ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޯޑިޓް ރިޕޯޓުތައް ދިރާސާކުރުމުން ފާހަގަވާ ޚިޔާނާތުގެ މައްސަލަތަކުގެ ފައިސާ ދައުލަތަށް ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ.
އަނާރާ މިހެން ވިދާޅުވީ، މި އަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިއަދުގެ ޖަލްސާގައި ކޮމެޓީތަކުން ހުށަހަޅާކަންކަމުގެ ތެރެއިން ތިމާވެއްޓާބެހޭ ވުޒާރާގެ 2012 އިން ފެށިގެން 2018 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓުތައް ދިރާސާކޮށް، މާލިއްޔަތު ކޮމެޓީގެ ރިޕޯޓު ވަނީ ތަޅުމަށް ހުށަހަޅާފައެވެ.
މި ރިޕޯޓަށް ބަހުސްކުރަށްވަމުން އަނާރާ ވަނީ ވަރަށް ގިނަ ދުވަސްވެފައިވާ އޯޑިޓް ރިޕޯޓްތަކެއް ވެސް މާލިއްޔަތު ކޮމެޓީން ދިރާސާކޮށް، ނިންމަވާފައިކަން ފާހަގަކުރަށްވާ އެބައެއްގެ ޒިންމާ ރަނގަޅުގޮތުގައި އަދާކުރެވޭނަމަ އެފަދަ ރިޕޯޓުތައް ނުނިމި އެހާ ގިނަ ދުވަހު ނުހުންނާނެކަމަށާއި، ކަންކަން ރަނގަޅުވެ ހަމަމަގުގައި ކުރިއަށް ދާނީ ކޮންމެ މީހަކު ވެސް ހަވާލުވެފައިވާ ޒިންމާ އަދާކޮށްގެންކަން ފާހަގަކުރަށްވާފައެވެ.
އަނާރާގެ ވާހަކާގައި ވަނީ މާލީ ކަންކަމަކީ ވެސް ވަރަށް ސަމާލުކަން ދޭން ޖެހޭކަމެއް ކަމަށް ވިދާޅުވެފައެވެ.
''މާލީ ގޮތުން ދައުލަތުގެ މުވައްޒަފުން އަދާކުރާ މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އެބަ އަދާކުރަން ޖެހޭ، އެއީ ދައުލަތުގެ ފައިސާ، ރައްޔިތުންގެ ފައިސާ، އެހެންވީމަ އެ ފައިސާތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭ،'' އަނާރާ ވިދާޅުވިއެވެ.
އަނާރާ ވިދާޅުވީ، ހުރިހާ ފަރާތަކުން ވެސް ފައިސާއަށް ރައްކާތެރިވެ ދައުލަތަށް ލިބެންވާ ފައިސާ ހޯދަން މަސައްކަތްކުރަންޖެހޭކަމަށެވެ.
''ބައެއް ރިޕޯޓުތަކުން އެބަ ސާބިތުވޭ ޚިޔާނާތުގެ މައްސަލަތައް ވެސް، އެފަދަ ހާލަތުގައި އެ ފައިސާ ދައުލަތަށް ލިބޭނެ ގޮތަކަށް ވެސް މަސައްކަތް އެބަ ކުރެވެންޖެހޭ، ވަރަށް ހަރުދަނާ ގޮތެއްގައި އެއީ ވެސް އެފަދަ ޚިޔާނާތްތައް މަދުވުމަށް އެޅިގެންދާނެ ބާރެއް،'' އަނާރާ ވިދާޅުވެފަވެއެވެ.
އަނާރާ ވަނީ މާލީކަންކަމާއި އެއާއި ގުޅިފައިވާ ތަންފީޒީ ކަންކަން ހަރުދަނާވެ ޤާނޫނުގައި އޮންނަ މުއްދަތަށް ކަންކަން ނިމިގެންދާނެކަމަށް އުންމީދު ކުރަށްވާކަމަށް ވެސް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!