ސުރުހީއަށް ބަލާލުމުންވެސް ބައެއް މީހުން ގައިގައި ހީބިހި ނަގައިގެން ގޮސްދާނެއެވެ. "ލިޔުންތެރިޔާއަށް ވެފައި މިހުރީ ކީންހޭ" ވެސް ހިތައް އަރާފާނެއެވެ. އެއްވެސް ޙާލެއްގައި ދަންނަވަން މިއުޅެނީ ދަރިންނަށް ބޮޑެތި އަނިޔާ ވާ ފަދަ ކަންކަމަށް ދަރިން ހުށަހެޅެން ދޫކޮށްލާ ވާހަކައެއް ނޫނެވެ. އަދި ބެލެނިވެރިޔާ ދަރިންގެ ރައްކަލަށް ނުވިސްނާ އޭނާ އެކަނި އުޅެން އެއްކޮށް ދޫކޮށްލާށެކޭ ވެސް ނޫނެވެ. އެހެނަސް ފަހަކަށް އައިސް ދިވެހިންގެ ތެރެއިން ފެންނަ ތަރުބިއްޔަތުގެ ވަރަށް ނުރަނގަޅު އާދައަކަށް އަލި އަޅުވާލުމަށެވެ. ދަރިފުޅަށް ގެއްލުމެއް ވެދާނެ ކަމަށް ބިރުން ކަންކަން ތަޖުރިބާ ކުރަން ދަރިފުޅަށް ފުރުސަތު ނުދިނުމަކީ ބައެއް ބެލެނިވެރިންނަށް ހެދޭ ގޯހެކެވެ.
ސައިންސުގެ އީޖާދީ ހޯދުންތަކާއި ޑަކުތަރީ ޢިލްމާއި ޙަޔަވިއްޔާތުގެ (biology) ޢިލްމުން ސިކުނޑީގެ މަސައްކަތާ ބެހޭގޮތުން ހަދާފައިވާ ފަހުގެ ދިރާސާތަކުން އެއްވެސް ޝައްކެއް ނެތް ގޮތުގައި ދައްކުވައިދޭ ޙަޤީޤަތަކީ އިންސާނާގެ ސިކުނޑި އެންމެ ބާރު ދުވެލީގައި ތަރައްޤީ ވަނީ އިންސާނާގެ އެންމެ ޅަފަތުގެ އުމުރުގައިކަމެވެ. އަނދިރި ކަމުގެ ތެރޭގައި މައިމީހާގެ ރަޙިމުގައި އެތައް ދުވަހެއް ވެއަތުކުރުމަށްފަހު ފިޠުރީ ގޮތުން ލެއްވިފައިވާ ހަރަކާތްތަކާއި ކަންތައްތަކެއް ފިޔަވާ އެއްވެސް އިތުރު ޢިލްމެއް އެނގުމެއް ނުވާ ޙާލު އިންސާނާ މުޅިން އާ ދުނިޔެއަކަށް ނޭވާ ލައި، ދުނިޔޭގެ ޙަޔާތް ފަށައިގަތުމާއެކު ތަފާތު ތަޖުރިބާތައް އިޙުސާސުކުރާން ފަށައެވެ. އެއާއެކު އެ އިންސާނާގެ ސިކުނޑީގައި ވަރަށް ބާރު ސްޕީޑެއްގައި ނިއުރޯން ތައް އުފެދި، އެކަތި އަނެކައްޗާ ގުޅި، ވަރުގަދަ "ނެޓުވާކެއް" އުފެދެންފަށައެވެ.
ނިއުރޯނަކީ ސިކުނޑީގެ ސެލް ތަކެވެ. ސިކުނޑި ފުރިފައިވަނީ ނިއުރޯން އިންނެވެ. ހަށިގަނޑުގެ ނިޒާމުތައް ކޮންޓުރޯލު ކުރުމާއި، ހަށިގަނޑުގެ ބޭރުގައި ހިނގާ ކަންކަން އިހުސާސް ވުމުގެ އިތުރުން ހަނދާންވެސް ގުޅިފައިވަނީ މި ނުއުރޯން ތަކުގެ މަސައްކަތާއެވެ. ސިކުނޑީގެ ސެލްތައް ގިނަވެ ތަރައްޤީވަމުން ދާއިރު މި ތުއްތު އިންސާނާ ދަނީ ދުނިޔޭގައި ހޭދަވާ ކޮންމެ މިނިޓެއްގައި ވެސް އާ ކަންތައްތަކެއް ތަޖުރިބާކޮށް އުނގެނެމުންނެވެ. ދުނިޔޭގައި އުޅެން ދަސްކުރަމުންނެވެ.
މަޑުމަޑުން ކަންކަން ދަސްކުރަމުން، ދުނިޔެއަށް ހޭނެމުން، ފުރޮޅި ފުރޮޅި އޮތުމަށްފަހު ބަންޑުން އޮވެ ފިރުކި، އެންމެފަހުން ހަތަރެސްފައިގައި ވެސް ފިރުކެން ފަށައެވެ. އަދި އަހަރެއް ވާން ނުހަނު ގާތް ވެފައި ވަނިކޮށް ނުވަތަ ބައެއް ކުދިން އަހަރެއް ވާފަހުން ރީތިކޮށް ހިނގާން ފަށައެވެ. އެއާއެކު ޙަޔާތުގެ މުޅިން އާ ބާބެއް ފެށުނީއެވެ. ކިތަންމެ ކުރާން ހިތައް އެރިއެއްކަމަކު ހިނގުމުގެ ކުޅެދުންތެރިކަން ނެތުމުގެ ސަބަބުން ނުކުރެވިފައި ހުރި އެތައް ކަމެއް ކުރުމަށް ރޭވުންތައް ރާވައި ސީދާ ހަރަކާތަށް ތުއްތު ކުއްޖާ ދުއްވައިގަނެއެވެ. މި ބާބުގެ ދުވަސްތައް ތުއްތު ދަރިފުޅު ހޭދަކުރަނީ އާކަންކަން ތަޖުރިބާ ކުރަން ކުރިއަށްވުރެ މާ ބޮޑު ޝައުޤުވެރިކަމަކާއެކުއެވެ. މި މަރުޙަލާގައި ނުރައްކާތެރި ކަންކަން ވެސް އެކުދިން ކުރާން ފަށައެވެ. ބައެއް ފަހަރަށް އެއީ ނުރައްކާތެރި ކަމެއްކަން ނޭނގިއެވެ. އަދި އަނެއްބައިފަހަރަށް އެއީ ނުރައްކާތެރިކަމެއްކަން ކުރީގެ ތަޖުރިބާއަކުން އެނގޭ ހާލު ވެސް އެކަމެއް އަނެއްކާ ވެސް ރަނގަޅަށް ކުރުމުގެ ބޭނުމުގައެވެ. މިސާލަކަށް ތަންކޮޅެއް ހިމަ-ދިގު ލަކުޑިގަނޑެއް މަތީގައި ހިނގަން މަސައްކަތް ކޮށްފާނެއެވެ. ނުވަތަ މޭޒުކައިރީގައި ހުރި އެއް ގޮނޑިން އަނެއް ގޮނޑިއަށް ބަދަލުވާން މަސައްކަތްކޮށްފާނެއެވެ. އަދި ތަންކޮޅެއް ބޮޑުވާން ފެށުމުން ހަރުގަނޑާއި ގަސްގަސް ފަދަ ތަންތަނަށް އެރުން ފަދަ ކަންކަން ކުރާން ފަށާފާނެއެވެ. މިއީ ދަރިފުޅުގެ ޝަޚުޞިއްޔަތު ރަނގަޅު ގޮތުގައި ބިނާކުުރުމަށް ވަރަށް މުހިންމު ވަގުތުތަކެކެވެ. ދަރިފުޅުގެ ރައްކަލަށް ތިމާ ފަރުވާތެރިވެ ހުރުމާއެކު މިފަދަ ކަންކަން ފަރުވާތެރިކަމާ އެކީ ކުރުމަށް ދަރިފުޅަށް ފުރުސަތު ދޭންވާނެއެވެ.
އަޅުގަނޑުމެން ދަންނާން ޖެހޭ ޙަޤީޤަތަކީ ދަރިފުޅަށް ކަންކަން ދަސްވާނީ ކަންކަން އަމިއްލައަށް ދަސްކުރުމަށް އޭނާއަށް ފުރުސަތު ފަހިކޮށްގެން ކަމެވެ. ކުޑައިރުއްސުރެ އެކިއެކި ހުރަސްތަކާއި އޮޅިތައް ގިރާކުރަމުން، ދުނިޔޭގައި އުޅެން ދަސްކުރަމުންދާ ކުދީންގެ އަމިއްލަ ނަފްސުގެ އިތުބާރު ބޮޑުކަމުގައި ދިރާސާތަކުން ދައްކައެވެ. ކިރިޔާ ދުވެލާއިރަށް، "އޭ ދަރިފުޅާ ނުދުވޭ، ވެއްޓިދާނެ!!" ތަނަކަށް އަރާލާއިރަށް، "ދޫންޏާ ތަންތަނަށް ނާރާ، ވެއްޓިދާނެ!!" މޫދަށް އެރިލާ އިރަށް، "އަނހާ އަދި ބޮޑުވީމަ ފަތަން ދަސްކޮށްގެން މޫދަށް އެރޭނީ، ގެނބިދާނެ!!" މިފަދައިން ދަރިފުޅަށް އިރުޝާދު ދޭނަމަ ދަރިފުޅުގެ ކިބައިގައި އާ ކަންކަން ތަޖުރިބާ ކުރުމަށް ފަސްޖެހުމުގެ ސަގާފަތެއް އުފެދެން ފަަށާނެއެވެ. އަދި އެހެން ކުދިންނާއި، މީހުންނާއެކު ނުގުޅި، އިޖުތިމާއީ ގޮތުން އެކަހެރިވެގަތުމުގެ ގޮތްތަކެއް ކުއްޖާގެ ކިބައިގައި އަށަގަންނަން ފަށާނެއެވެ. ބޭރަށް ނުކުންނަ ހިތް ނުވުމާއެކު، ވީޑިއޯ ގޭމް ކުޅުމާއި ކާޓޫނު ބެލުމަށް ފޮތް ކިޔުން ފަދަ ކަންކަމަށް އަބަދު ގޭ ތެރޭގައި އޮންނަން ބޭނުންވާނެއެވެ. ދުނިޔެއަަށް ލޯ ނުހުޅުވި އަބަދުވެސް އުމުރަށްވުރެ ވިސްނުން ހަނގުކޮށް ހުންނާތީ ފެންނާނެއެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު ދުވަހެއް ދުވަހަކަށް ދަށްވެގެން ދާނެއެވެ.
މިއަދު އަޅުގަނޑުމެންގެ ދިވެހި ދަރިންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންތަކެއް ސާނަވީ ތަޢުލީމު ނިންމައި މަތީ އަރުތަވެރި (High achievers) އިނާމުތައް ހާސިލުކުރާއިރު ވެސް ދުނިޔެއަށް ލޯހުޅުވުމެއްނެތުމާއި ޢަމަލީ މައިދާނުގައި އާދައިގެ ކަންކަމަށް ވެސް ވަރަށް އާވުމާއި އުމުރަށްވުރެ ޅަކޮށް އެކުދީންގެ ވިސްނުން ހުންނަނީ މިފަދަ އެތައް ކަމެއްގައި އަޅުގަނޑުމެން ބެލެނިވެރިންނަށް ހެދޭ ގޯސްތަކުގެ ސަބަބުންނެވެ. ދަރިން ތަރުބިއްޔަތުކުރުމުގެ ބާބުގައި ވާހަކަ ދައްކަމުން ދުނިޔޭގެ ވަރަށް މަޝްހޫރު ނަފުސިއްޔަ ޢިލްމުވެރިއެއް (psychologist) ކަމަށް ވާ ޖޯޑަން ޕީޓަރސަން ވިދާޅުވެފައި ވެއެވެ:
" don’t interfere when your kids are doing dangerous things carefully."
މާނަ: "ތިބާގެ ދަރިން ނުރައްކާތެރި ކަންކަން ފަރުވާތެރިކަމާއެކީ ކުރާ ހިނދު އެކަމުގެ ތެރެއަށް ތިބާ ވަދެނުގަންނާށެވެ."
މިދުނިޔެއަކީ ދައްޗާއި އުނދަގުލާއި މުސީބާތުގެ ގޮވައްޗެކެވެ. ދަރިފުޅު އަމިއްލަ ފައިމައްޗަށް ތެދުވާން ޖެހޭ ދުވަހަށް ރަނގަޅަށް ތައްޔާރުުކުރުމަށްޓަކައި ތިމާގެ ދަރިން އެކިއެކި ކަންކަމުގައި ދަތިތައް އަމިއްލައަށް ގިރާކުރިޔަދޭށެވެ. ނުރައްކާތެރި ކަންކަންކުރުމަށާއި ހިރާސްތައް (risk) ވެސް ނެގުމަށް ފުރުސަތު ދޭށެވެ. އަދި އެފަދަ ކަންކަން ފަރުވާތެރިކަމާއެކު ކުރުމަށް އެކުދީންނަށް އިރުޝާދު ދޭށެވެ. އަބަދުވެސް އެކުދީންގެ ރައްކަލަށް ތިބާ ތައްޔާރީ ޙާލަތުގައި ހުންނާށެވެ. ކަންކަން ކޮށް ނާކާމިޔާބީއާ ކުރިމަތިލިޔަދޭށެވެ. ނާކާމިޔާބީއަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. ކަމެއް ކުރަން ފަށާފައި ނާކާމިޔާބު ވުމުން އެއިން ކާމިޔާބީއާ ހަމައަށް ދާންވީގޮތް އަމިއްލައަށް ދަސްކުރިޔަ ދޭށެވެ. ޒަމާނަށް ހޭލުންތެރި، ހިތްވަރުގަދަ، ކެރޭ، އީޖާދީ، ހަށިހެޔޮ، އަދި ތޫނުފިލި ޖީލެއް ބިނާކުރެވޭނީ އަޅުގަނޑުމެން އެފަދަ ޖީލަކަށް ފުރުސަތު ދީގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!