ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ފުވައްމުލަކު ސިޓީގައި ޚާއްސަ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ފެނަކައިން ބުނީ، މި ދުވަސް ފާހަގަކުރުމަށް ފުވައްމުލަކު ސިޓީގެ ފެނަކަ ބްރާންޗުގެ މުވައްޒަފުންނާއި އެ ސިޓީގެ މުވައްސަސާތަކުގެ ބައެއް ބޭފުުންނަށް ޚާއްސަކޮށް، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއާއި ގުޅިގެން ކުއްލި ޙާލަތްތަކަށް ތައްޔާރުވާނެ ގޮތުގެ މަޢުލޫމާތު ސެޝަންއެއް ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން އަލިފާން ނިއްވާނެ ގޮތް ދަސްކޮށްދޭ ބޭސިކް ޓްރެއިނިންއެއް ވެސް މި ޙަރަކާތުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައިކަމަށް އެ ކުންފުނިން ބުނެއެވެ.
''ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަށް މުވައްޒަފުންނަށް ބޭނުންވާނެ ޢަމަލީ ތަމްރީނު ދިނުމަށްޓަކައި، އެމްއެންޑީއެފްއާއެކު މިހާރު ވަނީ މަޝްވަރާތައް ފެށިފައި'' ފެނަކައިން ބުނެފަވެއެވެ.
ކުރިއަށް އޮތް އަހަރު ދުވަހަށް ބަލާލައިގެން މިފަދަ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެމްއެންޑީއެފްއާއެކު އެމްއޯޔޫއެއްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންކަމަށް ފެނަކައިން ބުނެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ފެނަކައިން ވަނީ އެ ކުންފުނިން ޚިދުމަތްދޭ ރާއްޖޭގެ 151 ރަށެއްގައި ޤާއިމްކޮށްފައިވާ ފެނަކައިގެ ބްރާންޗްތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށް، ކުއްލި ޙާލަތްތަކުގައި އިޖާބަދޭނެ ގޮތުގެ ޢުޞޫލުތަކެއް އެކުލަވާލައި 13 އޮކްޓޯބަރު 2024 އިން ފެށިގެން ތަންފީޒު ކުރަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!