މާލޭގައި އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެންބަރު 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ، އިސްމާޢީލް ސާއިފް އަންހެން މީހާގެ އަތުން ތަކެތި ފޭރިފައިވަނީ ސައިކަލެއްގައި ދަމުން ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލަކީ ވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.

އިސްމާޢީލް ސާއިފް ފޭރުނު ވޮލެޓާއި ފޯނު ފުލުހުންވަނީ ހޯދާފައިވާއިރު، އަދި އޭނާ ދުއްވި ސައިކަލު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަވަމުންނެވެ.