ސްކޫލް ދައުރު ނިންމާ މަތީ ތައުލީމް ހާސިލްކޮށް ވަޒީފާ އަކަށް ނުކުންނައިރު އަތުގައި ޑިގްރީ، މާސްޓަރސް އަދި ޕީއެޗްޑީ ފެންވަރުގެ ސަނަދުތައް އޮތުމަކީ ކޮންމެމީހަކަވެސް ބޭނުންވާ އަދި ފައިދާ ހުރިކަމެކެވެ.

ނަމަވެސް މީގައި މައްސަލަ އަކަށް ގިނަފަހަރު ވެގެންދަނީ ތިމާއަށްލިބޭ މަޤާމާ ލަޤަބުގެ ސަބަބުން، ހަޔާތުގައި ދިމާވަނީ އެކި ފެންވަރާއި ފަންތީގެ މީހުންނާކަން ބައެއްފަހަރު ހަނދާން ނައްތާލެވޭކަމެވެ.

Ad
rt

ދިރިއުޅުމުގައި ކިތަންމެ ކާމިޔާބީއެއް ހާސިލްވެ ކިތަންމެ ބޮޑު މާގާމެއްގައި ހުރި ކަމުގައި ވިޔަސް ، ދަންނަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ ، ކޮންމެ ކަމަކީ ވެސް މާތްﷲ ގެ މިންވަރުފުޅުން ލިބޭ ކަންތައްތަކަށް ވާހިނދު، ލޮލުގެ އެސްފިޔަ ޖަހާލާހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެމީހެއްގެ އާރާއި ބާރު ގެއްލިގެން ހިނގައި ދާނެކަމެވެ.

ދުނިޔޭގައި ކިތައް ފަގީރުން މުއްސަންދިވެ، އަދި ކިތައް ނިކަމެތިން ޝަރަފުވެރި ވެފައިވޭތޯއެވެ. މިކަން ހަނދާނުގައި ބަހަށްޓައިގެން ދުނިޔޭގައި އުޅެމުން އަންނަކަމުގައި ވަނީ ނަމަ ދިރިއުޅުމުގައި ދިމާވާ ކޮންމެ މީހަކަށްވެސް ހަމަހަމަ ކަމާ އިޙްތިރާމާ އޯގާތެރި ކަމާއެކު ކަންތައްތައް ކޮށްދެވޭނެއެވެ.

އާރާބާރު ހުރި ކިތަންމެ ބޮޑު މުއްސަންޖަކަށްވެސް ތިމާއަށް ވެވިދާނެއެވެ. ނަމަވެސް އެހެންމީހުނާއި ދޭތެރޭ އެމީހާ ގެ އަމަލު ތައްބަހަށްޓަނީ ރަނގަޅަށް ނޫންކަމުގައި ވަނީ ނަމަ އެފަދަ މީހަކާ އެކު އުޅެން އެއްވެސް މީހަކު ބޭނުންވާނެތޯއެވެ؟

ތިމާއަށް ތިމާގެ ފެންވަރު އޮޅި އެހެންމީހުން ކުޑައިމީސް ކުރަނީނަމަ ދިރިއުޅުމުގެ ރޭހުގައި ކިތަންމެ ކުރިއަރާ، ކިތަންމެ ފައިސާ އެއް ހުރިމީހަކު ކަމުގައި ވީނަމަވެސް އެމީހާއަކީ އެކުވެރިއަކުނެތް، އެމީހަކާ ބައްދަލުވުމަށް އެހެން މީހުން ނޭދޭ މީހަކަށްވުން އެކަށީގެންވެއެވެ.

ދިރިއުޅުމުގައި ކިތަންމެ އުހުގައި ހުރިކަމުގައިވިޔަސް ނުވަތަ ކިތަންމެ ދަށުގައި ވީނަމަވެސް، މާތް ﷲ ތިމާ ދުނިޔެއަށް ފޮނުއްވެވި ގޮތް ހަނދުމަނައްތާނުލައްވާ! ކޮންމެ މީހަކު ކަމުގައިވީނަމަވެސް އެމީހަކާ މެދު އޯގާތެރިކަމާ މަޑުމައިތިކަމާއެކު ކަންތައްކުރައްވާށެވެ. ތިމާއަށް ލިބިފައިވާ މުއްސަނދިކަމާއި ޖާހާއި މަޤާމަކީ ތިމާއަކީ ކާކުކަން އަންގައިދޭ އެއްޗަކަށް ނަހަދާށެވެ.