ދުނިޔޭގައި އެތައް ހާސް ޤައުމެއް (Nations) އެބަ ވެއެވެ. މި ޤައުމުތަކަކުން ބޮޑެތި ކަނޑުތަކާއި ހިކިފަސް ބައްރުތަކުގައި ރޮނގާއި "ބޯޑަރު" ކުރަހައި، ވަކި ސަރަހައްދުތަކެއްގެ ކޮންޓުރޯލު ނަގައި ދުއިސައްތައާ ގާތްކުރާ އަދަދަކަށް ދައުލަތް (Nation state) އުފަންކޮށްފިއެވެ. މި ދައުލަތްތަކުގެ ތެރެއިން ގިނަ ދައުލަތްތަކުގައި އެއްޤައުމަށްވުރެ ގިނަ ޤައުމު ވެއެވެ. އެތައް ބައިވަރު ދީނެއް ވެއެވެ. ބައެއް ދައުލަތްތަކުގައި އެތައް ބައިވަރު ބަސްބަހުން ވާހަކަ ދައްކާ މީހުން އުޅެއެވެ.

އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާއަށް ބެލި ކަމުގައި ވީނަމަވެސް ޤާނޫނު އަސާސީން ޤާނޫނީ ހައިސިއްޔަތު ދީފައިވާ 22 ބަސް އޮވެއެވެ. އެތާގައި ދީންތައް އޮތް ވަރުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ކޮންމެއަކަސް ދިވެހިރާއްޖެއަކީ މި ހުރިހާ ދައުލަތްތަކުގެ ތެރެއިން ވެސް ވަރަށް ފާހަގަކުރެވޭ ނަސީބެއް މާތް ﷲ މިންވަރު ކުރައްވާފައިވާ ދައުލަތެކެވެ. މި ދައުލަތުގައިވާ މީސްތަކުންނަށް ބަލާނަމަ އެއީ އެއް ޤައުމެކެވެ. ފެށުނީއްސުރެ މިސަަރަހައްދުގެ ބާރު ހިނގަމުން ދާ ބަޔަކީ ދިވެހީންކަމަށް ވާތީ މިއީ "އިންޑިޖިނަސް"، "އެބޯރިޖިނަލް" ދައުލަތެކެވެ. އުޅުމާއި ޘަޤާފަތް ކޮންޓުރޯލުކުރާ ގޮތް ކަމުގައި ޤަބޫލުކުރާ ފަލްސަފާއަކީ އެއްދީނެކެވެ. ބަސް މޮށެ އުޅެނީ އެންމެ ބަހަކުންނެވެ. މި ފަދަ ލާސާނީ ދައުލަތެއްގައި ﷲ ތަޢާލާ އަޅުގަނޑުމެން ލެއްވިކަމީ ނުހަނު ބޮޑު ނިޢުމަތެކެވެ. އެއާއެކު އަޅުގަނޑުމެންނަށް ﷲ ތަޢާލާ ދެއްވި އެންމެ ބޮޑު ނިޢުމަތަކީ އަޅުގަނޑުމެންނީ މުސްލިމުންކަމުގައި ލެއްވުމެވެ.

Ad
rt

މި ދައުލަތުގެ އަސާސްތައް ކަމަށްވާ ބަހާއި ދީނާއި އެދީނުން ކޮންޓުރޯލުކުރަން ޖެހޭ ޘަޤާފަތާއި އާދަކާދައިގެ އިތުރުން ދިގު ތާރީޚާއި ތަރިކަތަކަށް ރައްކާތެރިވެ ދައުލަތް ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ދެ ސިފައަކަށް ރައްކާތެރިވާން ޖެހެއެވެ. އެއީ އެއްބައިވަންތަކަމާއި ދެމިއޮތުމުގެ ސިފައެވެ. މި ދެކަންތަކަށް ފަރުވާކުޑަކޮށްފި ނަމަ، މި ބިރުވެރި ދުނިޔޭގައި އަޅުގަނޑުމެންނަށް ލޯއަޅަމުންދާ އެތައް ބައިވަރު ބާޒުތަކަކަށް އެކި ސިފަ ސިފައިގައި އަޅުގަނޑުމެންނަށް ހަމަލާ ދިނުމަށް ދޮރުހުޅުވާލެވެނީއެވެ. އެފަދަ ބާޒުތަކުން ގިނަފަހަރަށް ދޭ ހަމަލާތަކުގެ ޙަޤީޤަތް މިހާލަތައް ވެއްޓޭ ޤައުމަކަށް ނޭނގެއެވެ. އަދި އެ ބާޒުތަކުގެ ތުންގަނޑުން ޤައުމުގެ ދަރީން ޖަހައިގަނެގެން ގޮސް، ބޮޑެތި ވަރަތަކުން އާއިލާތަކާއި ރަށްވެހިންގެ އާންމު އިޖުތިމާއީ މިންގަނޑުތައް ރޫޅައި ފުނޑުފުނޑުކޮށް، ތޫނު ވަކިތަކުން މުޖުތަމައުގެ އަޚުލާޤީ ފޭރާން ވީދައި ހަލާކުކުރަމުންދާކަން ގިނަފަހަރަށް ރޭކާލާއިރު ހަތަރު އުދަރެސް އޮންނަނީ ފެނުޖެހިފައެވެ. އެފަދަ ދުވަހެއް ދެކެން ޖެހުމަކީ ދައުލަތަކަށް ކުރިމަތިވާނެ އެންމެ ބޮޑު ނިކަމެތިކަމެވެ. ހިތާމައަކީ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އެދިމާލަށް ނުހަނު ބާރަށް ދަތުރުކުރަމުން ދާކަމެވެ.

ދެވަނަ ބޮޑު ހަނގުރާމައާ ގުޅިގެން އޮނަވިހި ސަތޭކަ ތިރީހާއި ސާޅީހުގެ އަހަރުތަކުގައި ދިމާވި ބޮޑު ތަދާއި އޮނަވިހި ސަތޭކަ އައްޑިހަ އަށެއްގެ ނޮވެމްބަރު މަހު ތިނެއްގެ ޢުދުވާނީ ހަމަލާއާއި ދެހާސް ހަތަރު ވަނަ އަހަރު ކުރިމަތިވި ސުނާމީ ބޮޑުރާޅު އެރުމުގެ ކާރިސާތައް ފަދަ ބޮޑެތި އިންސާނީ މުސީބާތްތަކުގައި ދިވެހީން ވަނީ ދިވެހީންގެ އެއްބައިވަންތަކަން ނުހަނު ރަނގަޅަށް ދައްކުވައިދީފައެވެ. ނަމަވެސް، ބޮޑު އިންސާނީ ކާރިސާއެއް ދިމާ ނުވާކަމުގައި ވާނަމަ އެއްބައިވަންތަކަމަކީ ހަމައެކަނި މީލާދީ ސަނަތުން ފަހު މަހުގެ ފަހުކޮޅުގައި ފާހަގަކުރާ ދުވަހެއްގެ މުނާސަބަތުން ވާހަކަދެކެވޭ މައުޟޫޢަކަށް މިވަނީ ވެފައެވެ. މުޖުތަމައުން އެއްބައިވަންތަކަމުގެ އަސަރުތައް ދަނީ ދުވަހެއް ދުވަހަކަށް ނެތި ކަފުން ކޮށް ވަޅުލެވެމުންނެވެ. ގުޅިގެން އެކީ މަސައްކަތްކުރުމުގެ ރޫޙު ދަނީ ނެތެމުންނެވެ. އެއްބައިވަންތަކަމުގެ އިނދިކޮޅު ސިފަ ކަމުގައިވާ ޚިލާފުވުމަކީ ކޮންމެހެން މުޖުތަމައުގައި ގާއިމުވެފައިވާ ސިފައަކަށް ވަނީ ހަދާފައެވެ. ކޮންމެ ކަމެއްގައި ވެސް އިނދިކޮޅު ހަދާނެ ބައެއް ތިބުމަކީ ޒަމާނީ "ތަހުޒީބީ" ސިފައެއްކަމުގައި ވަނީ ދައްކުވައިދޭން ފަށާފައެވެ. ތިމާ ނޫން ބަޔަކަށް ކުރިއެރުމެއް ލިބެން ނޭދޭތާގައި އެކަމަށް ވާ މަގުތައް ވެސް ހަނިކޮށް، ބަންދުކުރާތަން ވަނީ ފެނިފައެވެ. އާއިލީ ގުޅުންތަކާއި އެކުވެރިކަމާއި ގާތްތިމާގެކަމަށްވުރެ ތިމާ ނިސްބަތްވާ ޖަމާޢަތެއްގެ ޝައުގު ވަނީ މުހިންމުވާން ފަށާފައެވެ.

ދެމިއޮތުމުގެ ސިފައަށް ބަލާނަމަ އަދި މާ ނުރައްކަލެވެ. ދިވެހީންނަށް މި ދައުލަތް ދެމެހެއްޓުމަށްޓަކައި ދިވެހީންގެ އެއްބައެއްވަންތަ އުންސުރުތަކުގެ މަތީގައި ދެމިއޮތުމުގެ ބޭނުން ޒަމާނާއެކު ހަނދާން ނެތިފައި ވާކަހަލައެވެ. ކާބަފައިންގެ އީޖާދީ ވިސްނުންތެރިކަން ދިވެހީންގެ ލެއިން ވަނީ ނެތި ގޮސްފައެވެ. ތަރައްޤީ އަކީ "ދޮން މީހުން" އުޅޭ ގޮތައް އުޅުން ކަމުގައި ބަޔަކު ދައްކުވައިދޭން ފެށި ހިސާބުން އެބައިމީހުންގެ ގޮތްތައް ނަކަލުކުރަން ފަށައި، ދިވެހީންގެ އަމިއްލަ ގޮތްތައް ވަނީ ފުރަގަހަށް އެއްލާލާފައެވެ. މިހިސާބުން އުފެދެނީ ލައްކަ ސުވާލެވެ. އިހުގެ ދިވެހީން ފަންގި ވިޔެ، ތުނޑުކުނާ ތަޢާރަފުކޮށް، އެކިއެކި އެއްޗިހީގައި ލިޔެލާ ޖަހައި އެތައް އެއްޗެއް އީޖާދުކޮށް، ހިރިގަލުގައި ކަނޑާނަގައިގެން އުފައްދާފައިވާ ރީތި ކުރެހުންތަކާއެކު ބޮޑެތި މިސްކިތްތަކާއި ބިނާތައް ހެދިއިރު، އެއާ ގާތް ކުރާވަރުގެ އުފެއްދުންތެރިކަމެއް ވެސް މި ޒަމާނުގެ މި ތަރައްޤީއާއި ފަސޭހަތަކާއެކު ނުފެންނަނީ ކީއްވެބާއެވެ؟ މޮޅެތި މެޝިނުތަކާއި އާލާތްތައް ބޭނުންކޮށްގެން މި ހަދާ މިސްކިތްތައް، ހިރިގަލާއި ލަކުޑި ބޭނުންކޮށްގެން ހަދާފައިވާ ހުކުރު މިސްކިތާއި ކަޅުވަކަރު މިސްކިތާއި އަޅާ ވެސް ކިޔޭބާއެވެ؟

ދިވެހިރާއްޖެއަށް ލިބިފައިވާ ގުދުރަތީ މުއްސަންދިކަމުގެ ތެރޭގައި އަމިއްލަ އުފެއްދުންތެރިކަމުން އަލަށް ކަމެއް ހޯދައި ނުގަނެވިފައި، ފަތުރުވެރިކަމަށް ހުސްވެގެން، ދިވެހިން މި ތިބެނިއީ ކިހިނެއް ވެފައިބާއެވެ؟

ބޮޑެތި ބައްރު ތަކުން އެއްގަމުގައި ކަނޑު ހަދައި މަހާއި އިއްސާއި ކަނޑުގެ އެކިއެކި ދިރުންތަކުގެ ދަނޑުވެރިކަން ކުރާއިރު، ކާބަފައިން ދަސްކޮށްދިން މަސްވެރިކަމުގެ ދެތިން ވައްތަރެއް ފިޔަވައި، މިރާއްޖޭގެ ނުވަދިހަ ނުވަ އިންސައްތަ ކަމުގައިވާ މޫދާއި ފަރާއި ކަނޑުން ދައުލަތުގެ އުފެއްދުންތެރިކަމަށް ކަމެއް އިތުރު ނުކުރެވިގެން މިއުޅެނިއީ ކީއްވެބާއެވެ؟

މިނިވަންކަމުގެ ދުވަސް ކޮންމެ އަހަރަކު ކުލަގަދަކޮއް ފާހަގަ ކުރާއިރު، ފަތުރުވެރިކަމުގެ ނަމުގައި، ޑޮލަރުގެ ދަހިވެތި ކަމުގައި ދިވެހި ރަށްތައް ރިސޯޓުތަކައް ބަދަލުވެ، ގޮނޑުދޮށްތަކުގައި އޮރިޔާމާ ކަރަކަރައިގެ ޢަޖަމީން އަވީލާފައި ވާއިރު، އަބުރުވެރި ދިވެހި މީހާއަށް އޭނާގެ ދިވެހި ދަރީންނާއި އާއިލާ ގޮވައިގެން މިނިވަންކަމާއެކު ދިވެހިންގެ ގޮނޑުދޮށްތަކުގައި ހިތްހަމަ ޖައްސާލައި މަޖާކޮއް ހަދާލަން ދެވިގެން ނުވަނީބާއެވެ؟ "ދިވެހިންގެ ގޮނޑުދޮށްތައް ދިވެހިންނަށް" ޙައްޤު ނުވަނީބާއެވެ؟

ވެލާ ކަހަނބާ މިޔަރާ ދޫނި ސޫފާސޫފި ފުރިހަމަ ހިމާޔަތުގައި މިރާއްޖޭގެ ސަރަހައްދުތަކުގައި އުޅޭއިރު، ދިވެހި ދަރިންނައް ދިވެހިންގެ މަގުތަކުގައި އަމާން ކަމާ އެކު ނުއުޅެވެނީ ކީއްވެބާއެވެ؟

މި ދައުލަތުގެ އެންމެ ދެކުނުގައިވާ އައްޑުއާ ދުއިސައްތަ ހަތްދިހަ ނޯޓިކަލް މޭލު ކައިރީގައި ދިވެހިރާއްޖެ "ޖިއޮގްރަފިކަލީ" ގާއިމުވެފައި އޮތް "ސީބެޑުގެ" ސަރަހައްދުގައިވާ ރައްތަކަކާ ދެހާސް އެތައް ސަތޭކަ ނޯޓިކަލް މޭލެއް ދުރުގައި އޮތް އެފްރިކާ ބައްރުގެ ޤައުމަކުން، އެރަށްތައް އަމިލްލަ ކުރުމައް 50 އަހަރުވަންދެން "މިއީ ތިމަންނާމެންގެ ތަނެކޭ" ކިޔައި އެރުވި އަޑުތަކާއެކު އެތަން ވެރިކޮށްލަން ނުހަނު ގާތްވެފައި ވާއިރު، އަދި ރާއްޖެ އާއި އެތައް ޤައުމެއްގެ އެތައް ތާރީޚީ ލިޔެކިޔުންތަކުން އެއީ ދިވެހީންގެ ބާރު ހިނގި ދިވެހީންގެ ތަނެއްކަމުގައި ފެންނަންއޮތްއިރު، ދިވެހިންނައް ދައްކާނެ ވާހަކަ އެއް ނޭގިފައި މި ތިބެނިއީ ކީއްވެބާއެވެ؟

ބާޒާރަށް ފޯނެއް ނުކުންނައިރަށް ދަރާވިކިގެން އެ ފޯނެއް ގަނެ، "ތަހުޒީބު މީހުންގެ" މަޡުހަރު ބޭރުފުށުން ދެއްކިގަންނައިރު، ބަޔަކު އޮޅުވާލައިގެން ފައިސާ ހޯދަން "ސްކޭމެއް" ކުޅެލާއިރައް އޭގައި ޖެހެނީ ނުބައި ކޮޅަކުން ތަހުޒީބު ވާތީ ބާއެވެ؟

އާދެ، ފަޤީރު ޤައުމެއްގެ ގޮތުގައި އޮވެފައި ދިވެހީން ތަރައްޤީވާން ބޭނުންވެގެން ތަރައްޤީ ވަމުން މިއައީ އަދި ރަނގަޅަކަށް ނޫނެވެ. ޙަޤީޤީ ތަރައްޤީއަކީ ސިކުނޑީގެ ތަރައްޤީއެވެ. އެތަރައްޤީ ނުކޮށް މަލަމައްޗަށް ގެންނަ ބަދަލަކުން ބަޔަކު ތަރައްޤީ އެއް ނުވާނެއެވެ. ޒަމާނުގެ އޮޑީގައި މިމަގުން ދަތުރުުކުރަމުން ދާނަމަ ދިވެހީންގެ މިނިވަންކަމާއި އިޤުތިސޯދު ވެސް ދިވެހީންގެ އަތުން ގެއްލި، ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ދާނީ ގެއްލިގެންނެވެ. އެދުވަހުން ހޭއަރައި ގޯސްކޮށް ކުރެވުނީ ކޮންކަމެއްތޯ ބަލަން އެބަޔަކު ތާރީޚުގެ ތެރޭގައި އަތްފުނާއަޅަނިކޮށް ފެންނާނީ އަޅުގަނޑުމެންނެވެ. އެހިނދު އެމީހުންބުނާނެއެވެ. މިތިބަ ދިވެހީންނަށް މިވަނީ ކިހިނެއްވެފައިބާއެވެ؟