
ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުންގެ ޖުމްލަ މުދާ 10 ޓްރިލިއަން ޑޮލަރަށް އަރައިފައިވާއިރު، މިއީ މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ އަދަދެވެ. މި ލިސްޓުގެ އެންމެ މަތީގައިވަނީ ޓެސްލާ އާއި ސްޕޭސްއެކްސްގެ ސީއީއޯ އީލޮން މަސްކެވެ.
އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާގެ އަގު މައްޗަށް ދިއުމާ ގުޅިގެން، އެންމެ މުއްސަނދި މީހުންގެ ތެރެއިން ގިނަ ބަޔަކުގެ މުދާ އިތުރުވެފައިވާކަމަށް ބްލޫމްބާގް އިން ބުނެއެވެ. ޚާއްޞަކޮށް އީލޮން މަސްކް، މާކް ޒަކަބާގް އަދި ޖެންސެން ހުއާންގ ފަދަ ޓެކްނޮލޮޖީ ދާއިރާގެ ވެރިންގެ މުދާ ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ އީލޮން މަސްކްގެ މުދާ ވަނީ 213 ބިލިއަން ޑޮލަރު އިތުރުވެ، 442 ބިލިއަން ޑޮލަރަށް އަރާފައެވެ. މިއީ މިހާތަނަށް ރެކޯޑުކުރެވިފައިވާ އެންމެ މަތީ އަދަދެވެ.
ޓްރަމްޕް އިންތިޚާބުވުމާ ގުޅިގެން ޑިޖިޓަލް އެސެޓްތަކުގެ އަގުވެސް މައްޗަށް ގޮސްފައިވާކަމަށް ބްލޫމްބާގް އިން ބުނެއެވެ. މީގެ ސަބަބުން ބައިނެންސްގެ ސީޒެޑްގެ މުދާ ވަނީ 60 އިންސައްތަ އިތުރުވެފައެވެ.
2025 ވަނަ އަހަރުގެ ޖެނުއަރީ 1 ގެ ނިޔަލަށް ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ލިސްޓުގައި ހިމެނެނީ:
1. އީލޮން މަސްކް (ޓެސްލާ، ސްޕޭސްއެކްސް، އެކްސްއޭއައި) - 432 ބިލިއަން ޑޮލަރު
2. ޖެފް ބެޒޯސް (އެމެޒޯން) - 239 ބިލިއަން ޑޮލަރު
3. މާކް ޒަކަބާގް (މެޓާ ޕްލެޓްފޯމްސް) - 270 ބިލިއަން ޑޮލަރު
4. ލެރީ އެލިސަން (އޯރަކަލް) - 192 ބިލިއަން ޑޮލަރު
5. ބަރނާޑް އަރނޯލްޓް (އެލްވީއެމްއެޗް) - 176 ބިލިއަން ޑޮލަރު
މި ލިސްޓުގައި ހިމެނޭ ގިނަ މީހުންނަކީ ޓެކްނޮލޮޖީ ދާއިރާގެ ވެރިންކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!