ގައިންގަޔަށް ނާރާ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރާ އެންސީޑީ އެލަޔަންސް އިން ރާއްޖޭގައި ވޭޕް މަނާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެއެވެ.

މޯލްޑިވްސް އެންސީޑީ އެލަޔަންސް އުފައްދާފައި ވަނީ ރާއްޖޭގެ ހަތް ޖަމިއްޔާއެއް ގުޅިގެންނެވެ. އެ ޖަމިއްޔާތަކަކީ ކެންސަ ސޮސައިޓީ، ޑައިބެޓީސް ސޮސައިޓީ، ޝީ، ތެލެސީމިއާ ސޮސައިޓީ، މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަން، އެމްއޭޕީޑީ އަދި ޓައިނީ ހާޓްސް އެވެ.

Ad
rt

ވޭޕާއ-އީ ސިނގިރޭޓް ރާއްޖޭގައި މަނާކޮށްދެއްވުމަށް އެދި ރައީސްއަށް ސިޓީ ފޮނުވުމަށް ފަހު އެ އެލަޔަންސް އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ސިއްހަތަށް އެންމެ ބޮޑު ބުރައަކަށް ވެފައިވަނީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށާއި، އެ ބަލިތައް ޖެހުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެކައްޗަކީ ދުންފަތް ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ވަރަށް ބޮޑަށް ވޭޕްކުރާ މީހުންނާއި އީ-ސިނގިރޭޓް ބޭނުންކުރާ މީހުން އިތުރުވެފައި ވުމަކީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ސިނގިރޭޓުގައި ހިމެނޭ ނިކޮޓިން ފަދަ ކެންސަރު އަދި ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިކުރާ ކެމިކަލްތައް އީ-ސިނގިރޭޓާއި ވޭޕްގައި ހުންނަކަން ފާހަގަކޮށް އެންސީޑީން ބުނީ ވޭޕާއި އީ-ސިނގިރޭޓްގެ ސަބަބުން ސިއްހީގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވަމުން އަންނާތީ، އެ ތަކެތި އަވަސް ގޮތެއްގައި މަނާކުރަން ޖެހޭ ކަމަށެވެ.

މިފަދައިން ފިޔަވަޅު އެޅިއްޖެނަމަ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުވެ ސިއްހީ ހާލަތު ބޮޑުތަނުން ރަނގަޅުވެގެން އަންނާނެ ކަމުގައި އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި މަސްތުވާތަކެއްޗަށް ދެވި ހިފުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމުގައި ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ވޭޕު މަނާކުރަން ވިސްނަމުން އަންނަ ކަމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވަނީ މިދިޔަ ޖުލައި މަހު ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ރަސްމީ ސިފައެއްގައި އެފަދަ އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައި ނުވެއެވެ.