ކޮޕީފަތަކީ ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އެއް ފަތް ތަރުކާރީއެވެ. މިއީ ހައްދަން ފަސޭހަ އެއްޗަކަށް ވުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކޮޕީފަތް ހައްދަމުން ގެންދެއެވެ.

ކޮޕީފަތް ހައްދާ މީހުން އެންމެ ބޭނުންވަނީ ފަތްތައް ބޮޑުކުރުމަށެވެ. މި އޮތީ ކޮޕީ ފަތްތައް ބޮޑުކުރާނޭ ގޮތްތަކެވެ.

Ad
rt

1. މޮނޯސޯޑިއަމް ގްލޫޓަމޭޓް (އަޖިނަމޮޓޯ) ދިނުން

ޑރ. ޙަސަން ޙަމީދުގެ ލިޔުއްވުމެއްގައި ޢަބުދުއްރަޙީމް ކިޔާ ބޭފުޅަކު ކޮޕީފަތް ހެއްދުމުގައި އަޖިނަމޮޓޯ ބޭނުންކުރާ ވާހަކަ ގެނެސްދެއްވާފައި އޮވެއެވެ. އަދި ކޮޕީފަތް އަޖިނަމޮޓޯ ދީގެން ބޮޑުކުރެވިދާނެ ކަމުގެ ޢިލްމީ ހެކި ދައްކަވާފައިވެސް އޮވެއެވެ.

މި މަސްދަރަށް ބަލާއިރު މެލޭސިއާގައި ކޮށްފައިވާ ދިރާސާއަކާ ޙަވާލާދެއްވާ ޑރ.ޙަސަން ވިދާޅުވެފައި ވެއެވެ.

"އަޖިނަމޮޓޯ ޖެހުމަށް އެންމެ ރަނގަޅު ގޮތަކީ ފެނަށް ގިރުވާފައި އިސްޕްރޭ ކުރެވޭ ފުޅިއަކަށް އަޅައި(ގެން) ޖެހުމެވެ.... އެންމެ ރަނގަޅު މިންވަރަކީ، ދޮޅު ލީޓަރު ފެނަށް 150 މިލިގްރާމް އެޅުމެވެ. ދޮޅު ލީޓަރު ފުޅިއެއްގެ ގޮތުގައި ބޭނުންކުރުމަށް ފެން އަޅާފައި ހުންނަ މެދު ސައިޒުގެ ފުޅިއެއް ރަނގަޅު ވާނެއެވެ. 150 މިލިގްރާމް އަކީ، ސައިސަމުސަލެއް(ގެ) ތުނބާ ހަމައަށް އަޖިނަމޮޓޯ އަޅައި އެއްވަރު ކުރުމަށްފަހު (މަތިކެނޑުމަށް ފަހު)، އޭގެ ހަތަރު ބައިކުޅަ އެއްބައެވެ."

މިގޮތަށް އަޖިނަމޮޓޯ ގަސްތަކަށް ހަފުތާއަކު އެއް ފަހަރު ނުވަތަ ފޮއިދުވަހުން އެއް ދުވަހު ޖެހުމަށް އިރުޝާދުދެއްވާފައި ވެއެވެ.

މިގޮތަށް ސްޕްރޭކުރަން އޮތުމުގެ މާނައަކީ މި މިންގަނޑުން ތައްޔާރުކުރި ދޮޅު ލިޓަރު އަޖިނަމޮޓޯ ގިރުވި ފެން އެންމެ ގަހަކަށް ޖެހުމެއް ނޫނެނެވެ. އަމަލީ ހަމައެއްގެ ގޮތުގައި މި ދޮޅު ލިޓަރު ފެން ބޮޑެތި 5 ކޮޕީގަހަށް ޖެހިދާނެއެވެ.

އަޖިނަމޮޓޯ ދެވޭނެ ހަމައެކަނި ގޮތަކީ ފަތްތަކަށް އިސްޕްރޭކުރުމެއް ނޫނެވެ. ހަމަ މިންގަނޑުން އެހާ ފެން ތައްޔާރުކޮށްގެން ބޮޑު 2 ކޮޕީ ގަހުގެ ބުޑަށް ވެސް ދެވިދާނެއެވެ.

2. ފްލޯރަލް 20 20 20 ދިނުން

ފްލޯރަލް އަކީ އިޓަލީގެ ސިފޯ ކުންފުނިން، ގިނަ ގައުމުތަކުގެ ފަސްގަނޑުގެ ޕީއެޗާ (ހުތްކަމާ) ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ފަސޭހައިން ގަސް ނަގާ ކުނޑި ކާނާއެކެވެ. މިއީ މިނެރަލް ކާނާއެކެވެ.

މި ކާނާގައި އެކުލެވިގެން ވަނީ ގަހަށް ބޭނުންވާ މައިގަނޑު އެލިމަންޓްސްތައް (އުންސުރުތައް/މާކަނާދުތައް) ކަމުގައިވާ ނައިޓްރިޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމް، މި އިން ކޮންމެ އުންސުރެއްގެ 20 އިން ސައްތަ އެވެ.

ކޮންމެ އުންސުރެއް އެއްވަރަށް އެކުލެވިގެންވާތީ މިއީ ބެލެންސްޑް (ހަމަ ހަމަ) ކާނާއެކޭ ކިޔައި އުޅެއެވެ. ބާކީ 40 އިން ސައްތައިގެ ތެރޭގައި، އެކި މިންވަރަށް ގަހަށް މަދުން ބޭނުންވާ އެހެނިހެން އުންސުރުތައް (ލީކަނާދުތައް) ހިމެނިފައި ހުރެއެވެ.

މިކާނާއިން ގަސް ފެހިކޮށް ވަރުގަދައަަށް ހައްދައިދެއެވެ. ކޮޕީފަތަށް އަރާ ދަނބުކުލަ އެރުން ހުއްޓުވައިދޭނެއެވެ. ގަހުގެ މޫތައް ތަރައްޤީކޮށްދީ ގަހުގެ ޢާއްމު ޞިއްޙަތު ރަނގަޅުކޮށްދެއެވެ. އަދި ގަހުން ބައެއް މުހިއްމު އުންސުރުތައް މަދުވާ މަދުވުން ފޫބައްދައިދީ ގަސް ރީތިކޮށްދެއެވެ.

އެހެން ކުންފުނިތަކުން ވެސް އެކި ލޭބަލްތައް ނުވަތަ ބްރޭންޑުތައް ނަމުގައި 20 20 20 ޖަހާފައި ކާނާ ތައްޔާރުކޮށްފައި ހުރެއެވެ. މިއީ ނަކަލުކުރުމެއް ނޫނެވެ. އުންސުރުތަކުގެ އިން ސައްތަ ގެނެސްދިނުމެވެ. މިފަދަ ކާނާތައް އަގުހެވެވެ. ބޭނުންކުރާ މީހުންގެ ތަޖުރިބާ ތަފާތެވެ.

ފްލޯރަލް ކާނާގެ މި ވައްތަރުތަކަކީ ފެނަށް ގިރުވައިގެން ގަހުގެ ބުޑަށް ފެންދޭހެން ދެވޭ ކާނާއެކެވެ. އަދި ފަތްތަކަށް ސްޕްރޭވެސް ކުރެވިދާނެއެވެ. އެންމެ އެދެވޭ ނަތީޖާ ފެންނަނީ 2 ގުރާމް 1 ލިޓަރު ފެނުގެ ނިސްބަތުން، ދެ ހަފުތާއިން އެއް ހަފުތާ ބޭނުންކުރުމުންނެވެ.

ނަމަވެސް ކޮންމެ ގަސްކާނާ އެއްވެސް ބޭނުންކުރަން އެންމެ ރަނގަޅުވާނީ އެކާނާއެއް އުފެއްދި ކުންފުނިން ދީފައިވާ އިރުޝަދާ އެއްގޮތަށެވެ. ގަހުގެ ބާވަތާއި ދޭގޮތަށް ބަލައި ބިމުގެ ނިސްބަތަށް ވަކި މިންވަރެއް ދިނުމަށް އެފަދަ އިރުޝާދުތަކުގައި ހުރެެއެވެ.

3. ސިފަމިން ބީކޭ

ސިފަމިން ބީކޭ އަކީ ވެސް ސީފޯ ކުންފުނީގެ އުފެއްދުމެކެވެ. މިއީ ގަސް ހެދިގަތުމަށް ބޭނުންވާ ނައިޓްރިޖަން ލިއްބައިދޭ ކާނާއެކެވެ. މިއީ އޯގަނިކް (ގުދުރަތީ) ކާނާއެކެވެ.

މިކާނާގައި އެކި ވައްތަރުތަކުގެ އެމިނޯ އެސިޑްތައް އެކުލެވެއެވެ. މި މާއްދާތަކުން ގަހުގެ ދަރިމައިވުމުގެ ކަންކަން ރަނގަޅުކޮށްދީ މަތިވަރު ރަނގަޅުކޮށްދެއެވެ. ކޮޕީ ގަހަށް ވިސްނާނަމަ މިއީ ސީދާ ކޮޕީ ގަހަށް ބޭނުންވާ ފައިދާއެއް ނޫނެވެ.

ނަމަވެސް މިކާނާގައި ހުންނަ ބޯރޮން، މެންގަނީޒް އަދި ޒިންކުގެ މާއްދާތަކުން ގަސް ގުދުރަތީގޮތުން އިރުގެ އައްޔާއި ފެން ބޭނުންކޮށްގެން ކާނާ އާއި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތަށް އެހީތެރިވެދެއެވެ.

މިއީ ފަތްތަކަށް ސްޕްރޭކުރާ (ފޯލިއާ) ކާނާއެކެވެ. ދެ ހަފުތާއިން އެއް ހަފުތާ މީގެ 2 އެމްއެލް، 1 ލިޓަރު ފެނަށް ގިރާފައި ގަސްތަކަށް ޖެހިދާނެއެވެ. 1 ލިޓަރު ފެނުން މަދުވެގެން ބޮޑެތި 4 ކޮޕީ ގަހަށް ސްޕްރޭކުރެވޭނެއެވެ.

މި ގެނެސްދެވުނީ އަޅުގަނޑުމެންނާ ވަރަށް ގިނަ މީހުން ކުރާ ސުވާލެއްގެ ޖަވާބެވެ. ކޮޕީފަތް ބޮޑުކުރުމަށް މިއިން ކޮންމެވެސް އެއް ގޮތެއް އިޚުތިޔާރުކުރާށެވެ.