ހއ.އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގައި ފާހަގަ ކުރަން ނިންމާފައިވާ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ރާވާ ހިންގައިދޭނެ ބަޔަކު ހޯދަން އެ ކައުންސިލުން އިއުލާން ކޮށްފިއެވެ.

މިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައި ވަނީ އެ އަތޮޅުގެ ރަށު ކައުންސިލްތަކަށާއި އަތޮޅުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށެވެ.

Ad
rt

މަސްވެރިކަމުގެ ދުވަސް އެ އަތޮޅުގައި ކުލަގަދަކޮށް ބާއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާއީ ގުޅުން ބަދަހިކުރުން ހިމެނެއެވެ. މީގެއިތުރުން މަސްވެރިކަން އަތޮޅުގައި ކުރިއެރުވުމާއި ވަސީލަތްތައް ތަރައްގީ ކުރުމަށް ހިތްވަރު ދިނުމަކީ ވެސް މި ދުވަސް ފާހަގަ ކުރުމުގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޕްރޮޕޯސަލް ހުށަހަޅައިގެން މަސްވެރިކަމުގެ ދުވަސް ހޯސްޓް ކުރުމުގެ ފުރުސަތު ލިބޭ ރަށަކަށް، އެ ހަރަކާތް ހިންގުމަށް އަތޮޅު ކައުންސިލުން ވަނީ 30000 (ތިރީސްހާސް) ރުފިޔާގެ ބަޖެޓެއް ދިނުމަށް ނިންމާފައެވެ.

މިކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 12:00 ގެ ކުރިން އަތޮޅު ކައުންސިލަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.