ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅު ރަށްތަކަށް ބާއްވާ "ތިލައުތުރު ލާމަރުކަޒީ މަހާސިންތާ" ފަށައިފިއެވެ.
މި މަހާސިންތާއަކީ މި މަހުގެ 29 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާ މިއަދު އަތޮޅު ކައުންސިލް ސްޓޭޓް ހައުސް ކޮންފަރެންސް ހޯލުގައި ވަނީ ފަށާފައެވެ. މި މަހާސިންތާގައި ޖުމްލަ 70 ފަރާތަކުން ބައިވެރިވެއެވެ.
މި މަހާސިންތާ ބޭއްވުމުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އިދާރީގޮތުންނާއި މާލީގޮތުން ހއ.އަތޮޅުގެ ކައުންސިލްތައް ބާރުވެރިކުރުވައި، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް މުޅި އަތޮޅުގައި ގާއިމުކޮށް ލާމަރުކަޒީ ނިޒާމުގެ ފައިދާ އެދެވޭގޮތުގައި އަތޮޅުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ އަދި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލުތައް ބާރުވެރިކުރުވައި ރަށު ކައުންސިލްތަކަށް މި ނިޒާމު ހަރުދާނާކޮށް ހިންގައި ކުރިއަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަކީ ވެސް މި މަހާސިންތާގެ މަގުސަދުގެ ތެރޭ ހިމެނޭ ކަންކަމެވެ.
މި މަހާސިންތާ އަމާޒުކޮށްފައި ވަނީ ހއ.އަތޮޅުގެ ރަށްރަށުގެ ކައުންސިލްގެ ރައީސުންނާއި، ކައުންސިލް މެންބަރުންނާއި ސެކެޓަރީ ޖެނެރަލުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއިންނާއި ރަށްރަށުގެ ކުލަބު ޖަމިއްޔާތަކުގެ އިސްފަރާތްތަކަށެވެ.
މި މަހާސިންތާގައި ފެސިލިޓޭޓްކޮށްދެއްވަނީ ލޯކަލް ގަވާރމަންޓް އޮތޯރިޓީގެ ޑިރެކްޓާރ ޖެނެރަލް އާދަމް ޝަރީފް އަހްމަދާއި ސީނިއަރ ޕްލޭނިން އޮފިސަރ އިބްރާހިމް ޝަރަފް ތައުފީގެވެ.
މި މަހާސިންތާ ކުރިއަށްދާއިރު މައުލުމާތު ސެޝަންތަކެއް ވެސް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މައުލޫމާތު ހޯދައި ލިބިގަތުމާއި މައުލޫމާތު ހާމަކުރުމުގެ ގޮތުން މައުލޫމާތު ސެޝަން ނަންގަވައި ދެއްވަން ހަމަޖެހިފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރު އޮފީހުގެ ސެކްރެޓަރީ ޖެނެރަލް އިދުރީސް އިސްމާއީލެވެ. އަދި ކޮރަޕްޝަނަށް ހޭލުންތެރި ކުރުވުމުގެ ސެޝަން ނަންގަވައި ދެއްވަން ހަމަޖެހިފައި ވަނީ، އެންޓި-ކޮރޮޕްޝަން ކޮމިޝަނުގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން އަލްފާޟިލް ޢަލީ ޝަމީމް އާދަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!