މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭ.ޓީ.އެމް ޚިދުމަތް 19 މީހުން ދިރިއުޅޭ ރަށެއްގައި ގާއިމުކުރުމަށް ނިންމައިފިއެވެ.
މިކަން ޢިއުލާންކޮށް، އެމްއައިބީގެ އޭ.ޓީ.އެމް ޚިދުމަތް ފުޅާކުރުމާބެހޭގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި އިސްލާމިކް ބޭންކާއި ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންފައިވާއިރު، ސަރުކާރުން ބުނިގޮތުގައި މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވަޢުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.
2 އޯގަސްޓް 2010 ވަނަ އަހަރު ރާއްޖޭގައި ޚިދުމަތް ފެށި އެމްއައިބީން ވަނީ މިހާރު ވެސް 12 އަތޮޅުގެ 18 ރަށެއްގައި 39 އޭ.ޓީ.އެމް ޤާއިމުކޮށްފަވެއެވެ.
މިއަދު މި ޢިއުލާންކުރި މަޝްރޫޢުއާއެކު 2025 ވަނަ އަހަރުގެ ނިޔަލަށް އެމް.އައި.ބީ ގެ އިތުރު 23 އޭ.ޓީ.އެމް އެކިރަށްރަށުގައި ޤާއިމުކުރެވޭނެއެވެ. އަދި މި މަޝްރޫޢު ނިމޭއިރު އެމް.އައި.ބީގެ އޭ.ޓީ.އެމް.ގެ ޚިދުމަތް 16 އަތޮޅެއްގެ 37 ރަށަކަށް ފޯރުކޮށްދެވޭނެއެވެ.
އެމްއައިބީން އަލަށް އޭޓީއެމް ގާއިމުކުރާ ރަށްތަކުގެ ނަންތައް އަދި ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!