ރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށާއި ބަނދަރު ހެދުމަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ނިންމައިފި އެވެ.
އޯޕެކް ފަންޑުގެ އެހީގައި ފަސް ރަށެއްގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް އަދި އަށް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.
އޯޕެކް ފަންޑުގެ އެހީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ހަމަޖެހިފައި ވަނީ:
- ހދ. ނެއްލައިދޫ
- ހދ. ނޭކުރެންދޫ
- ހދ. މަކުނުދޫ
- ށ. ފޭދޫ
- ގދ. ވާދޫ
- ގދ. ފިޔޯރީ
- ބ. ކެންދޫ
އޭގެ އިތުރުން، ބ. ދަރަވަންދޫގައި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތަށް ވެސް މި ލޯނު ފައިސާ އިން ހަރަދުކުރާނެ އެވެ.
އޯޕެކް ފަންޑުން ދިން އެހީގެ ދަށުން ބަނދަރު ހެދުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
- ބ.ކުޑަރިކިލު
- ބ. ދޮންފަނު
- ބ. ކިހާދޫ
- ގދ. ހޯޑެއްދޫ
- ގއ. ކޮލަމާފުށި
ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޯޕެކް ފަންޑުގެ ފަރާތުން ސޮއިކުރެއްވީ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް ޑރ. އަބްދުލް ހާމިދު އަލް ހަލީފާ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، މި މަޝްރޫއުތަކަކީ މި އަހަރުގެ ބަޖެޓްގައި، އޯޕެކް ފަންޑުގެ އެހީގައި ކުރުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކެއް ކަމަށެވެ.
GOM and @TheOPECFund has signed a loan agreement of USD 50 million, for Outer Islands Harbors, Water Supply and Sewerage Facilities Project. This project will directly benefit the citizens of 13 islands. pic.twitter.com/AlpuLVhsHE
— Ministry of Finance (@MoFmv) January 16, 2020
މީގެ އިތުރުން، މިނިސްޓަރު ވަނީ އޯޕެކް ފަންޑުން ރާއްޖޭގެ ތަރައްގީ އަށް ވެދެމުން ގެންދާ އެހީތެރިކަން ފާހަގަކުރައްވައި އެ ފަންޑުގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އެގޮތުން، އޯޕެކް ފަންޑުގެ އެހީގައި މިހާތަނަށް ރާއްޖޭގައި 23 މަޝްރޫއެއް ހިންގާފައިވާ ކަމަށާއި އެ ފަންޑުން ރާއްޖެ އަށް ދީފައިވާ އެހީތަކުގެ އަދަދު 200 މިލިއަން ޑޮލަރަށް ވުރެ އިތުރުކަން އޭނާ ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!