ސިވިލް ސަރވިސް ކޮމިޝަނާއި ހއ. އަތޮޅު ކައުންސިލު ގުޅިގެން އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ ސިވިލް ސާވިސް މުވައްޒަފުންނާއި ދިއްދޫ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މި ޕްރޮގްރާމްގެ ނިމުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާއިރު، ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް މުޙައްމަދު ޢަތީޤެވެ.
އޮކްޓޫބަރު 30 ވަނަ ދުވަހުން ނޮވެންބަރު 02 ވަނަ ދުވަހުގެ ނިޔަލަށް ހއ.އަތޮޅު ކައުންސިލްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ އަތޮޅުގެ ރަށު ކައުންސިލްތަކުން 21 ފަރާތަކުން ވަނީ ބައިވެރިވެފައިވެއެވެ. އަދި ދިއްދޫގެ މުއައްސަސާތަކުންނާއި އަތޮޅު ކައުންސިލްގެ މުވައްޒަފުންނާ އެކު ޖުމްލަ 43 ފަރާތަކުން މި ޕްރޮގްރާމް ވަނީ ފުރިހަމަ ކޮށްފައެވެ.
މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވާފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ސީނިއަރ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓް އެގްޒެކްޓިވް އިބްރާހިމް ރަޝީދެވެ.
މި ޕްރޮގްރާމްގެ ބައިވެރިންގެ އިތުރަށް ދިއްދޫ މުއައްސަސާތަކުގެ ސިވިލް ސާވިސް މުވައްޒަފުންނަށް އަމާޒުކޮށް ސިވިލް ސާވިސް ގަވާއިދު ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!