މަތީ ސާނަވީގައި ކިޔެވުމުގެ ފުރުސަތު ހޯދުމަށް ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް ފޯމު ހުށަހަޅައި، އެޕްލިކޭޝަނަށް ޖާގަ ހަމަޖައްސައި ރަޖިސްޓަރީވާން އަންގާފައި ވަނިކޮށް، އެ ޖާގަ ދޫކޮށްލައި މާލޭގައި ހުރި މަތީ ސާނަވީ އެހެން ސްކޫލަކަށް ވަންނަ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ފީ ދައްކައި ނުދޭނެކަމަށް ބުނެ އެ ފަރާތްތަކަށް ސިޓީ ފޮނުވައިފިއެވެ.

މާލޭ ސަރަހައްދުގައި މިވަގުތު މަތީ ސާނަވީއަށް ތައުލީމް ފޯރުކޮށްދޭ ހުރީ ތިން ސްކޫލެކެވެ. އެއީ ސީއެޗްއެސްއީއާއި، ވިލާ އިންޓަނޭޝަނަލް ހައިސްކޫލްގެ އިތުރުން އަހުމަދިއްޔާއެވެ. މީގެ ތެރެއިން އަހުމަދިއްޔާއައި ސީއެޗްއެސްއީ ގައި މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ ފީ ދައްކައި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ދަރިވަރުންގެ މަހު ފީ ގޮތުގައި ސަރުކާރުން ދައްކަން ނިންމާފައި ވަނީ މަހަކަށް ދަރިވަރަކަށް 3200 (ތިންހާސް ދުއިސައްތަ) ރުފިޔާއެވެ.

Ad
rt

ނަމަވެސް ސީއެޗްއެސްއީ އަށް ފޯމު ހުށަހެޅުމަށް ފަހު އެތާ ރަޖިސްޓަރީ ނުވެ މާލޭ ސަރަހައްދުގެ އެހެން ސްކޫލަކަށް ވަދެއްޖެނަމަ އެ ދަރިވަރުގެ ފީ މިނިސްޓްރީން ނުދައްކާނެ ކަމަށްބުނެ ބެލެނިވެރިންނަށް ސިޓީ ފޮނުވުމުން، ބެލެނިވެރިންގެ މެދުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.

އެ ސިޓީގައި ބުނެފައި ވަނީ މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ހޯދުމަށް ސީއެޗްއެސްއީ އަށް ހުށަހަޅާފައިވާ އެކްލިކޭޝަނަށް ޖާގަ ހަމަޖައްސައި ދިނުމަށް ފަހު، ރަޖިސްޓަރީ ކުރުމަށް އީމެއިލް ފޮނުވުމުން ވެސް ރަޖިސްޓަރީ ކޮށްފައި ނުވާ ފަރާތްތަކުން، މި މަހުގެ 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަން ނިންމެވުމަށެވެ.

ރަޖިސްޓަރީ ކުރުމަށް ދީފައިވާ ވަގުތަށް ރަޖިސްޓްރޭޝަން ފުރިހަމަ ކޮށްފައި ނުވާނަމަ ބަލާނީ ދަރިވަރަށް ދީފައިވާ ޖާގަ ދޫކޮށްލީ ކަމަށާއި، އަދި ސީއެޗްއެސްއީ އިން ދީފައިވާ ޖާގަ ދޫކޮށްލުމަށް ފަހު މާލޭގަ ހުރި އެހެން މަތީ ސާނަވީ ސްކޫލަކަށް ވަންނަ ދަރިވަރުންނަށް، ސްކޫލަށް ދައްކަންޖެހޭ ފީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުދައްކާނެ ކަމަށެވެ. އެ ސިޓީގައި ބުނެފައި ވެއެވެ.

މި ސިޓީ ލިބުނު ބެލެނިވެރިއަކު މި ނޫހާއި ވާހަކަ ދައްކަމުން ބުނީ އަމިއްލަ ރަށު ސްކޫލުގައި މަތީ ސާނަވީއަށް ކިޔަވައި ދެމުން ނުދާތީއާއިއެކު ދަރިފުޅު އޯލެވެލް ނިމުމުން މާލެ ގެނެސް މަތީ ސާނަވީއަށް ވައްދަން ބޭނުންވީ އަހްމަދިއްޔާއަށް ކަމަށެވެ.

އަހްމަދިއްޔާއަށް ފޯމު ހުށަހެޅުމުން، އެ ފަރާތުގެ އެދުމާއިއެކު ސީއެޗްއެސްއީ އަށް ފޯމު ލާން ނިންމީ ދެ ތަނުގައި ވެސް ދަރިވަރުން ވައްދަން ހުޅުވާލާފައިވާ ފުރުސަތު ބަންދުވާން އޮތީ ދާދި އެކުއެކީގައި ކަމަށް ވުމުން އަހުމަދިއްޔާއިން ފުރުސަތު ނުލިބިއްޖެ ހާލަތެއްގައި ސީއެޗްއެސްއީގެ ޖާގައެއް ވެސް ނުލިބުމުގެ ފުރުސަތު އޮތުމާއި އެކު ރިސްކެއް ނަގަން ބޭނުން ނުވާތީ ކަމަށް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ދަރިފުޅުގެ ޝަރުތު ހަމަވާކަމަށް އަހުމަދިއްޔާއިން، ސީއެޗްއެސްއީއަށް ވުރެ އެއް ދުވަސް ކުރިން އެންގި ކަމަށާއި، އެނގުމާއިއެކު ސީއެޗްއެސްއީ އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރި ކަމަށެވެ.

އަހުމަދިއްޔާގެ މަތީ ސާނަވީގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށަން ތާވަލު ކޮށްފައި އޮތުމާއިއެކު ދަރިފުޅުގެ ޔުނީފޯމާއި އަދި ވެސް ސްކޫލަށް ބޭނުންވާ ސާމާނު ހަމަކޮށްފައި ވަނިކޮށް، މިއަދު (އަންގާރަ) ދުވަހުގެ ހަވީރުވާން އުޅެނިކޮށް ސީއެޗްއެސްއީ އިން އެ ސިޓީ މެއިލް ކޮށްފައިވާ ކަމަށެވެ.

އޭނާ އިތުރަށް ބުނީ އެ މީހެއްގެ ދަރިއެއް ވައްދާނެ ސްކޫލެއް އެނގޭނީ އެ މީހަކަށް ކަމަށާއި، އެއީ އެކަން އޮންނަން ޖެހޭނެ ގޮތް ކަމުގައި ދެކޭ ކަމަށެވެ. ވަކިގޮތަކަށް އަމަލުކުރާ ދަރިވަރުންގެ ފީ މިނިސްޓްރީން ނުދައްކާނެކަމަށެ ބުނެ، ސީއެޗްއެސްއީ އިން ސިޓީ ފޮނުވުމަކީ މިފަދަ ޒަމާނެއްގައި އެއްވެސް ގޮތަކަށް ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އާންމު މީހަކަށް މަހަކު 3200 ރުފިޔާގެ ފީއެއް ދެއްކުމަކީ ވާނޭ ކަމެއް ނޫންކަން ފާހަގަ ކުރަމުން އޭނާ ބުނީ މިކަމާއި ވަރަށް ގިނަ ބެލެނިވެރިން ސީއެޗްއެސްއީ ގައި މިހާތަނަށް ވެސް ޝަކުވާކޮށްފައިވާ ކަމަށެވެ. ތައުލީމީ ނިޒާމަށް މިފަދަ ގޮތަކަށް ބާރު ފޯރުވުމަކީ ގައުމީ މައްސަލައެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަ ކޮށްފައެވެ.